ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު މުސްތަފާގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކުރަން ނިންމުމާ ގުޅިގެން، ޝަރުއީ ދާއިރާ "މިނިވަންކުރުމަށް" ގޮވާލައި އެމްޑީޕީން މުޒާހަރާ ކުރަން ނިންމީ އަދުލު އިންސާފުގެ ދާއިރާ އަށް "ބިރު ދައްކައި ނުފޫޒު ފޯރުވުމަށް" ކަމަށް އިދިކޮޅު ޑީއާރުޕީ އާއި ގައުމީ ޕާޓީން ބުނެފި އެވެ.
އެ ދެ ޕާޓީން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި މަގުމަތީގައި އަމިއްލަ އަށް ކޯޓު ހަދައި ހުކުމް އިއްވައި ހެދުމަކީ، އެމްޑީޕީން އަދުލު އިންސާފުގެ ދާއިރާ އަށް ނުފޫޒު ފޯރުވައި، ފަނޑިޔާރުންނަށް ބިރު ދައްކައި ހެދުމަށް ތަކުރާރުކޮށް ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ހިންގަވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
"އެހެންކަމުން ކޯޓު ދޮށަށް މީހުން އެއްކޮށް ކޯޓުތަކުގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް އެމްޑީޕީން ތަކުރާރުކޮށް ހިންގަމުން ގެންދާ ގާނޫނާއި ހިލާފު އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ އަމަލުތައް ވަގުތުން ހުއްޓާލަ ދިނުމަށް ދިވެހި ރައްޔިތުންގެ ޕާޓީންނާއި ދިވެހި ގައުމީ ޕާޓީން ގޮވާލަމެވެ،" އެ ބަޔާނުގައިވެ އެވެ.
މުސްތަފާގެ މައްސަލާގައި ކުރާ ހުކުމާއެކު ޝަރުއީ ދާއިރާ "މިނިވަންކުރުމަށް" ގޮވާލައި އެމްޑީން މުޒާހަރާ ކުރަން ނިންމީ އެމްޑީޕީގެ ހަރުގޭގައި ބުރާސްފަތި ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ އަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހުމަދު ދީދީ ހުށަހެޅުއްވި ގަރާރު ފާސްވުމުންނެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވި ގޮތުގައި "އެ ޕާޓީން މިހާރު ނުކުމެ އެ ތިބީ އިންސާފު ހޯދުމަށް" ކަމަށާއި "އެނބުރި ގެއަށް ވަންނާނީ އިންސާފު ލިބުމުން" ކަމަށެވެ.
ސުޕްރީމް ކޯޓު ކައިރިއަށް އެއްވަނީ ބިރު ދައްކައި ނުފޫޒު ފޯރުވަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ