ގައުމީ އިއްތިހާދު ޕާޓީ އުވާލައިފި

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އުފެއްދެވި ގައުމީ އިއްތިހާދު ޕާޓީ އުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ގައުމީ އިއްތިހާދު ޕާޓީ އުވާލާފައިވަނީ މިމަހުގެ ފަސްވަނަ ދުވަހު ކަމަށެވެ. އަދި އެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފައި ވަނީ އެ ޕާޓީ އުވާލަން ޕާޓީ އުފެއްދުމުގައި އުޅުނު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.
ގައުމީ އިްތިހާދު ޕާޓީ އުވާލުމަށް އެޕާޓީގެ ކައުންސިލްގެ އަގުލަބިއްޔަތުން ނިންމާފައިވަނީ ރައީސް ވަހީދުގެ ހުށަހެޅުއްވުމަކަށް 24 ޑިސެމްބަރު 2013 ގައެވެ.
ކައުންސިލުން އެގޮތަށް ނިންމީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން ކުދި ޕާޓީތައް ހިންގުމަކީ އިގްތިސާދީ ގޮތުން ހުރި ބޮޑު ގޮންޖެހުމެއް ކަމަށް ފެންނާތީ ކަމުގައި އޭރު ގައުމީ އިއްތިހާދު ޕާޓީން ބުނެފައިވެ އެވެ. ގައުމީ އިއްތިހާދު ޕާޓީ އުވާލަން އެޕާޓީގެ ކައުންސިލުން ނިންމުމަށްފަހު އިލެކްޝަނުން މިމައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ރައީސް ވަހީދު ވަނީ ޕީޕީއެމްއާއި ގުޅިވަޑައިގެންފަ އެވެ.
ގައުމީ އިއްތިހާދު ޕާޓީ އުވާލަން އެ ޕާޓީގެ ކައުންސިލުން ނިންމިއިރު 3،000 އަށް ވުރެ ގިނަ މެންބަރުން އެ ޕާޓީގައި ހިމެނެ އެވެ. ގައުމީ އިއްތިހާދު ޕާޓީ، ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ ސެޕްޓެމްބަރު 04، 2008 ގައެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ވެސް އުވާލާފަ އެވެ. އެޕާޓީ އަކީ ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީ އެކެވެ. އެމްއާރްއެމް އުވާލުމަށް ވެސް އިލެކްޝަނުން ނިންމީ އެ ޕާޓީން އެގޮތަށް އެދުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ