ވަޒީރުކަމުގެ މަގާމުން އަމީން އިސްތިއުފާދެއްވަން ގާސިމް ވިދާޅުވި!

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި ދައުވާ އުފުލިފައިވާ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މަގާމުން އިސްތިއުފާދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވިކަމަށް އެޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވެއްޖެއެވެ.
ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރކަމުގެ މަގާމުވެސް އަދާކުރައްވާ އަލީ ސޯލިހް މިފަދައިން ވިދާޅުވީ ރޭ ސަންގުޓީވީން ގެނެސްދިން "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ޕްރޮގްރާމްގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން އަލީ ސޯލިހް ވިދާޅުވީ ކެބިނެޓްގެ ވަޒީރަކާއި މެދު ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅެއް އަޅުއްވައިފިނަމަ އެކަން ގަބޫލުކުރައްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް މީގެ ކުރިން ވިދާޅުވެފައިވާނެކަމަށެވެ. އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މަގާމުން ވަކިކުރުމަށް ނިންމެވި ނިންމެވުން ބަލައިގަނެ، އެބޭފުޅާގެ މައްސަލަ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީއަށްވެސް ވައްދާފައިވާނެކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ. ނަމަވެސްް އެ މައްސަލައިގައި ގޮތެއް ނުނިމި ދިގުލައިގެން ދާކަން ގަބޫލުކުރައްވާކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
މީގެ އިތުރުން ހެލްތު މިނިސްޓަރ އަމީންގެ މައްސަލައިގައިވެސް ގާސިމް އިސްވެ، އަމީން މަގާމުން އިސްތިއުފާ ދެއްވަން ވިދާޅުވިކަމަށް އަލީ ސޯލިހް ވަނީ ހާމަކުރައްވާފައެވެ. އަދި އެހާ ހިސާބަށް ކަންކަން ދާންޖެހޭނީ ނުބެލެހެއްޓިގެންކަމަށްވެސް ގާސިމް ވިދާޅުވިކަމަށް އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ.
"އެހެންވީމަ އަދި މަގާމުން އެކަހެރިވެ ވަޑައިގަތުމަކީ ޕާޓީގެ ލީޑަރ ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ހަމަޖެހޭ ކަމެއް ނޫނޭ. ހަމަ އޭރުން އެހާރުން އެހާރަށްވެސް އިސްތިއުފާ ދެއްވަން އަމީނަށް ދެންނެވި"، އަލީ ސޯލިހް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުނި މެދުވެެރިކޮށް ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރުމުގައި މިނިސްޓަރ އަމީންގެ ފަރާތުން ކޮރަޕްޝަނަށް މަގުފަހިވާފަދަ އަމަލުތަކެއް ހިންގާފައިވާކަމަށް އޭސީސީގެ ތަހުގީގަށް ވަނީ ސާބިތުވެފައެވެ.
އެހެންކަމުން އަމީންގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 511ވަނަ މާއްދާގެ (ހ)ގެ (2) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުން ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ