ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓުގެ ނިންމުންވެގެން ދާނީ ރައްޔިތުން މިހާރުވެސް ނިންމާފައި އޮތް ގޮތަށް ކަމަށާއި އުފާވެރި ހަބަރެއް ލިބޭނެ ކަން ކަށަވަރުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ އދ. ދިގުރަށަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަނާއި އަނިޔާވެރިކަމަށް ދިވެހިން ނޫނެކޭ ބުނެ ބޮޑު މަންޒަރު މިދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުން ދައްކާފައިވާ ކަމަށާއި ނަމަވެސް އެ ނިންމުމުގެ ތެރެއަށް ވަދެ ބަލި ގަބޫލު ނުކުރައްވަން ރައީސް ޔާމީން އުޅުއްވާ ކަމަށެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ރައްޔިތުންނަށް އިތުރު އުނދަގުލެއް ކުރިމަތި ކުރުވުމަށް ކަމަށާއި ނަމަވެސް އެއްވެސް ރައްޔިތަކު ހާސް ނުވުމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމިގެން ދާނީ އުފާވެރި ހަބަރަކާއެކުގައި ކަން ޔަގީން ކަށަވަރުވާ ކަމަށާއި މައްސަލަ ނިމިގެން ދާނީ ދާއިމީ ނަތީޖާއާ އެއްގޮތަކަށް ކަމަށެވެ. އެކަން އެނގެނީ އިންތިހާބަކީ ސަރުކާރުން ބޭނުންވާ އީސީގެ މެންބަރުން ހިމަނައިގެން ވިޔަސް ކުރިޔަށް ދިޔަ އިންސާފުވެރި އަދި ދެފުށް ފެންނަަ އިންތިހާބަކަށް ވާތީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާލާނީ މާޔޫސްވެވަޑައި ނުގަންނަވާށޭ، ގާނޫނީ ހަމަތަކުގައި ތިބެގެން އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިނގާށޭ، އޭރުންނޭ އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނީ، އިރާދަކުރެއްވީއާ އަޅުގަނޑުމެންނަށް އުފާވެރި ހަބަރުތަކެއް ލިބިގެން ދާނެކަން އަޅުގަނޑުމެން ޔަގީން ކުރަން ކަށަވަރު ކުރަން،" ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންނަށް އިތުރު އުނދަގޫ ނުކުރުމަށް ރައީސް ޔާމީނަށް އިލްތިމާސް ކުރައްވަމުން ގާސިމް ވަނީ ކުރިން ވެސް ހެއްދެވި ގޮތަށް ބަލި ގަބޫލު ކުރެއްވުމަށް ރައީސް ޔާމީނަށް ގޮވާލައްވާފައެވެ.
އިންތިހާބުން ނާކާމިޔާބުވެވަޑައިގަތުމާއެކު އެކަން ފުރަތަމަ ގަބޫލު ކުރެއްވި ނަމަވެސް ފަހުން އެ ވިސްނުން ބަދަލު ކުރައްވައި، އިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އިންތިހާބު ބާތިލުކުރުމަށް ރައީސް ޔާމީންވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ. ސްޕްރީމް ކޯޓަށް ހުށަހެޅުއްވި އެ މައްސަލާގައި އެދިވަޑައިގެންފައިވަނީ ރިޔާސީ އިންތިހާބުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ސުޕްރީމް ކޯޓުގެ ގައިޑްލައިންއާ ހިލާފަށް ހިންގާފައިވާ ކަންކަން ފުލުހުންނާއި ސިފައިން މެދުވެރިކޮށް ތަހުގީގުކޮށްދީ، އެ އިންތިހާބަކީ ޝަހުސިއްޔަތު ގެއްލިފައިވާ ބާތިލްވެފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައި އިންތިހާބު އަލުން ބޭއްވުމުގެ އަމުރެއް އިލެކްޝަން ކޮމިޝަންގެ މައްޗަށް ނެރެދިނުމަށެވެ.
މާޔޫސްނުވޭ, އުފާވެރި ހަބަރުތަކެއް ލިބިގެން ދާނެކަން ކަށަވަރު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ