ޓެކްސް އެޕީލް ޓުރެބިއުނަލުގެ މެމްބަރު ކަމަށް، ފަސް ބޭފުޅަކަށް ރުހުން ދީފި
ޓެކުސް ނެގުމުގެ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓެކުސް އެޕީލް ޓުރައިބިއުނަލުގެ މެމްބަރު ކަމަށް ފަސް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. އެ ފަސް ބޭފުޅުންގެ ނަންފުޅަށް މަޖިލީހުން ރުހުން ލިބިވަޑައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން ނެވެ. މެމްބަރު ކަމަށް އައްޔަން ކުރެއްވި ބޭފުޅުން: ލ. މާވަށް ނަލަމަލަ، ނަޞްރުﷲ ޖަމީލް ގ. މާވާރުލު، ހަސަން ޒުހައިރު މުހައްމަދު ގ. ގޮފި، ފާތިމަތު މިންހަތު އިއްޒަތު ގދ. ހޯނޑެއްދޫ ވައިލެޓް ފެހި، އާމިނަތު ފަރީޝާ މއ. ޕެންޒީވިލާ އާއިޝަތު އަޒުފާ އަބްދުލްޣަފޫރު ޓެކްސް އެޕީލް ޓްރެބިއުނަލް މެމްބަރު ކަމަށް ފަސް މެމްބަރުން އައްޔަން ކުރެއްވުމަށް މިއަދު ފާސްކޮށްފައިވާ އިރު 23 ބޭފުޅެއްގެ ނަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ ދިރާސާކޮށްފަ އެވެ. ޓުރައިބިއުނަލްގެ މެންބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި މާލީ، ޓެކްސް، ވިޔަފާރިއާއި އިޤްތިޞާދު ނުވަތު ޤާނޫނީ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ އަދި ޓެކްސްއާ ގުޅުން ހުރި ސިޔާސަތުތަކާ ބެހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީ ގޮތުން ބައިވެރިވެވޭ ވަރުގެ ޤާބިލު ފަރާތެއްކަމުގައިވާން ޖެހެ އެވެ. އަދި އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވާން ޖެހެ އެވެ. ހަމައެއާ އެކު ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް އެ މަގާމަށް ކުރިމައްޗެއް ނުލެވެ އެވެ. އަދި އެއްވެސް ސިޔާސީ މަގާމެއްގައި ނެތް މީހަކަށް ވާންޖެހެ އެވެ. ޓެކުސް ނެގުމުގެ އިދާރީ ގާނޫނުގެ 56 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ޓެކުސް އެޕީލް ޓްރައިބިއުނަލް އެކުވެލިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށް ކަމަށެވެ. އަދި އެތަނަށް މެމްބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ