60 ޕަސަންޓަށްވުރެ މަތިން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ފަތުހީ ކާމިޔާބުކުރައްވާނެ: އާދަމް ޝަރީފް
އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފާވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ޕީޕީއެމްއިން ވާދަކުރާ މޫސާ ފަތުހީ އާދަމް 60 ޕަސަންޓަށްވުރެ މަތިން ކާމިޔާބު ކުރައްވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީޕް އުމަރު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް މިރޭ "ސަން" އަށް ވިދާޅުވީ 60 ޕަސަންޓަށްވުރެ މަތިން އެ އިންތިޚާބު ކާމިޔާބުކުރާނެ ކަމަށް ވިދާޅުވަނީ ކުރީގެ އިންތިޚާބުތަކުގެ ނަތީޖާއަށާއި ކުރިމަތިލާ ކެންޑިޑޭޓުންގެ ގާބިލުކަމާއި އެ ކެންޑިޑޭޓުން ރައްޔިތުންނާ ގުޅޭ މިންވަރަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން ޕީޕީއެމްއިން ކުރި ދިރާސާތަކަށް ބަލާއިރު ކޮމަންޑޫން 60 ޕަސެންޓަށްވުރެ މަތިން ވޯޓު ލިބޭނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ގަބޫލުކުރެވޭ ގޮތުގައި ފޯކައިދޫންވެސް 60 ޕަސައްޓާ ގާތް ކުރާ މިންވަރަކަށް ވޯޓު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މަރޮށިން ލިބޭނެ ސީދާ ވަރެއް އަދި ދަންނަވަން ނޭނގޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ފޯކައިދޫން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ބަލަނީ ފަސްދޮޅަހާ ހަމައަށް ނޫނީ 58 ނޫނީ 59 ޕަސެންޓްގަ އުޅޭނެކަމަށް. އެކަމަކު އަޅުގަނޑުމެން ކޮމަންޑޫން އިރާދަކުރެއްވިއްޔާ އެ ޕަސަންޓޭޖް މަތިކޮށް އެވްރެޖް އިރާދަކުރެއްވިއްޔާ އެންމެ ދަށްވެގެން ފަސްދޮޅަހެއް ގެންނާނަން،" އޭނާ ވިދާޅުވިއެވެ. ކޮމަންޑޫން އެންމެ ގިނަ އަދަދެއްގެ ވޯޓު ފަތުހީއަށް ލިބޭއިރު، ދެވަނައިގައި އުޅޭނީ ހަންނާނުކަމަށް އާދަމް ޝަރީފް ލަފާކުރެއެވެ. އަދި ހަންނާނު ދެވަނައަށް ދާނެ ކަމަށް ބެލެވެނީ އޭނާ އަކީ ކުރިން އެ ރަށު މަދަރުސާގައި ޓީޗަރުކަން ކުރެއްވި ބޭފުޅަކަށްވާތީ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. "ކޮމަންޑޫން ރާޝިދު އެޅޭނީ ތިންވަނައިގަ. ކޮމަންޑޫގަ ދެވަނައަށް ހަންނާނު ނަގާނެ. އެއީ އޭނައަކީ ކުރިން އެރަށުގަ ޓީޗަރުކަށްވެސް ކޮށްފަ އަދި އޭނަގެ ފެމެލީވެސް އެރަށުގަ އޮތީމަ. އެހެންވީމަ އެރަށުގަ ދެވަނައަށް އުޅޭނީ ހަންނާނު،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުން މި އިންތިޚާބަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައިވެސް ނެތް ބޮޑެތި މަޝްރޫއުތަކެއް އިންތިޚާބާ ދިމާކޮށް ކޮމަންޑޫ ދާއިރާގައި ހިންގަން ފެށުމަކީ ނުފޫޒު ފޯރުވާކަމުގެ ހެއްކެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. " އެމްޑީޕީއަކީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކިޔާފަ އައި ބައެއް. އެކަމަކު އެމީހުން މިހާރު ފައިސާ ތަޅާ ނުފޫޒުފޯރުވާ ޕްރޮޖެކްޓްކަތާއެއްޗިހި ހިންގާ މިހުރިހާކަމެއް މި ކުރަނީ. އެންމެނަށް އެނގޭ މިއީ ކޮރަޕްޝަންކަން. އެހެންވީމަ މިހެން މިކަން ވާތީވެސް އެބަ އެނގޭ އެމްޑީޕީގެ ބަހާ އަމަލާ ދިމާ ނުވާކަން،" އޭނާ ވިދާޅުވިއެވެ. ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ބޮޑެތި މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން އެމްޑީޕީ އާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް އެ ދާއިރާގެ ރަށްތަކަށް ވަޑައިގެން ރާޝިދަށް ތާއީދު ހޯއްދެވުމަށް ކެންޑިނޭޅި އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ