"ސިޓީސްކޭޕް އެވޯޑްސް 2018"ގެ އެންމެ މޮޅު މާސްޓަރޕްލޭނަކަށް ހުޅުމާލެ މަޝްރޫޢު
ބައިނަލްއަޤްވާމީ ފެންވަރުގައި ދޭ އެވޯޑެއްކަމަށްވާ "ސިޓީސްކޭޕް އެވޯޑްސް 2018" ގެ އެންމެ މޮޅު މާސްޓަރޕްލޭން އެވޯޑު ހުޅުމާލެ ތަރައްޤީކުރުމުގެ މަޝްރޫޢަށް ލިބިއްޖެއެވެ.ރިއަލް އެސްޓޭޓްގެ ދާއިރާއިންދޭ އެންމެ ޝަރަފުވެރި އެއް އެވޯޑުކަމަށްވާ "ސިޓީސްކޭޕް އެވޯޑްސް 2018"ގެ ފައިނަލިސްޓުންގެ ތެރެއިން އެވޯޑުތައް ހާސިލުކުރި ފަރާތްތައް އިޢުލާންކޮށްފައިވަނީ އެކަމަށްޓަކާ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި މި މަހުގެ ދެވަނަ ދުވަހުގެ ރޭ ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. އެ އެވޯޑަށް ހުޅުމާލޭ ނޮމިނޭޓްވެފައިވަނީ މާސްޓަރޕްލޭން ޕްރޮޖެކްޓް އެވޯޑްގެ ކެޓަގަރީންނެވެ. އެ ކެޓެގަރީއަށް ޖުމްލަ 5 ފަރާތެއް ނޮމިނޭޓްވެފައިވާއިރު ހުޅުމާލޭގެ އިތުރުން ދެން ނޮމިނޭޓްވެފައިވަނީ މުޅިންވެސް ޔޫ.އޭ.އީއަށް ނިސްބަތްވާ ކުންފުނިތަކެވެ. ޒުވާނުންގެ ސިޓީގެ ގޮތުގައި ސަރުކާރުން ތަރައްޤީކުރާ ހުޅުމާލެއަކީ ރާއްޖޭގައި ނިސްބަތުން އެންމެގިނަ ރިއަލްއެސްޓޭޓް އަދި ކޮންސްޓްރަކްޝަން މަޝްރޫޢުތައް މިވަގުތު ކުރިއަށްދާ އެއް ސަރަޙައްދެވެ. ހުޅުމާލެ ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ ރައްޔިތުންގެ މުސްތަޤުބަލާ ގުޅިފައިވާ ވަރަށްވެސް އުއްމީދީ މަޝްރޫޢެއްގެ ގޮތުގައި ސިޓީސްކޭޕް އެވޯޑްސްއިންވަނީ ފާހަގަ ކޮށްފައެވެ. ސިޓީސްކޭޕް އެވޯޑްސް 2018" އަކީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ ކުންފުނިތަކަށް އަމާޒުކޮށްގެން ބޮޑެތި އެގްޒިބިޝަންތަކާއި ކޮންފަރެންސްތައް ބޭއްވުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ދުބާއީގެ މަޝްހޫރު ނެޓްވޯކެއްކަމަށްވާ ސިޓީސްކޭޕް ގްލޯބަލްއިން ދެމުން އަންނަ އެވޯޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ