ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނު އަސާސީއާ ޙިލާފަށް ހައްޔަރުކޮށްގެން ގިރިފުށީގައި ގެންގުޅުނު މައްސަލައިގެ ތަހުގީގު ނިންމައި މި މަސް ނިމުމުގެ ކުރިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަބްދުލް ކަރީމް ވިދާޅުވީ އެ މައްސަލަ ލަސްވެގެން ދިޔައީ ތަހުގީގަށް އެއްބާރުލުން ދޭން ޖެހޭ ފަރާތްތަކުގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ. އެހެންވެ، އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް އާއްމުކޮށް އިއުލާން ވެސް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ތަހުގީގަށް ފުލުހުންނާއި އެމްއެންޑީއެފުގެ ފަރާތުން ވެސް މިހާރު ދަނީ އެއްބާރުލުން ލިބެމުންނެވެ.
"ތަހުގީގަށް ބޭނުންވާ ހުރިހާ ބަޔާންތަކެއް އަންނަ ހަފުތާގައި ނިންމާލެވޭނެ. ބަޔާންތައް ނިންމައި މައްސަލަ މި މަސް ނިމުމުގެ ކުރިން ޕީޖީ އަށް ފޮނުވޭނެ ކަމަށް އަޅުގަނޑުމެން ބަލަނީ،" އަހުމަދު ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ "ގެއްލުވާލި" މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދިވަޑައިގެން ޕީޖީ ވަނީ އެ ކޮމިޝަންގައި އެދިވަޑައިގެންފަ އެވެ. ނަމަވެސް އޭގެ ކުރިން ވެސް އެ މައްސަލަ ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފަ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ މި މަސް ނިމުމުގެ ކުރިން ޕީޖީ އަށް ފޮނުވޭނެ: އެޗްއާރުސީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ