އެމްޑީޕީގެ ރިޔާސީ ޓިކެޓް ފައްޔާޒަށް ދިނުމަށް ނިޒާރު ތާއީދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްއަށް ދިނުމަށް، އައްޑޫ މޭޔަރު އަލީ ނިޒާރު ތާއީދު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރިޔާސީ ރޭހަށް ފައްޔާޒު ނުކުންނަވައި، އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާކަން އެ ދެ ބޭފުޅުން ވަނީ މިދިޔަ ހަފުތާގެ ތެރޭގައި އިއުލާން ކުރައްވައިފަ އެވެ. 
ތަފްސީލް - ނިޒާރު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެޔޮ ވެރިކަމުގެ މިސްރާބަށް ރާއްޖެ ކުރާ ދަތުރުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ހާއްސަކޮށް، އެމްޑީޕީއާ އިދިކީލަ ސިޔާސީ ފިކުރުތަކަކީ 'ހުދުމުހުތާރު' ވިސްނުންތަކެއް ކަމުން، ޕާޓީގެ ހިންގުން ހަރުދަނާ ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެހެންވެ، ނަޝީދު އަލުން ސިޔާސީ މަސައްކަތްތަކަށް ނުކުންނަވައި، ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕާޓީގެ ކުރީގެ ޗެއާޕާސަން އުސްތާޒް ފައްޔާޒަށް ރިޔާސީ ޓިކެޓް ހޯދަދިނުމަށް ތާއިދު ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމަކީ އަޅުގަނޑަށް ވަރަށްބޮޑަށް ތާއީދުކުރެވޭ އަގުހުރި ނިންމެވުމެއް،" ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފައްޔާޒަކީ ރާއްޖެއަށް ބޮޑެތި ސިޔާސީ އިސްލާހުތައް ގެންނަން ޖެހޭ މި ދަނޑިވަޅުގައި، ކެރިގެން އެކަން ކުރެވޭނެ ސިޔާސީ ލީޑަރެކެވެ.
"ދެ ބޭފުޅުންނަށް ވެސް ކާމިޔާބީއަށް އެދެން،" ނިޒާރު ވިދާޅުވި އެވެ.
ގުޅުންހުރި - އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި މަގާމަށް ނަޝީދާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.
މީކާއިލް ވަނީ އޭނާގެ ކެމްޕެއިން 'އިތުބާރު' މިއަދު ރަސްމީކޮށް ފައްޓަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ