"އަޅުގަނޑަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައި، ވާހަކަ ދައްކަން ވަރަށް ދަތި،" ވޯޓާ، އެނާޖީ އެންޑް އެންވަޔަރްމަންޓް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހދ. މެމްބަރު އަހުމަދު އަބުދުﷲ ފޯނުން މިއަދު ވިދާޅުވި އެވެ.
މިނިސްޓަރު އަހުމަދު އަބްދުﷲ އަށް އަނިޔާވެވަޑައިގަތީ ރޭ ހދ. ކުޅުދުއްފުށީ ބަޔަކު އެމަނިކުފާނާ ދެކޮޅަށް ހިންގި މާރާމާރީއެއްގަ އެވެ. އިއްޔެ ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގެންނެވި އަހުމަދު އަބްދުﷲއާ ދެކޮޅަށް މި މާރާމާރީ ހިންގީ އެމަނިކުފާނާ އެކު ރަށުގެ ޒުވާނުންގެ ބަޔަކު ބޭއްވި ބައްދަލުވުމެއް ހޫނުވުމުން ކަމަށްވެ އެވެ.
ރޭ ކުޅުދުއްފުށީ ބަޔަކާ އެކު އަތޮޅު ގޭގައި އަހުމަދު އަބްދުﷲ ބައްދަލުކުރައްވަމުން ގެންދަވަނިކޮށް ޒުވާނުންގެ ބަޔަކު ގޮސް އެމަނިކުފާނާ ބައްދަލުކުރަން އެދުމުން އެ ފުރުސަތު ދެއްވި އެވެ. ކުޅުދުއްފުއްޓަށް ކޮށްދެއްވާނެ ކަމަށް އެކި ފަހަރުމަތިން އަހުމަދު އަބްދުﷲ ވިދާޅުވެފައިވާ ބައެއް ކަންތައްތަކުގެ ވާހަކަ އެ ގްރޫޕްގެ ބައެއް މީހުން ދެންނެވުމުން އެއީ ނުދައްކަވާ ވާހަކަތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ވެ އެވެ. އެހާ ހިސާބުން ބައެއް މީހުން އަހުމަދު އަބްދުﷲގެ އިސްތިއުފާއަށް ގޮވާ، "ރަށުން މިހާރު ބާލަންވީ ކަމަށް" ބުނެ ބައެއް މީހުން އަޑުގަދަކުރި އެވެ. ދެން އަތޮޅުގެއިން ގަދަކަމުން އަހުމަދު އަބްދުﷲ ނެރެ، ފާލަން ކައިރިއަށް ގެންދިޔައީ އެވެ.
މައްސަލަ ހޫނުވާން ފެށުމުން، ކުރިން އަހުމަދު އަބްދުﷲއާ ބައްދަލުކުރަން ތިބި ކުޅުދުއްފުށި ބައެއް ހަރު މީހުން އެ ބައްދަލުވުން ދޫކޮށް ދިޔަ ކަމަށް ވެ އެވެ. އަތޮޅު ގެއިން މިނިސްޓަރު ނެރެގެން ގެންދިޔަ މަގުމަތީގައި އޭނާގެ ގައިކޮޅުގައި ސިނގިރޭޓް ބުރި ޖެއްސުމާއި ތެޅުމުގެ އިތުރުން ވެލި ވެސް އުކާފައިވެ އެވެ. އެއް ބަޔަކު ބުނާ ގޮތުން މިނިސްޓަރު ރަށުން ބޭލީ "ވަރަށް އިހާނެތިކޮށެ"ވެ.
އަހުމަދު އަބްދުﷲގެ ފިރިހެން ދަރިކަލުން މުހައްމަދު ނަބީލް އަބުދުﷲ ވިދާޅުވި ގޮތުގައި ސިނގިރޭޓް ބުރި ޖެއްސުމުން ބޯ ޒަހަމްވެފައިވެ އެވެ. އަދި ގާބުރިއަކުން ޖެހުމުން ވެސް ބޮލަށް ގެއްލުން ލިބިވަޑައިގެންފައިވާ ކަމަށް ނަބީލް ވިދާޅުވި އެވެ.
"ވެލި އުކުމުން ލޯ ވެސް ވަނީ ވަރަށް ބޮޑަށް އިންފެކްޓްވެފައި. ބައްޕައަށް ލޯ ހުޅުވަން ވެސް ވަރަށް އުނދަގޫ،" ނަބީލް ވިދާޅުވި އެވެ. "ޑޮކްޓަރަށް މިހާރު ދައްކައިފިން. މިރޭ ބޭރަށް ފުރަން އަޅުގަނޑުމެން މިއުޅެނީ."
ރޭ ހަމަނުޖެހުން ހިންގި އިރު އަހުމަދު އަބްދުﷲގެ ހިމާޔަތުގައި އަތޮޅުވެރިޔާގެ އިސް އެހީތެރިޔާ އަބްދުއްރަހީމް އަހްމަދާއި ކުޅުދުއްފުށީ ކުޑަ ކަތީބު މުހައްމަދު ޤާސިމް ވެސް ހުންނެވި އެވެ. އެކަމަކު އެ ދެ ބޭފުޅުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިވަޑައިގަތުމުން މިނިސްޓަރުގެ ހިމާޔަތުގައި ކަމެއް ކުރެއްވޭ ވަރެއް ނުވި އެވެ.
ރަށުގެ ފާލަމާ ހަމައަށް އަހުމަދު އަބްދުﷲ ގެންދިއަ ވަގުތު އެ ތަނަށް ފުލުހުންގެ ދެ މީހަކު އަ އެވެ. ދެ ފުލުހުން އެކަން ހުއްޓުވަން އުޅުމުން ދެ މީހުން ފާލަން މައްޗަށް ވައްޓާލީ އެވެ. އެއަށް ފަހު އަހްމަދު އަބްދުﷲ އަތޮޅު ލޯންޗަށް އަރާވަޑައިގެން ރަށުން ފުރާވަޑައިގެންނެވީ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ކުޅުދުއްފުށީގެ ތިރީހަކަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ހަވީރަށް އެނގިފައިވެ އެވެ. އެކަމަކު ފުލުހުން އެކަން އަދި ކަށަވަރުކޮށެއް ނުދެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިފަދަ ބޮޑު ކަމެއް ހިންގި އިރު މިނިސްޓަރުގެ ހިމާޔަތުގައި ތިބި ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް މީހަކު އެކަން ފުލުހުންނަށް އަންގާފައެއް ނުވެ އެވެ. ހާއްސަކޮށް އަތޮޅު އޮފީހުގެ އެއްވެސް މީހަކު އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެހެންކަމުން ފުލުހުންނަށް އެކަން އެނގުނު އިރު ވަރަށް ބޮޑަށް ލަސްވެފައިވާކަން ފުލުހުން ފާހަގަކުރި އެވެ. އަދި ފުލުހުންނަށް އެނގިގެން އެހިސާބަށް ދިޔައިރު މިނިސްޓަރު ގާތްގަނޑަކަށް ފާލަމާ ހަމައަށް ގެންގޮސްފައިވާ ކަމަށާއި އެއިރު އަހުމަދު އަބްދުﷲ އަށް ވަރަށް ބޮޑަށް އަނިޔާ ލިބިވަޑައިގެންފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މިނިސްޓަރު އަހްމަދު އަބްދުﷲ ރަށުން ބޭލުމަށް ނުކުތް މީހުން އަޑުގަދަކުރާ ބޭނުންކޮށްގެން، އޭނާގެ އިސްތިއުފާއަށާއި ރައީސް މައުމޫންގެ އިސްތިއުފާ އަށް ގޮވަމުން ދިޔަ އެވެ. އަދި އެއީ ރައީސް މައުމޫނާއި ސަރުކާރުގެ މަތީ ބޭފުޅުން މިރަށަށް ވަޑައިގަތުމުން ކަންތައް ކުރާނެ ގޮތުގެ ކުޑަ ތަސައްވުރެއް ކަމަށް ވެސް އެމީހުން ގޮވި އެވެ.
ކުޅުދުއްފުށީ ބަޔަކު މިނިސްޓަރު އަހްމަދު އަބްދުﷲ އަށް ހަމަލާ ދީ މާރާމާރީ ހިންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ