އިއްތިހާދު އެއާވޭސްގެ އާ ފްލައިޓެއް ރާއްޖެ ގެނެސްފި

ރާއްޖެއަށް ދަތުރުކުރާ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ކުންފުނި، އިއްތިހާދު އެއާވޭސްގެ ފަރާތުން ރާއްޖެއަށް ކުރާ ދަތުރުތައް ފުޅާ ކުރުމަށް އާ ފްލައިޓެއް ރާއްޖެ ގެނެސްފި އެވެ.
އެ ކުނފުނިން މި ފަހަރު ރާއްޖެ ގެނެސްފައި ވަނީ އެއާބަސް 330 މަރުކާގެ ފްލައިޓެކެވެ.
މި ފްލައިޓް ރަސްމީކޮށް ރާއްޖެ ގެނައުމަށް މިއަދު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމީޔާތު ޝަރަފުވެރި ކޮށްދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދު ވިދާޅުވީ މި ފްލައިޓްގެ ސަބަބުން ދިވެހި ރާއްޖެ ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާނެ ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
"މިކަމުގެ [ފްލައިޓްގެ] ސަބަބުން މިހާރު ދިމާވެފައިވާ ޓްރެފިކްގެ މައްސަލަ ހައްލުވެ ގިނަ ފަތުރުވެރިންނަށް ރާއްޖެ ޒިޔާރަތް ކުރެވޭނެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅު ވެގެން ދާނެ،" ސައީދު ވިދާޅުވި އެވެ.
މި ރަސްމީޔާތުގައި އިއްތިހާދު އެއާވޭސްގެ ޖެނެރަލް މެނޭޖަރު ހަސަން އަލް ހާޝިމީ ވިދާޅުވީ މި ގެނެެވުނު ފްލައިޓްގެ ސަބަބުން ރާއްޖެއާއި ޔޫއޭއީއާއި ދެމެދު އޮތް ގުޅުން ވަރުގަދަވެ ބަދަހި ވެގެން ދާނެ ކަމަށެވެ. ހާޝިމީ ވިދާޅުވީ 22 ބިޒްނަސް ކްލާސް ސީޓާއި 240 އިކޮނޮމީ ކްލާސް ސީޓާއި އެކު އިއްތިހާދު އެއާވޭސް އިން ދަތުރުކުރާ ފަސިންޖަރުންގެ އަދަދު 1904 އިން 3368 އަށް މައްޗަށް ދާނެ ކަމަށެވެ.
މި ރަސްމީޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމާއި އެންވަޔަރަންމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމްއާއި މެންޗެސްޓަ ސިޓީގެ ބްރޭންޑް އެމްބެސެޑަރު މައިކް ސަމާބީ ގެ އިތުރުން އެމްއޭސީއެލް އާއި އިތިހާދު އެއާވޭސްގެ މުއައްޒަފުން ބައިވެރިިވި އެވެ.
އިއްތިހާދު އެއާވޭސް ރާއްޖެއަށް ދަތުރު ކުރަން ފެށީ މީގެ ތިން އަހަރު ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ