އަދަބު ލުއިކުރުމަށާއި މާފު ހޯދަން ރައީސަށް އިލްތިމާސް ކުރުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ހުޅުވާލަނީ

އަދަބު ލުއި ކުރުމަށާއި މާފު ހޯދަން ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސް ކުރުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ހުޅުވާލާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ކްލެމެންސީ ބޯޑްގެ ރައީސް އަދި ބަންޑާރަ ނައިބު ހުސްނުއް ސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ބޯޑްގެ ރައީސްގެ ހައިސިއްޔަތުން ސުއޫދު ވިދާޅުވީ ހުކުމް މާފުކުރުމަށާއި އަދަބު ލުއިކުރަން އިލްތިމާސް ކުރުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ހުޅުވާލާއިރު އެކަމަށް އެދޭ ފޯމް ރައީސް އޮފީހުގަ އާއި ޑީޕީއާރްއެސް އާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ޖަލު އޮފީސްތަކުން މިހާރު ލިބޭނެ ކަމަށެވެ.
"މާދަމާ އިން މާދަމާ އަށް ރަށު އޮފީސްތަކުން ފޯމް ނުލިބި ހިނގައިދާނެ. އެކަމަކު ހުރިހާ ކަމެއް ވެސް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އޮންނާނީ ހަމަޖެހިފައި،" ސުއޫދު ވިދާޅުވި އެވެ.
މާފު ދިނުމާއި އަދަބު ލުއިކޮށް ދިނުމާ ބެހޭ ގޮތުން ފާސްކޮށްފައިވާ ގާނޫނުގެ ދަށުން އެކުލަވައިލި ކްލެމެންސީ ބޯޑަކީ ކުށްވެރިން އެމީހުންގެ އަދަބު ލުއިކުރުމަށާއި މާފު ހޯދަން ރައީސަށް އިލްތިމާސް ކުރުމުން އެ ފަރާތްތަކުގެ ހާލަތު ބަލައި ވަޒަންކޮށް ރައީސަށް ލަފާ އަރުވާ ބޯޑެކެވެ.
ސުއޫދު ވިދާޅުވީ މިހާރު ވެސް ހުކުމް ތަންފީޒު ކުރަމުންދާ 2،000 އަށް ވުރެ ގިނަ މީހުން ތިބި އިރު ޣައިރު ހާޒިރުގައި ހުކުމް ކުރެވި ތަންފީޒީ މަރުހަލާގެ ތެރެއަށް ނުވެދެ އުޅޭ ބަޔަކު ވެސް ތިބުމުން މިހުޅުވާލާ ފުރުސަތުގެ ބޭނުން ވަރަށް ގިނަ ބަޔަކު ހިފާނެ ކަމަށާއި އެހެންނަމަވެސް ގާނޫނުން އެ ފުރުސަތު ލިބެނީ އިސްތިއުނާފު ކުރުމުގެ ފުރުސަތު ގެއްލިފައިވާ މީހުންނާއި ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒު ކޮށްފައިވާ މީހުންނަށް ކަމަށެވެ. މީގެ އިތުރުން ޕެރޯލް ޕްރޮގްރާމުގެ ތެރޭގައި އުޅޭ މީހުންނަށް ވެސް އިލްތިމާސް ކުރުމުގެ ފުރުސަތެއް ނޯވެ އެވެ.
ސުއޫދު ވިދާޅުވީ ކުށްވެރިންނަށް މާފު ދިނުމާއި އަދަބު ލުއިކުރުމަށް ރައީސަށް ލަފާ އަރުވާނީ 11 މެމްބަރުން ހިމެނޭ ކްލެމެންސީ ބޯޑުން ވަރަށް ރަނގަޅަށް ބަލައިގެން ކަމަށާއި އެކަމުގައި ސިޔާސީ އެއްވެސް ކުލައެއް ނުޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ