ކުރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ދެ ޤާޟީއެއްގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ފަށައިފި

ސިވިލް ކޯޓާއި ކުރިމިނަލް ކޯޓުގެ ދެ ޤާޟީއެއްގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ފަށައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުން އެ ކޮމިޝަނުން ބަލަމުންދަނީ ކުރިމިނަލް ކޯޓުގެ ޤާޟީ މުޙައްމަދު ސަމީރުގެ މައްސަލައަކާއި ސިވިލް ކޯޓުގެ ޤާޟީ މަރިޔަމް ވަޙީދުގެ މައްސަލައެކެވެ.
ކުރިމިނަލް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަމީރާ ގުޅޭ ގޮތުން ޖޭއެސްސީއިން ތަހުގީގުކުރާ މައްސަލައަކީ އެ ކޯޓުގައި ބެލި މައްސަލައެއްގައި ދައުވާ ރައްދުވާ ފަރާތުގެ ވަކީލުން ދައްކަން ބޭނުންވި ޤާނޫނީ ވާހަކަތަކެއް ދެއްކުމުގެ ފުރުޞަތު ނުދެއްވައި މައްސަލަ ކުރިއަށް ގެންދެވި ކަމުގައި ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
އަދި ދައުވާ ރައްދުވާ ފަރާތުގެ ވަކީލުން ކުށްވެރިކުރައްވައި ވާހަކަދެއްކެވުމާއި، ވަކީލުންނާމެދު ތަޢައްޞުބެއް އޮތްކަން ހާމަވާ ގޮތަށް އަމަލުކުރެއްވި ކަމަށް ސަމީރާމެދު ތުހުމަތުކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. އަދި ޝަރީޢަތުގެ އަޑުއެހުން ކުރިއަށް ގެންދެވީ އެކަށީގެންނުވާ ގޮތަކަށް ކަމުގައިވެސް ތުހުމަތުވާ ކަމުގައި ޖޭއެސްސީން ބުންޏެވެ.
ސިވިލް ކޯޓުގެ ޤާޟީ މަރިޔަމް ވަޙީދަށް ތުހުމަތުވަނީ ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔަ ތަންފީޒު މައްސަލައެއްގައި ދެ ޚަޞްމުންގެ ތެރެއިން އެކަކާ ބައްދަލުކުރައްވައި އެ ޤަޟިއްޔާއާ ގުޅޭ ގޮތުން މުއާމަލާތްކުރެއްވި ކަމުގެ ތުހުމަތުގައެވެ. އަދި ތަންފީޒު މައްސަލަތަކުގައި އަމަލުކުރާ އުޞޫލާ މުޅިން ޚިލާފަށް އޭނާ އަމަލުކުރެއްވި ކަމަށް ތުހުމަތުވާ މައްސަލައެއްވެސް އެ ކޮމިޝަނުން ބަލަމުންދާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަނުންވަނީ މި ދެ ޤާޟީންނާމެދު ތުހުމަތުވާ މައްސަލަތައް ތަހުގީގުކުރަން ނިންމާފައެވެ. އައި އެ މައްސަލަތައް ބަލަން ޚާއްޞަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމުގައި އެ ކޮމިޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ