މެންބަރު ކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ބުނެ، ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ ގޮނޑިއާ މެދު ސުވާލު އުފައްދާ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އަލީ ހުށަހަޅުއްވާފައިވާ މި މައްސަލައިގައި އެދިފައިވަނީ، މެންބަރު ޔައުގޫބު އަބްދުﷲ ޤާނޫނު އަސާސީގެ 8 ވަނަ މާއްދާއާއި 73 ވަނަ މާއްދާއާ ހިލާފްވެވަޑައިގެންފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ދާންދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދެއްވުމަށެވެ.ޤާނޫނު އަސާސީގެ 8 ވަނަ މާއްދާ، ގާނޫނު އަސާސީގެ ސިޔާދަތުގައި ވަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިންކަމަށެވެ. އަދި 73 ވަނަ މާއްދާގައި ބަޔާން ކުރައްވާފައިވަނީ (ހ) ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކާއި، (ނ) މެމްބަރު ކަމުން ވަކި ކުރެވޭނެ ހާލަތްތަކާއި އަދި (ރ) މެމްބަރަކަށް ހުރެ އަދާ ނުކުރެވޭނެ ވަޒީފާތަކެވެ.ނިމިގެން ދިޔަ ސެޕްޓެމްބަރު ތެރޭގައި ދައުލަތުގެ އޮޑިޓާ ޖެނެރަލް ޙަސަން ޒިޔަތުވަނީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުގެ މަޤާމަށް ޔަޢުޤޫބު ޢައްޔަންކޮށްފައެވެ. އަދި ޔަޢުޤޫބުވަނީ އެ މަޤާމާ ހަވާލުވެވަޑައިގެން އެ މަޤާމުގެ ފަތްކޮޅާވެސް ހަވާލުވެވަޑައިގެންފައެވެ. ޤާނޫންއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި މަޖިލިހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާނުކުރެވޭނެ ކަމުގައި ބަޔާންކޮށްފައިވުމުން ޔައުބޫގުގެ ގޮނޑިއާ މެދު ސުވާލު އުފައްދާފައިވެއެވެ. އަދި އެ މޭރުމުން ފާޑުކިޔުން އަޒުވުމުން ޔައުގޫބު ވަނީ މަގާމުން އިސްތިއުފާ ދެއްވައި އެކަން އިއުލާނުކުރައްވައިފައެވެ.މި މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ ފަންނީ ދާއިރާތައް އަމިއްލަ އަށް ރެގިއުލޭޓް ކުރަން ގާނޫނުތަކުން އުފެދޭ ކައުންސިލްތަކަކީ ދައުލަތުގެ ވަޒީފާއެއް ނޫން ކަމަށެވެ. އަދި ޔައުގޫބު ހަވާލުވެވަޑައިގެން އައިސީއޭއެމްގެ މެންބަރު ކަމަކީ ދައުލަތުގެ ވަޒީފާއެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައިވެއެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމެއްގެ ލަފައެއްގެ މައްޗަށް ބިނާކޮށް ކޯޓުތަކަށް ކަންކަން ނުނިންމޭނެ ކަމަށްވެސް ހުކުމްގައިވެއެވެ. އަދި އެފަދަ ކަންކަން ކުރުމަކީ ކޯޓުތަކުން އަމިއްލަ އަށް ގާނޫނުއަސާސީ އަށް އުނިއިތުރު ގެނައުން ކަމަށްވެސް ހުކުމްގައިވެއެވެ. އަދި ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމައިފި ނަމަ އެކަމަކީ ސުޕްރީމް ކޯޓުން އަމިއްލަ އަށް ގާނޫނުއަސާސީ އިސްލާހު ކުރުން ކަމަށް ވެދާނެ ކަމަށް ހުކުމްގައި ބުނެފައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މެންބަރު ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ