އިސް ކަމަކަށް ހަދަންވީ މަސައްކަތްތެރިންނަށް ހެޔޮގޮތް ހޯދައިދިނުން: ގާސިމް

ވަޒީފާދޭ ފަރާތްތަކާ ވަޒީފާ އަދާކުރާ ފަރާތްތަކަށް ހެޔޮގޮތްތައް ހޯދައިދިނުމަކީ ދިވެހި ގައުމީ އެޖެންޑާގައި އެންމެ އިސްކަން ދެވޭ މައްސަލަ ކަމުގައި ހަމަޖައްސަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މުޅި ދުނިޔޭގައި ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މަސައްކަތްތެރިން ކުރާ މަސައްކަތުގެ އަގުވަޒަން ކުރައްވާ ނެރުއްވި ބަޔާނެއްގަ އެވެ.
މިބަޔާނުގައި ގާސިމް އިބްރާހީމް ވަނީ ކޮންމެ މަސައްކަތްތެރިއަކީވެސް އަދި ކޮންމެ މުވައްޒަފަކީވެސް ގައުމަށްޓަކައި މުހިއްމު ވާޖިބުތަކެއް އަދާކުރާ އިހްތިރާމް ލިބިގެންވާ ޚިދުމަތްތެރިއެއް ކަމަށްވާތީ ހީވާގިކަމާ އިހްލާސްތެރިކަމާއެކު ކުރިއަށް ދިއުމަށް ހިތްވަރުދެއްވާފަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް އަދި ރާއްޖޭގައި ކަންކަން ހިނގަމުންދާގޮތަށް ފުންކޮށް ވިސްނާލާއިރު ވެސް ވަޒީފާ އަދާކުރާ ފަރާތާ ވަޒީފާދޭ ފަރާތުގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި އާ އުސޫލުތަކާ އާ ހަމަތައް ކަނޑައަޅައި އިސްލާހީ ހެޔޮ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކޮންމެ މަސައްކަތަކީވެސް ކާމިޔާބު މަސައްކަތަކަށް ހެދޭނީ، އަދި ކޮންމެ އިޤްތިޞާދަކީވެސް ހަރުދަނާ އިޤްތިޞާދަކަށްވާނީ، ވަޒީފާއަދާކުރާ ފަރާތާ ވަޒީފާދޭ ފަރާތާ ދެމެދު އޮންނަ ގުޅުމާ އިތުބާރު ހަރުދަނާކަންމަތީ ބޭއްވިގެންނެވެ. ވަޒީފާދޭ ފަރާތުން މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ގެންގުޅެގެންނެވެ،" ބަޔާނުގައިވެ އެވެ.
ވަޒީފާ ދިނުމުގައި ތިމާގެ މީހާއަށް ނުވަތަ ރަހްމަތްތެރިޔާއަށް ފަހިކޮށްދިނުމަށްވުރެ ބޮޑަށް ޕްރޮފެޝަނަލް އަދި ގާބިލް މީހާއަށް ވަޒީފާ ދިނުމުގައި އިސްކަން ދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ. އަދި ވަޒީފާ އަދާކުރާމީހާ ވެސް މަސައްކަތުގައި އިހްލާސްތެރިވެ ކުރާ މަސައްކަތަކީ ތިމާއާ ތިމާގެ އާއިލާގެ ފުދުންތެރިކަމަށްޓަކައި ކުރާ ކަމެއްކަމުގައި ދެކިގެން މަސައްކަތް ކުރުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.
"ދިވެހި ގައުމު ދުވަހުން ދުވަހަށް ކުރިއަރައި މިދަނީ ރާއްޖޭގެ އެއްގަމާ ކަނޑާ އަދި ވައިގެތެރޭގައި ވެސް މަސައްކަތްތެރީންނާ ހުނަރުވެރީންނާ މުވައްޒަފުން ހީވާގިކަމާ އިހްލާތެރިކަމާއެކު ކުރައްވަވާ މިންނެތް މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ. އެ މަސައްކަތްތަކަށްޓަކައި ކޮންމެ ދުވަހަކުމެ އަޅުގަނޑުމެން ފަޚުރުވެރިވެ ސެލިއުޓް ކުރަން ޖެހެއެވެ،" ބަޔާން ނިންމާލަމުން ގާސިމް އިބްރާހީމް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ