ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވޭތޯ ނުވަތަ ނޫންތޯ ކަނޑައަޅައިދިނުމަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިއަދު ސުޕްރީމް ކޯޓުން ނިންމާލައިފި އެވެ.
ރިޔާސީ ކޮމިޝަނުގެ މެމްބަރު އަދި ގާނޫނީ ވަކީލު އަބްދުﷲ ހަސީން ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވީ އިތުރު ކަމެއް ސާފުކުރައްވަން ޖެހިވަޑައިނުގެންފި ނަމަ ދެން މައްސަލަ ބާއްވަވާނީ ހުކުމްކުރެއްވުމަށް ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި އޮތީ އެ މައްސަލައިގެ ތެރެއަށް އިތުރު ބަޔަކު ވަދެފައިވާތީ އެ ފަރާތްތަކަށް އެ ފުރުސަތު ދިނުމެވެ. މައްސަލައިގެ ތެރެއަށް ވަދެފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދާއި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ލ. ގަމު، ވުޑްލޭންޑް، އާދަމް އާސިފެވެ. މީގެ ކުރިން ސ. ހިތަދޫ، ލާމިގޭ، މޫސާ އަންވަރު ވެސް ވަނީ އެ މައްސަލައިގެ ތެރެއަށް ވަދެފަ އެވެ.
ހަމީދުގެ ފަރާތުން ގާނޫނީ ވަކީލު އަހުމަދު ފާއިޒު ވިދާޅުވީ އިސްތިއުނާފްކުރުމުގެ ހައްގަކީ ގާނޫނު އަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރު ކޮށްދޭ އަސާސީ ހައްގެއް ކަމަށެވެ. އަދި އަސާސީ ހައްގަކަށް އުނިކަން ލިބޭނެ ގޮތަކަށް ގާނޫނު އަސާސީގެ އެއްވެސް މާއްދާއެއް މާނަ ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ ހަމީދު އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ހަމީދުގެ ފަރާތުން ނިންމާފައިވާ ކަމަށެވެ. އަދި ހަމީދުގެ އިލްތިމާސްގެ މައްސަލަ ނިމުމުގެ ކުރިން ސުޕްރީމް ކޯޓުން އެ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅައި، އެގޮތަކީ ހަމީދުގެ ގޮނޑި ގެއްލުން ކަމަށްވާ ނަމަ ކާށިދޫ ދާއިރާގެ ރައްޔިތުންނާއި ހަމީދުގެ ހައްގުތަކެއް ގެއްލިގެންދާނެ ކަމަށް ވަކީލު ވިދާޅުވި އެވެ.
ހަމީދުގެ ފަރާތުން އެދިވަޑައިގަތީ އިލްތިމާސްގެ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ކާށިދޫ ދާއިރާގެ ގޮނޑިއާމެދު ގޮތެއް ނުނިންމޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އެ މައްސަލަ ނިންމުމުގައި ގާނޫނު އަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި މިފަދަ މައްސަލަތަކުގައި އަމަލުކުރަމުންދާ ގޮތަށް ރިއާޔަތްކުރެއްވުމަށް ވެސް ހަމީދުގެ ފަރާތުން އެދިވަޑައިގަތެވެ.
އިލްހާމްގެ ފަރާތުން ވަކީލު މުހައްމަދު އިބްރާހިމް ވިދާޅުވީ ހަމީދަށް ޖިނާއީ ހުކުމެއް އައުމާ ގުޅިގެން ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގައިވާ ގޮތުގެ މަތިން ހަމީދުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަތުމަށް ހަމީދު މަސައްކަތްކުރައްވާ ކަމަށާއި އެކަމާ ހެދި މުޅި މަޖިލީސް އޮތީ ހުއްޓިފައި ކަމަށް ވަކީލު ވިދާޅުވި އެވެ. އިލްހާމްގެ ފަރާތުން އެދިވަޑައިގަތީ މި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގެންނެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
ޝަރީއަތުގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ އެ މައްސަލައިގެ ތެރެއަށް ވަދެވަޑައިގަތީ ހަމީދުގެ ހައްގެއް ގެއްލުވާލަން ނޫން ކަމަށާއި އެތައް ބައެއްގެ ހައްގުތަކެއް ހިމާޔަތްކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ހަމީދު މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާ ވޯޓު ދެއްވާ ގާނޫނެއް ފާސްކޮށް، އެއަށް އަމަލުކޮށް އެތައް ކަމެއް ހިނގާ ފަހުން، ހަމީދުގެ މައްޗަށް ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފި ނަމަ ފާސްކުރި ގާނޫނު ބާތިލްވާނެތޯ އެއީ ވެސް އުފައްދަންޖެހޭ ސުވާލެއް ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލައިގައި ބޮޑަށް އިސްކަންދޭންޖެހޭނީ ރައްޔިތުންގެ ހައްގުތަކަށް ކަމަށެވެ.
އެ މައްސަލައިގެ ތެރެއަށް ވަން އާސިފްގެ ގާނޫނީ ވަކީލު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި ބަޔާންކޮށްފައިވާ ގޮތަށް ހަމީދުގެ މައްޗަށް އެއް އަހަރާއި ހަ މަސް ދުވަހުގެ ޖިނާއީ ހުކުމެއް އައިސްފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ހަމީދުގެ މިހާރު ހަމަނުވާ ކަމަށާއި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަކުން ގާނޫނު އަސާސީން ހަމީދަށް ލިބިފައިވާ އިސްތިއުނާފްކުރުމުގެ ހައްގަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް އަމަލުކުރި ނަމަވެސް އިސްތިއުނާފްކުރުމުގެ ފުރުސަތު ހަމީދަށް ލިބިގެންވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
އެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ މައްސަލައިގެ ތެރެއަށް ވަން ފަރާތްތަކަށާއި ހަމީދާއި ބަންޑާރަ ނައިބުގެ އޮފީހަށް ބައެއް ސުވާލުތައް ކުރިމަތިކޮށްފަ އެވެ. އެގޮތުން ހަމީދުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައި ކޯޓުން އެއްވެސް އިރެއްގައި އަމުރުކުރިތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ. ހަމީދު ވިދާޅުވީ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދިވަޑައިގެންފައި ވެސް ނުވާނެ ކަމަށެވެ. ނަމަވެސް މާލޭގައި ބަހައްޓައިދިނުމަށް އެދިވަޑައިގަތުމުން ހައި ކޯޓުން އެފަދަ އަމުރެއް ކުރި ކަމަށް ހަމީދު ވިދާޅުވި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް މިއަދާ ހަމައަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ބެންޗުން ސުވާލު ކުރުމުން ހަމީދު ވިދާޅުވީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ހޯދުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ. ހަމީދު އެހެން ވިދާޅުވުމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ރިޕޯޓް ނުލިބުނަސް މައްސަލަ ނިންމި ގޮތުގެ ހުލާސާ ލިޔުމާއެކު ވެސް މައްސަލަ މިހާރު އިލްތިމާސަށް ހުށަހެޅޭނެ ކަމަށެވެ.
ހަމީދުގެ ވަކީލެއް ކަމުގައިވާ އަބްދުﷲ ޝާއިރު ވިދާޅުވީ އެގޮތަށް އިލްތިމާސަށް ހުށަހެޅޭކަން އެނގިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އިލްތިމާސަށް ހުށަހަޅާ އެއް ނުކުތާއަކީ ހަމީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ބައެއް ނުކުތާތަކަށް ރިއާޔަތް ނުކޮށް މައްސަލަ ނިންމި ނުކުތާ ކަމަށެވެ. އެހެންކަމުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ނުލިބެނީސް އެ ނުކުތާ ސާބިތު ނުކުރެވޭނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ޖިނާއީ ހުކުމެއް އައިސްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި އާދައިގެ ފަރުދަކާ ތަފާތު ކުރެވޭނެ އެއްވެސް ގޮތެއް ބަޔާންކުރާ ގަވާއިދެއް ނުވަތަ އުސޫލެއް ވެސް އޮތްތޯ ބެންޗުން ބަންޑާރަ ނައިބުގެ އޮފީހާ ސުވާލުކުރެއްވި އެވެ. ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އެފަދަ އެއްވެސް ގަވާއިދެއް، އުސޫލެއް ނޯންނަ ކަމަށާއި ދައުލަތުން ގަބޫލުކުރާ ގޮތުގައި ވެސް އެފަދަ ކަންކަމުގައި ހުރިހާ ފަރުދުން ހަމަހަމަވާންޖެހޭނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށެވެ. އެއީ މުނިސިޕަލްޓީން ގަތް ކޮޅުވެއްޓިއެއް ސަރުކާރަށް ލިބުމުގެ ހައެއްކަ މަސް ކުރިން އެ އުޅަނދު ލިބުނު ކަމަށް ހަމީދު ސޮއިކުރެއްވި ކަމަށް ބުނެ އެވެ. އެގްރިމެންޓުގައިވާ ގޮތުން އުޅަނދުގެ އަގުގެ 50 ޕަސެންޓް ދައްކަންޖެހެނީ އެގްރިމެންޓުގައި ސޮއިކުރުމުންނެވެ. ބާކީ ފައިސާ ދައްކަންޖެހެނީ އުޅަނދު ސަރުކާރަށް ލިބުމުންނެވެ. އެހެންކަމުން އުޅަނދު ލިބުނު ކަމަށް ސޮއިކުރުމުން އުޅަނދު ވިއްކި ސިންގަޕޫރުގެ އައިލެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު ގޮތުގައި ފައިދާތަކެއް ވެފައިވާ ކަމަށް ކޯޓުން ބުނެފައިވެ އެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަންބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި 74 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަގާމުން ވަކިކުރަންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާމެދު ސުވާލު އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
ކާށިދޫ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ