އިންތިޚާބުން ހާމަވެގެންދިޔައީ ރައްޔިތުން ބޭނުންވާގޮތް، ނަތީޖާއަށް އިހްތިރާމް ކުރަންޖެހޭނެ: އެމެރިކާ

ރިޔާސީ އިންތިޚާބުން ހާމަވެގެންދިޔައީ ރާއްޖޭގެ ރައްޔިތުން ބޭނުންވާގޮތް ކަމަށާއި، އެހެންކަމުން ހުރިހާ ފަރާތަކުންވެސް އިންތިޚާބުގެ ނަތީޖާއަށް އިހްތިރާމް ކުރަންޖެހޭނޭ ކަމަށްވެސް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ޚާރިޖިއްޔާގެ މިއަދު ނެރުއްވި ބަޔާނުގައި ވަނީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމިގޮތް ގަބޫލުކޮށް، ނޮވެމްބަރު 17 ގެ ކުރިން ވެރިކަމުގެ ބާރުތައް ސުލްހަވެރި މަގުން ބަދަލުކުރުމުގައި ހުރިހާ ފަރާތަކުންވެސް ތާއީދު ދޭނޭކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ބޮޑެތި ގޮންޖެހުންތަކާ އެކުވެސް ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ވޯޓްލާފައިވާތީ ރާއްޖޭގެ ރައްޔިތުންނަށް އެމެރިކާގެ ޚާރިޖީ ވަޒީރު މަރްހަބާ ވިދާޅުވި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެމެރިކާގެ ޚަރިޖިއްޔާއިން ހުކުރުދުވަހު މިފަދަ ބަޔާނެއް ނެރުއްވާފައިވާއިރު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭ ވަނީ އިންތިޚާބީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްއަށް ފޯނުން ގުޅުއްވައި އިންތިޚާބުގެ ކާމިޔާބީއަށް މަރްހަބާ ވިދާޅުވެފައެވެ. މައިކް ޕޮމްޕޭ ފޯނުން ގުޅުއްވާ މިއަދު ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި 23 ސެޕްޓެމްބަރުގައި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބާއި އަދި އިންތިޚާބުގެފަހުން ބާރުތައް ބަދަލު ކުރުމުގެ މަރްހަލާއާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް އިންތިޚާބީ ރައީސްގެ އޮފީހުން ހާމަކޮށްފައި ވެއެވެ.
އަދި މިފެށޭ ރިޔާސީ ދައުރުގައި ދިވެހިރާއްޖެއަށް އެކިއެކި ދާއިރާތަކުން އެމެރިކާއިން އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމުގައިވެސް ޚާރިޖީ ވަޒީރު، އިބްރާހިމް މުހަންމަދު ސޯލިހަށް ދެންނެވިކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ހާމަކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ