މިފްކޯ ޕްރައިވަޓައިޒް ކުރަން އޮޑިޓަ ޖެނެރަލް ލަފާ ދެއްވައިފި

މަސް ގަންނަ އަގު ސަރުކާރުން އެދޭ ގޮތެއްގެ މަތިން ކަނޑައެޅުމުން ކުރިމަތިވާ ދަތިތައް ހައްލުވާނެ ގޮތެއް ހަމަޖެއްސުމަށް ޓަކައި، މިފްކޯ ޕްރައިވަޓައިޒް ކުރުން ނުވަތަ މެނޭޖުމަންޓު ކޮންޓްރެކްޓެއްގެ ދަށުން އެތަން އެހެން ބަޔަކަށް ހިންގަން ހަވާލުކުރަން ފެނިވަޑައިގަންނަވާ ކަމަށް އޮޑިޓަ ޖެނެރަލް ލަފާދެއްވައިފި އެވެ.
މިދިޔަ ބުދަ ދުވަހު އޮޑިޓް އޮފީހުން އާންމު ކުރެއްވި މިފްކޯގެ އޮޑިޓް ރިޕޯޓުގައި އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމް ފާހަގަ ކުރައްވާފައިވާ ގޮތުގައި، މިފްކޯގެ ވިޔަފާރީގެ ނަތީޖާ އަށް ބަލާއިރު ޖުމްލަ ފައިދާ ކުޑަކޮށް ދެއްކުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރަށް ވިއްކަން ޖެހޭ މަހަށް މިފްކޯ އަށް ބާރެއް ނުފޯރުވޭ ގޮތަށް އޮވެފައި ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި އޮތުމުން، ސަރުކާރުން އެދޭ ގޮތެއްގެ މަތިން މަހުގެ އަގު ހަމަޖައްސަން ޖެހިފައި ވުމެވެ. އެހެންކުމުން އެދަތިތައް ކުރިމަތިނުވާނެ ގޮތެއްގެ މަތިން ކުންފުނިން ބައްޓަން ކުރަން ޖެހޭ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
"މިގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ކުންފުނީގެ ބައެއް ނުވަތަ މުޅި ކުންފުނި ޕްރަވައިޒްކުރުން ނުވަތަ މެނޭޖުމަންޓެއް ކޮންޓްރެކްޓެއްގެ ދަށުން އެ މަސައްކަތް ބަޔަކާ ހަވާލުކުރުން، ނުވަތަ އެހެން ފަރާތްތަކާ ނުވަތަ ފަރާތްތަކަކާ ގުޅިގެން ވިޔަފާރި ހިންގުން ހިމެނެ އެވެ." ރިޕޯޓުގައި ބުނެފައި ވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 1993 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާ ހަމައަށް އައިއިރު، އެންމެ އަހަރަކު ފިޔަވައި، އެހެން ހުރިހާ އަހަރަކު މިފްކޯ އަށް ވަނީ ގެއްލުންވެފަ އެވެ. އަދި 2003 ވަނަ އަހަރު ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ ގޮތުން ބެލަންސް ޝީޓް ރީތިކޮށްފައިވި ނަމަވެސް "ކުންފުނީގެ މައިގަނޑު މަސައްކަތްތަކަށް އެއްވެސް ހަރުދަނާ ކަމެއް ގެނެވިފައިނުވާތީ، ކުންފުނީގެ ހިންގުން މާނަވީ ގޮތެއްގައި ބައްޓަންކުރެވިފައިވާ ކަމަކަށް ނުބެލެވެ އެވެ."
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިފްކޯގެ 2007 ވަނަ އަހަރުގެ ފައިދާ ކަމުގައި ދެއްކި 24 މިލިއަން ރުފިޔާ އަށް ބަލައިގެން ހިސާބު ހަދާއިރު، މިހާތަނަށް ކުންފުނީގެ ޖުމްލަ ގެއްލުން ކަމަށްވާ 218 މިލިއަން ރުފިޔާ އިން ސަލާމަތްވެ، ކުންފުނިން ހަގީގީ ފައިދާއެއް ނެރުމަށް ނުވަ އަހަރު ނަގާނެ އެވެ.
މިފްކޯ އިން ބޭރުގެ ފަރާތްތަކަށް އާންމު ގޮތެއްގައި ވެސް ދަރަންޏަށް މަސް ވިއްކަމުން ގެންދާއިރު އާއި ގަނޑުކުރި މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ގޮތުގެ ސަބަބުން މާލީ ގޮތުން ބޮޑެތި ގެންލުންތަކެއް ވެފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ބޭރުގެ ފަރާތްތަކަށް މަސް ވިއްކުމުގައި ރަނގަޅު އުސޫލެއް ނެތުމުގެ ސަބަބުން، ވިއްކި މަހަށް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުން 2007 ވަނަ އަހަރު 6.6 މިލިއަން ރުފިޔާ ހިސާބުން އުނިކޮށްފައި ވެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ގަނޑުކުރި މަސް އެކްސްޕޯޓް ކުރުމަށް ބޭރުގެ ބޯޓުފަހަރު ކުއްޔަށް ހިފައިގެން މަސައްކަތް ކުރާއިރު، ކަނޑައަޅާފައިވާ މުއްދަތަކަށްވުރެ އިތުރަށް ބޯޓު ބާއްވަން ޖެހުމުން 21 ދަތުރެއްގެ ތެރެއިން ހަ ދަތުރަށް 3.5 މިލިއަން ރުފިޔާ، އިތުރަށް ދައްކަން ޖެހިފައި ވެއެވެ. އަދި އާންމުކޮށް ބޯޓުފަހަރު ކުއްޔަށް ހިފާ އަގަށްވުރެ ވަރަށް ބޮޑުތަން ބޮޑު އަގެއްގައި އާންމުކޮށް ދައްކާ ވަރަށްވުރެ އިތުރަށް 5.2 މިލިއަން ރުފިޔާ ދައްކައިގެން ވެސް، އެއް ދަތުރެއްގައި ބޯޓެއް ކުއްޔަށް ހިފާފައިވާ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.
މިފްކޯގެ ތަފާތު ތިޖޫރިތަކުގައި ފައިސާ ބެހެއްޓުމާއި ބެލެހެއްޓުމުގައި އަމަލުކުރަމުން ދަނީ އެންމެ ރަނގަޅަށް ނޫން ކަމާއި ފައިސާ ގެއްލުން ވަރަށް ބޮޑަށް ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށް ވެސް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި ހަރުމުދާ ބެލެހެއްޓުމާއި މުވައްޒަފުން ހެޔޮ ގޮތުގައި ބޭނުން ކުރުމާއި ކޫއްޑޫ ފިހާރަ އަށް މުދާ ސަޕްލައި ކުރުމާއި އޮޕަރޭޝަނަށް މެނުއަލްއެއް ނެތުމާއި ބޯޓުފަހަރުގެ ތެލުގެ ސްޓޮޓް ޗެކް ނުކުރުމުން ދިމާވެފައިވާ ވަރަށް ގިނަ މައްސަލަތަކެއް ވެސް މިފްކޯގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ