ކޮމަންޑޫ ދާއިރާގެ އިންތިހާބަކީ ގާސިމްއާ ބެހޭ ކަމެއް ނޫން

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ބެހޭ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދަށް ކެމްޕޭނު ކުރެއްވުމަށް ގާސިމް އާއި ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ އެކި ފަހަރުމަތިން ކޮމަންޑޫ ދާއިރާ އަށް ވަޑައިގެންފަ އެވެ.
ދާދިފަހުން "ޗެނަލް 13" އަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ މި އިންތިހާބަށް ސަރުކާރުން ފައިސާ އެޅުމަށް މިހާރުވެސް ތިން ފަރާތުން ނިކުމެ އެބަތިބި ކަމަށާއި އެގޮތުން ސަރުކާރުގެ ހުރިހާ ވަޒީރުން ކޮމަންޑޫ ދާއިރާގައި ތިބިއިރު ބޮޑެތި މަޝްރޫއުތަކެއް ހިންގައި އަދި މީހުންނަށް ވަކިވަކިން ދޭ ފައިސާގެ އަދަދު އުޅެނީ ކިހާވަރެއްގައިކަން ވެސް ނޭނގޭ ކަމަށެވެ.
ގާސިމް ވެސް މި އިންތިހާބުގެ ކެމްޕޭނަށް ނިކުމެވަޑައިގެންފައިވާކަން ފާހަގަކުރައްވަމުން ޔާމީން ވަނީ މިއީ އޭގެ ޒާތުގައި ގާސިމްއާ ބެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
"އޭނާގެ ޕާޓީން މި އުޅެނީ ކައުންސިލަކަށް ވެސް މީހަކު ކުރިމަތިނުލާ. އެކަމަކު އޭނާ ވެސް އެ ކުރައްވަނީ އެތާ ހުންނަވައިގެން އެ މަސައްކަތް" ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން މި ދާއިރާ އަށް ދެން ވާދަކުރައްވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކެންޑިޑޭޓަށް މި ގޮނޑި އޮތީ ހުވަފެނުން ވެސް ނުފެންނަ ހިސާބުގައި ކަމަށާއި ނަމަވެސް އެ ޕާޓީގެ އިސްބޭފުޅުން ކުރާ މަސައްކަތަކީ ޕީޕީއެމްގެ ވޯޓަށް އަސަރުކުރުވުން ކަމަށް ޔާމީން ވިދާޅުވި އެވެ.
"ހުރިހާ އެންމެން ނިކުމެ މިކުރާ މަސައްކަތުގައި ރައްޔިތުން ވެސް އެކަން ގަބޫލުކޮށްގެން އެކޮޅަށް ދީލާލައިފިނަމަ އަނެއްކާވެސް އަޅުގަނޑުމެންނަށް ނާއުއްމީދު ކަންތައްތަކެއް ވާނީ" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ