ރިޔާސީ އިންތިހާބު 2008: ވޯޓުލާން ރަޖިސްޓްރީ ކުރުމަށް ހަމަޖައްސާފައި ވަނީ އިންތިހާބުތަކާ ބެހޭ ގާނޫނާ ހިލާފަށް: ޖުމްހޫރީ ޕާޓީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓުލުން އަންނަ މަހުގެ އަށް ވަނަ ދުވަހު ބާއްވާއިރު، އެ މީހަކު ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި އެ ދުވަހު ތިބޭ މީހުން އެރަށެއްގައި ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނާ ހިލާފަށް ކަމަށާއި އެ އަމަލު ޖުމްހޫރީ ޕާޓީން ވަރަށް ބޮޑަށް ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފި އެވެ.
އެ ޕާޓީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީގައިވާ މީހުންގެ ތެރެއިން އެ މީހުން ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލާން އެދޭ މީހުން ވޯޓުލުން އޮންނަ ދުވަހު ތިބޭނެ ތަން އަންގަން ޖެހެނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ކަމަށް ވީ ނަމަވެސް އެ ފަދަ ގަވާއިދެއް މިހާތަނަށް ހަދާފައި ނެތް ކަމަށެވެ.
"އަދި ހަމައެއާކު ރިޔާސީ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ހިލާފަށް އިލެކްޝަންސް ކޮމިޝަނުން ކުރައްވާފައިވާ މި ދެންނެވި އިއުލާނުގެ ދަށުން، ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލާން އެދޭ މީހުން އެ ވޯޓުލާން ބޭނުންވާ ތަން ކޮމިޝަނުގައި ރަޖިސްޓްރީ ކުރުމަށް ދީފައިވާ ހަތް ދުވަހުގެ މުއްދަތަކީ މި ކެޓަގަރީގައި ހިމެނޭ 30،000 އަށް ވުރެ ގިނަ ރައްޔިތުން އެ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން ރަޖިސްޓްރީ ކުރުމަށް އެއްގޮތަކަށް ވެސް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ވެސް މި ޕާޓީން ފާހަގަ ކުރަމެވެ. އެހެން ކަމުން މިއީ ދިވެހި ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ވޯޓު ދިނުމުގެ ފުރުސަތު ގެއްލި، ދިވެހިރާއްޖޭގެ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާ ކަމެއް ކަމުގައި މި ޕާޓީން ހިތާމައާއެކު ފާހަގަކޮށް، އިލެކްޝަންސް ކޮމިޝަނުގެ މި އަމަލު މި ޕާޓީން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައި ދަންނަވަމެވެ،" ޖުމްހޫރީ ޕާޓީގެ ނޫސްބަޔާނުގައި ވެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަލީ ފާއިޒު މިއަދު ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު ހަދައިގެން ނޫން ގޮތަކަށް ވޯޓުލާ މީހުން ރަޖިސްޓްރީކުރުން ކުރިއަށް ގެންދެވިދާނެކަމަށް އޭނާ ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން މި އައީ ގާނޫނީ އިމުގެ ތެރޭގައި ކުރެވެން ހުރި ކަންތައްތައް ކުރަމުން. އެހެން ނަމަވެސް މުއްދަތުތައް ކުރުކޮށް، ކަންތައްތައް ކުރަން ހަދައިގެން މި ފެންނަމުންދަނީ ގާނޫނީ މައްސަލަތައް ފެންމަތިވަމުން އަންނަތަން. ހަގީގަތުގައި ވޯޓުލާ މީހުން ރަޖިސްޓްރީކުރަން ފެއްޓޭޏީ ވެސް އެ ބުނާ ގޮތަށް ގަވާއިދެއް އޮވެގެން. އެ ކަމަކު މި އޮތް ކުރު މުއްދަތުގެ ތެރޭގައި އެކަމެއް ކުރެވޭކަށް ވެސް ނެތް. މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ދެންނެވީ މުއްދަތުތައް ކުރުކޮށްލައިގެން މި އިންތިހާބު އެންމެ ރަނގަޅަށް ކުރިއަށް ނުގެންދެވޭނެ އޭ،" ކުރިން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންފައިވާ އަލީ ފާއިޒު ވިދާޅުވި އެވެ.
ހަވީރަށް ނުރަސްމީކޮށް އެނގިފައިވާ ގޮތުގައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަދަންޖެހޭ ގަވާއިދު އިލެކްޝަންސް އިން ވަނީ ނިންމައިފަ އެވެ. އެކަމަކު އެ ގަވާއިދު އަދި މުޅިން ފައިނަލައިޒެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ