އިލެކްޝަންސް ކޮމިޝަނުންގެ ނިންމުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމާމެދު އުފެދިފައިވާ ޚިލާފު އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނިންމި ނިންމުގެ ސަބަބުން ނެތިގެން ހިނގައްޖެ ކަމަށާއި ގޮނޑި ގެއްލުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ދެން އިތުރަށް ބަލަންޖެހޭ މައްސަލައެއް ނެތް ކަމަށް ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ސުޕްރީމް ކޯޓުން ރޭ ބާތިލް ކޮށްފައި ވަނިކޮށެވެ.
"ވީޓީވީ" ގައި މިރޭ ވާހަކަފުޅު ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ 12 މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅީ އެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންް ކޮމިޝަނުން ކަނޑައެޅުމުން ކަމަށާއި މައްސަލަ ނުނިމި ލަސްވާތީ އެ 12 މެމްބަރުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ގާނޫނާ ޚިލާފު ކަމަށް ބަޔާންކޮށް އެ ނިންމުން މުރާޖާކޮށްދޭން އެދިފައި ކަމަށެވެ. މެމްބަރުން އެދުމުން އެ ނިންމުން މުރާޖާކޮށް ކުރިން ނިންމި ނިންމުން ބާތިލްކޮށްފައިވާއިވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
"އިލެކްޝަންސް ކޮމިޝަނުން ގާނޫނު އަސާސީއާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ބަޔާންކޮށް 12 މެމްބަރުން އިލެކްޝަންސް ކޮމިޝަނަށް މި ހުށަހަޅަނީ. ދެން އިލެކްޝަންސް ކޮމިޝަނުން މި ބުނަނީ އާނ އޯކޭއޭ ތިމަންނަމެންގެ މައްސަލައެއް މިހާރު ނެތޭ. 12 މެމްބަރުން އެބުނަނީ ހަމަ ރަނގަޅު ވާހަކައެކޭ. އެމީހުންނަކީ ހަގީގަތުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނޭ. އެމީހުންގެ ގޮނޑިއެއް ނުގެއްލެއޭ. އެހެންވީމަ އިތުރަށް ސުޕްރީމް ކޯޓުން މައްސަލަ ބަލަންޖެހޭ ސަބަބެއް ނެތެއް ނޫންތޯ. މައްސަލަ ނިމުނީ ނޫންތޯ" އަލީ ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގޮނޑި ގެއްލިއްޖެ ކަމަށް ކުރިން ނިންމި ނިންމުން މުރާޖާކޮށް ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުނުން ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް ވަނީ ހައްލު ލިބިފައި ކަމަށެވެ.
"އަޅުގަނޑު ދަންނަވަން މިއުޅެނީ އެ ޚުސޫމަތު ނެތި ދިޔައީއޭ، އެ ޝަކުވާ ނެތި ދިޔައީއޭ. އެއްވެސް ޝަކުވާއެއް ނެތޭ. މައްސަލައެއް ނެތޭ. ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ އިތުރަށް ކުރިއަށްގެންދަން ޖެހޭނެ އެއްވެސް ސަބަބެއްވެސް ނެތޭ،" އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުން އެގެންދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި މީގެކުރިން ގޮނޑީގެ މައްސަލާގައި އެ ކޮމިޝަނުން ގޮތް ނިންމީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެ ކޮމިޝަނަށް ނުފޫޒު ފޯރުވާފައި ވަނިކޮށް ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިތާ ހައެއްކަ ގަޑިއިރު ފަހުން ދެންމެ ސުޕްރީމް ކޯޓުން ނެރުއްވި އަމުރެއްގައި ވިދާޅުވީ ރައްޔިތުން މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގައި ހަމަވޭތޯ ނުވަތަ އެ މަޖިލީހުގެ މެންބަރަކު މަގަމުން ވަކިކުރާން ޖެހިއްޖެތޯ ބެލުމުގައިނުވަތަ އެމަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާއި މެދު ހިލާފެއް އުފެދިއްޖެނަމަ އެމައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށް ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ރޭ ވަނީ ވިދާޅުވެފައެވެ.
ގޮނޑި ގެއްލުނު މައްސަލަ މިހާރު ސުޕްރީމް ކޯޓުން ބަލާކަށް ނުޖެހޭ – އަލީ ހުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ