ކޯޓުތަކުގައި ހުރި އިންތިހާބާއި ގުޅޭ މައްސަލަތައް އަވަހަށް ނިންމަންޖެހޭ: އަލީ ނިޔާޒު

ކައުންސިލް އިންތިހާބާއި ގުޅޭގޮތުން ކޯޓުތަކަށް ހުށައަޅާފައިވާ މައްސަލަތައް އަވަހަށް ނިންމައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްތަކުގެ ހާއްސަ ޤާނޫނަށް އިސްލާހު ހުށައެޅުމަށްފަހު މަޖިލީހުގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ، އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުމަށް ގާނޫނަށް އިސްލާހު ގެނައިނަމަވެސް އިންތިހާބު ބޭއްވޭނީ ކައުންސިލް އިންތިހާބާއި ގުޅޭގޮތުން ކޯޓުތަކަށް ހުށައަޅާފައިވާ މައްސަލަތައް އަވަހަށް ނިމިގެންކަމަށެވެ. އިންތިހާބު އަވަހަށް ބޭއްވުމަށް ކޯޓްތަކަށް ހުށައަޅާފައިވާ މައްސަލަތަކުގެ ސަބަބުން ހުރަސްއެޅޭކަމަށާއި އެހެންކަމުން ހުރިހާ މުއައްސަސާތަކުންވެސް އިންތިހާބު އަވަހަށް ބޭއްވުމަށް އެއްބާރުލުން ދެއްވުމަށް އޭނާވަނީ އެދިފައެވެ.
އަލީ ނިޔާޒު ހުށަހެޅުއްވި މި ބިލާއި ގުޅޭ ގޮތުން ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ގާނޫނަށް ގެނެވޭ އިސްލާހުން ގާނޫނީ ހުރިހާ ހުރަސްތައް ނެތިގެންދާނެ ކަމަށެވެ.
ނިޔާޒު ވިދާޅުވީ އިންތިހާބާ ގުޅުންހުރި ތިން މައްސަލައެއް މިހާރު ވެސް ކޯޓުގައި ހިނގާ ކަމަށެވެ. އެއީ އިންތިހާބުގައި އަންހެނުންގެ ކޯޓާ އިތުރުކޮށްފައިވާތީ ހުށަޅާފައިވާ މައްސަލައަކާއި ޕީޕީއެމްގެ ކެންޑިިޑޭޓެއްގެ ކެންޑެސީ ބާތިލްވުމާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއްގެ އިތުރުން އިންތިހާބު ލަސްވުމާއި ގުޅިގެން 18 އަހަރު ފުރޭ ޒުވާނުންނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަލުން އިންތިހާބު އިއުލާން ކުރުމަށް ހުޅުވާލުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައެކެވެ.
މެމްބަރު އަލީ ނިޔާޒު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި، ކޯޓަށް މައްސަލަ ވެއްދުމުގެ މުއްދަތުގެ އިތުރުން ބައެއް އެހެން މުއްދަތަކުތަކަށް ވެސް ވަނީ ބަދަލު ގެންނަން ވަނީ ހުށައަޅާފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން އިންތިހާބު ފަސްކުރީ ހާއްސަ ޤާނޫނެއްގެ ދަށުން މި އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހަކީ އިންތިހާބު ބޭއްވުމަށް ކަނޑައެޅޭނެ އެންމެ ފަހު ތާރީހު ކަމަށް ބަޔާން ކުރުމަށްފަހުގައެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނަށް އިސްލާހުތަކެއް ގެނެސް މި ޖެނުއަރީ މަހު އެ އިސްލާހުތަކަށް އަމަލުކުރަން ފެށިއްޖެނަމަ ލޯކަލް ކައުންސިލް އިންތިހާބު 3 އޭޕްރީލުގައި ބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ