ދައުލަތުގެ އެންމެ ލޯރިއެއްގެ މިންވަރުގެ ހިޔާނާތެއް ވެސް ވެފައި ނޯންނާނެ ކަމަށާއި މިހާރުގެ ސަރުކާރުން އެކަން ބޭނުންވަރަކަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިޔާގެ ޓްރިވެންޑްރަމަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދެއްކެވި އިރު، ދައުލަތުގެ 1.3 މިލިއަން ރުފިޔާ އަށް ރައީސް މައުމޫން ހިޔާނާތްތެރިވެފައިވާ ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުން ގެންދާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެހެން މުއައްސަސާތަކުން ބެލިކަމުގައި ވިޔަސް އެކަމެއް ނުފެންނާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ މަޖިލީހުން އެކަންޏެއް ނޫނޭ. އެންޓި ކޮރަޕްޝަން ]ކޮމިޝަން[ ވެސް ބައްލަވާށޭ. ހިއުމަން ރައިޓްސް ކޮމިޝަނުން ބައްލަވާށޭ. ސިވިލް ސާވިސް ކޮމިޝަނުން ވެސް ބައްލަވާށޭ. އަދި. އދ. މަޖިލީހަށް ވެސް ]އެ މައްސަލަ[ ހުށަހަޅުއްވާށޭ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިހުން ބައްލަވާށޭ. އަދި އޮންނާނެ ދެވަނަ ބޮޑު ހަނގުރާމައިގައި އުފައްދާފައިވާ ތަނެއް. އިންޓަނޭޝަނަލް ވޯ ކްރައިމްސް ޓްރައިބިއުނަލް. އެތަނުން ވެސް ބައްލަވާށޭ. ގާނޫނާއި ހިލާފު ކަމެއް، ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނޯންނާނެ. ފެނިވަޑައިނުގަންނަވާނެ މައްސަލައެއް،" މައުމޫނުގެ އަނބިކަނބަލުން ނަސްރީނާގެ ބޭސްފަރުވާއަކަށް އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގެން މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އަދި ވިދާޅުވީ އެ މަނިކުފާނުގެ ހިޔާނާތުގެ މައްސަލަތައް ބެލުމުގައި ޝަރުތުތަކެއް އެބަ އޮތް ކަމަށެވެ. އެއީ މިހާރުގެ ސަރުކާރުގެ އިސް ވެރިން ރައްޔިތުންނަށް ވެވަޑައިގަންނަވަމުން ގެންދަވާ ހިޔާނާތުގެ މައްސަލަތައް ވެސް ބެލުމެވެ.
"އޭގެ ތެރެއިން ގިނަ މީހުންނަކީ ތަފާތު ހިޔާނާތާއި ކުށްކުށުގައި ބެދި ޝަރީއަތަށް ކުށް ސާބިތުވެފައިވާ މީހުން. މިހާރު ވެސް މަކަރާއި ހީލަތް ހަދަމުންދާ މީހުން. އެ މީހުންގެ ކަންތައް ވެސް ބައްލަވަން ވާނެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން އަދި ވިދާޅުވީ ސަރުކާރު ނުވަތަ އެމްޑީޕީން ބޭނުންވަނީ ދޮގު ވާހަކަތައް ދައްކައި ކުރިއަށް އޮތް އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށެވެ. އަދި ވިދާޅުވީ އެ މަނިކުފާނާ ބެހޭ ގޮތުން ވާހަކަތައް ދެއްކުމުން ޑީއާރުޕީ ބަލިކަށިވާނެ ކަމަށް ސަރުކާރަށް ގަބޫލު ކުރެވެނީ ކަމަށެވެ.
މޭ 9 ގައި ބާއްވާ އާންމު އިންތިހާބުގައި ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން މައުމޫން ވިދާޅުވީ "ކެނެރީގޭ މުހައްމަދު ނަޝީދު އެގޮތަށް ވާހަކަ ދެއްކެވީމަ އަޅުގަނޑު ވަރަށް އުފާވާ" ކަމަށެވެ.
"އޭނަ ބުނާ އެއްވެސް އެއްޗެއް ދިމަލެއް ނުވޭ. އޭނަ ބުނި އެއްފަހަރު ތިމަންނަ ބޭނުމެއް ނޫނޭ ރައީސަކަށް ވާކަށް. މިހާރު އެހެރީ ރައީސަކަށް ވެފައި. އަދި އަނެއް ފަހަރު ބުނި އެއްވެސް އިންތިހާބެއްގައި މައުމޫނަށް 2000 ވޯޓު ލިބިއްޖިއްޔާ ތިމަންނަ ސިޔާސީ މައިދާނުން ބޭރަށް ދާނަމޭ. އަޅުގަނޑު 82،000 ވޯޓު ހޯދިއިރު ކޮބައިތޯ އޭނަ. އެހެންވީމަ އޭނަ ދައްކާ އެއްވެސް ވާހަކައެއް ދިމަލެއް ނުވާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ސަރުކާރަށް ރައްދު ދެއްވަމުން މައުމޫން ވިދާޅުވީ ކައުންސެލަރުންގެ ގޮތުގައި ވެސް ތިބީ ތައުލީމެއް، ހިދުމަތުގެ ރެކޯޑެއް ނެތް ބޮޑެތި ކުށްކޮށްފައި ތިބި މީހުން ކަމަށެވެ. އޭގެ ބަދަލުގައި ވިދާޅުވީ މަޖިލީހުގެ އިންތިހާބަށް ޑީއާރުޕީން ކުރިމަތިލާފައި ވަނީ އެއްވެސް ހިޔާނާތެއް ނެތް، މުޅިން ރަނގަޅު މީހުން ކަމަށެވެ.
މައުމޫންގެ މައްޗަށް ކުރާ ހިޔާނާތުގެ ތުހުމަތު: އެންމެ ލޯ ލާރިއެއްގެ ހިޔާނާތެއް ވެސް އަޅުގަނޑު ވެފައެއް ނޯންނާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ