ޖަލްސާތަކުގައި މަވޯޓާ ޝަރީފު ބައިވެރިވެވަޑައިގަންނަވަމުން ދާތީ އައްޑޫގައި ބައެއް ރައްޔިތުން ނުރުހުންފާޅުކުރަނީ

ސ. ފޭދޫން މައިނާ ލަތީފު އަދި އަހުމަދު އަދްޝަން
ދިވެހި ރައްޔިތުންގެ ޕާޓީ (ޑިއާރްޕީ) ން އައްޑު އަތޮޅުގެ ރަށްރަށުގައި މިހާރު ބާއްވަމުންދާ ޖަލްސާތަކުގައި، އެމްޑީޕީން ވަކިވެގެން ދާދިފަހުން ޑީއާރްޕީއާ ގުޅުނު ރައްޔިތުންގެ މަޖިލީހުގެ އައްޑު އަތޮޅު މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ ޝަރީފު) ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާތީ އައްޑު އަތޮޅުގެ ބައެއް މީހުން ވަރަށް ބޮޑަށް ނުރުހުންފާޅުކުރަން ފަށައިފި އެވެ.
އެގޮތުން އިއްޔެ ހުޅުމީދު އަށް ޑީއާރްޕީގެ ވަފުދު ޒިޔާރަތްކުރިއިރު އެ ރަށުގެ ގިނަ ބަޔަކު ވަނީ ބަނދަރުމައްޗަށް އެއްވެ ވަރަށް ބޮޑަށް ނުރުހުންފާޅުކޮށް ޝަރީފު އެ ރަށަށް އަރާވަޑައިނުގަތުމަށް ގޮވާލައިފަ އެވެ. އަދި އޭނާ ލޯންޗުން ފައިބާވަޑައިގަތުމުން ގިނަ ބަޔަކު އޭނާ ވަށާލައި، އަޑުގަދަކޮށް، ހަމަނުޖެހުން އުފައްދަން މަސައްކަތްކޮށްފައިވެ އެވެ. އެހެން ނަމަވެސް އެތަނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ތިއްބެވި ފުލުހުންގެ އެހީގައި ޝަރީފު ކާރަށް އަރާވަޑައިގެންނެވި އެވެ.
ނުރުހުން ފާޅުކުރަމުން ގެންދިޔަ ޑީ.އޭރް.ޕީ.ގެ މީހުން ގޮވަމުން ދިޔައީ އެ ޕާޓީގައި ޝަރީފު ހުންނެވި ނަމަވެސް އޭނާއަށް އެއްވެސް ތާއީދެއް ނެތް ކަމަށާއި ޑީއާރްޕީގެ ޒައީމަށް އެމްޑީޕީ ޖަލްސާތަކުގައި އެންމެ ހުތުރު ބަހުން ވާހަކަ ދައްކައިފައިވާ އެކަކީ އައްޑުއަށް އުފަން ޝަރީފު ކަމަށެވެ.
"އޭނާއަކީ އެމްޑީޕީގައި ހުރެގެން އަޅުގަނޑުމެންގެ ޕާޓީ އާއި ޕާޓީގެ ޒައީމަށް ވަރަށް ބޮޑަށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވާފައި ހުރި މީހެއް. އެފަދަ މީހަކު ބައިވެރިކޮށްގެން މި ރަށުގައި ޑީއާރްޕީގެ ޖަލްސާއެއް ބާއްވާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. ހަމަ މިހާރު މި ރަށުން އޭނާ ބާލާ،" އިއްޔެ ނުރުހުން ފާޅުކުރަމުންދިޔަ މީހުން ގޮވައިފައިވެ އެވެ. "އޭނާ އަކީ ދެފުށް ދެގޮތް ސިޔާސަތެއް ގެންގުޅޭ މީހެއް."
މީގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ މީހުން ވެސް ލިޔުންތައް ހިފައިގެން ތިބެ ނުރުހުންފާޅުކޮށްފައިވެ އެވެ. އެ މީހުން ގޮވަމުން ދިޔައީ އެމްޑީޕީގައި ހުރެގެން ހުތުރު ބަހުން ސަރުކާރަށާއި ރައީސް މައުމޫނަށް ނިސްބަތްކޮށް އެއްޗެހި ގޮވަން ދަސްކޮށްދެއްވީ ޝަރީފު ކަމަށެވެ.
"އޭނާ އަކީ ހަމަ މި ރަށަށް އައިސް މި ރަށުގައި ބާއްވާފައިވާ އެމްޑީޕީ ޖަލްސާތަކުގައި ވަރަށް ހުތުރު ބަހުރުވައިން ވާހަކަ ދައްކާފައިވާ މީހެއް. އޭނާއަކީ އެއްވެސް ޕާޓީއެއްގައި ހުންނަން ފެންނަ މީހެއް ނޫން،" އެމްޑީޕީ މީހުން ގޮވާފައިވެ އެވެ.
ބައެއް މީހުން ނުރުހުންފާޅުކޮށް ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކޮށްފައިވާތީ ސ. އަތޮޅު މަދުރަސާގައި ބޭއްވި ޖަލްސާ ފަށައިފައި ވަނީ ވެސް ޖަލްސާ ފަށަން އޮތް ގަޑިއަށްވުރެ ބައިގަޑިއިރު ފަހުންނެވެ. އަދި ޖަލްސާ ބާއްވާފައި ވަނީ ސްކޫލުގެ ހޯލަށް ގާތްގަނޑަކަށް ތިރީހަކަށް މީހުން ވައްދައިގެންނެވެ. ގިނަ ބަޔަކު ހޯލަށް ނުވައްދައި ޖަލްސާއަށް ކުރިއަށް ގެންދާތީ ވެސް ސްކޫލުގެ ބޭރުގައި ގިނަ ބަޔަކު ތިބެގެން ނުރުހުންފާޅުކޮށްފައިވެ އެވެ. އަދި ޑީއާރްޕީއަށް ނިސްބަތްވާ ބައެއް މީހުން އެ މީހުންގެ ކާޑުވެސް ވީދާލައި އަޑުގަދަކޮށް ހަދައިފައިވެ އެވެ.
ޖަލްސާ ނިންމާލައިފައި ޑީއާރްޕީގެ ވަފުދު ފުރަން ދަނިކޮށް އެމްޑީޕީގެ ބައެއް މީހުން ލަޓިބުރި ހިފައިގެން ގޮސް ޝަރީފާ ދިމާކުރަން ވެސް މަސައްކަތްކޮށްފައިވެ އެވެ. އަދި އެ ވަފުދު ދަތުރުކުރި ވެހިކަލް ދިޔަނުދިނުމަށްޓަކައި ސައިކަލާއި ބައިސްކަލްތަކުން މަގުބަންދުކޮށް ހަދައިފައި ވެސް އެވެ. އެހެން ނަމަވެސް ފުލުހުން ވަނީ އެ ކަންތައް ކޮންޓްރޯލްކޮށްފަ އެވެ. މި ހަމަނުޖެހުން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އެމް.ޑީ.ޕީ މީހެއްގެ މޫނަށް ބައެއް ޒަހަމްތައް ވެސް ލިބިފައި ވެ އެވެ.
ޑީ.އާރް.ޕީގެ ފަރާތުން ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ޝަރީފު ވާހަކަ ދައްކަވަން ފެއްޓުމުން، މުހިއްބުއްދީން ސްކޫލް ދޮށަށް އެއްވެފައި ތިބި ބައެއް މީހުން ވަރަށް ބޮޑަށް އަޑުގަދަކޮށް، ޝަރީފުގެ އިސްތިއުފާއަށް ގޮވައިފައިވެ އެވެ. ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފު ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ބަހުގެ ހަލާތައް ރައްދުކޮށް އޭނާ އެމްޑީޕީން ވަކިވެވަޑައިގެންނެވީ "ފޭލްވަމުން ފެތެމުންދާ އޮޑިއެއްގައި ނުހުންނަން ވެގެން" ކަމަށް ވެސް ވިދާޅުވެފަ އެވެ.
"އެ ޕާޓީގަނޑަކީ(އެމްޑީޕީ) އަންނި އާއި އޭނާގެ އައުވާނުންގެ މެދުގައި އެނބުރެމުން އަންނަ ޕާޓީގަނޑެއް. އެ ޕާޓިގައި ތިބި މީހުން ޕާޓީން ވަކިވެ އެއޮތް ހުސްވަނީ. ދިވެހި ރައްޔިތުންގެ އެއްވެސް ތާއީދެއް އެޕާޓީއަކަށް ނެތްކަން އެދަނީ ހާމަވަމުން،" އެމްޑީޕީގައި ހުންނަވައިގެން ޑީއާރްޕީއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ޝަރީފު ވިދާޅުވި އެވެ.
ޝަރީފު މިއަދު ވިދާޅުވީ އޭނާއާ މެދު ބައެއް މީހުން ނުރުހުން ފާޅުކޮށް އަޑުގަދަކުރަމުން ގެންދަނީ ބައެއްގެ ރޭވުމުން ކަމަށާއި އެކަން އެގޮތަށް ހިނގި ނަމަވެސް އޭނާ ކުރަމުން އަންނަ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.
"އެއީ ހަމަ ބަޔަކު ރާވައިގެން މަސްލަތު ނަގާލަންވެގެން ކުރަމުން އަންނަ ކަމެއް. އެކަމަކު އެކަމުގެ ސަބަބުން އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތަކަށް ބުރުލެއް ނާރާނެ،" ޝަރީފު ވިދާޅުވި އެވެ. "މިކަމުން ދޭހަވަނީ އެމްޑީޕީ މި އަތޮޅުގައި ފޭލްވެފައި އޮތް މިންވަރު."
ރިޔާސީ ނިޒާމަށް ކެމްޕޭނު ކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތު ދުވަހުން ފެށިގެން މިއަތޮޅުގެ ރަށްރަށުގައި ވަކިވަކިން ގެންދަނީ ޖަލްސާތައް ބާއްވަމުންނެވެ. ޑީއާރްޕީން އައްޑު އަތޮޅުގައި ބާއްވަމުން އަންނަ ޖަލްސާތަކުގައި ޝަރީފު ފިޔަވައި އަނީސާ އަހުމަދު، އަބްދުﷲ ކަމާލުއްދީން، ޑރ. އަހުމަދު ޝަހީދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ފޭދޫ ޑީއާރްޕީ އޮފީހުގައި ޖަލްސާ ކުރިއަށް ދިޔައިރު ބަޔަކު ވަނީ އެ އޮފީހު ފުރާޅުމައްޗަށް ގާވެސް އުކައިފަ އެވެ. މިރޭ މަރަދޫ އިރުޝާދިއްޔާ ސްކޫލުގައި ޖަލްސާއެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ