އދގެ ގޮވާލުމަށް ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަގުތުން ދޫކޮށްލުމަށްފަހު އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ގެއްލުމުގެ ބަދަލު ނަގައިދޭން އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޑަބްލިޔޫޖީއޭޑީ) އިން ދިވެހި ސަރުކާރަށް ގޮވާލާފައިވާ ގޮވާލުމާއި ގުޅިގެން ގޮތެއް ނިންމާނީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުންކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެފިއެވެ.
މިރޭ ހާރިޖިއްޔާއިން އިނގިރޭސިބަހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ނަޝީދަށް އިއްވާފައިވާ ހުުކުމްގައި އެއްވެސް ހަމައެއް ނެތްކަމަށާ ނަޝީދު ވަގުތުން ދޫކޮށްލުމަށް ވާކިން ގުރޫޕުން ގޮވާލި ނަމަވެސް ނަޝީދާއި ދެކޮޅަށް އުފުލުނީ ސީރިއަސް ދައުވާއެއްކަމަށެވެ.
އަދި ރައީސް ނަޝީދު މިއަދު ޖަލުގައި ހުންނެވީ ސިޔާސީ ބޭފުޅަކަށްވުމުގެ ސަބަބުން ސިޔާސީ ދައުވާއެއް އުފުލައިގެން ނޫންކަމަށާ ނަޝީދު ޖަލުގައި ހުންނެވީ ވެރިކަމުގައި ހުންނެވި ދުވަސްވަރު ކޯޓެއްގެ ގާޒީއަކު ހައްޔަރުކޮށް، ބަންދުގައި ބެހެއްޓުމުގެ ކުށް ސާބިތުވެގެންކަމަށެވެ.
ހާރިޖީ ވުޒާރާއިން ބުނީ ކޮންމެ ބަޔަކު ސުވާލް އުފެއްދިނަމަވެސް ރައީސް ނަޝީދުގެ މައްޗަށް ހުކުމްކުރީ ރާއްޖޭގައި އުފެދިފައިވާ ސައްޙަ ކޯޓަކުންކަމަށާ ކޯޓުން އިއްވި ހުކުމާއި އެއްގޮތަށް ޙުކުމް ތަންފީޒް ކުރެވެމުންދަނީވެސް ގާނޫނީ އިމުގެ ތެރެއިންކަމަށެވެ.
އަދި ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކޮށް، ބަންދުގައި ބެހެއްޓިކަމަށް ރައީސް ނަޝީދު އަމިއްލަފުޅަށް އެތަށް ފޯރަމެއްގައި އިއުތިރާފްވެފައިވާކަމަށާ އެހެންކަމުން މިއީ ވަކި މަގްސަދެއް ހާސިލްކުރުމަށް ސިޔާސީ ވިސްނުމެއްގައި ހިންގާފައިވާ ޝަރީއަތެއްކަމަށް ބުނުމުގެ ޖާގަ ނެތްކަމަށްވެސް ހާރިޖީ ވުޒާރާއިން ވަނީ ބުނެފައެެވެ.
އދގެ ނިންމުންތަކަށް އަބަދުވެސް ސަރުކާރުން އިހްތިރާމްކުރާނެކަމަށާ ނަމަވެސް އެއީ ގާނޫނީ އިމުން ބޭރުން ރާއްޖޭގެ ކަންކަމުގެ ތެރެއަށް ބަސްކިޔުމަށް ލިބޭ ފުުރުސަތެއް ނޫންކަމަށް ވަނީ ބުނެފައެވެ.
އަދި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނަޝީދުގެ ގާނޫނީ ޓީމުން ކުރަމުންދާ މަސައްކަތް ކުށްވެރިކުރާކަމަށާ އެއީ މުޅި ގައުމާއި ދެކޮޅަށް ދިވެހި ހުރިހާ ރައްޔިތުންނަށް ގެއްލުންދިނުމަށް ކުރާކަމެއްކަމަށް ވަނީ ބުނެފައެވެ.
ނަޝީދު ވަގުތުން ދޫކޮށްލުމަށްފަހު އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ގެއްލުމުގެ ބަދަލު ނަގައިދޭން އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޑަބްލިޔޫޖީއޭޑީ) އިން ދިވެހި ސަރުކާރަށް އިއްޔެ ވަނީ ގޮވާލާފައެވެ.
ރާއްޖޭގެ ކޯޓުތަކުގައި ހިނގާ އަޑުއެހުންތަކާއި ރާއްޖޭގެ ގާނޫނުތައް ބައިނަލްއަގްވާމީ ހަމަތަކަށް ފެތޭތޯ ބެލުމަކީ ވޯކިން ގުރޫޕަށް ލިބިގެންވާ ހައްގެއްކަން ފާހަގަކޮށް ރިޕޯޓުގައި ބުނެފައިވަނީ ނަޝީދު ހައްޔަރުކުރުމުގައި އެއްވެސް ހަމައެއް ނެތް ކަމަށާއި މިމައްސަލާގައި ސިޔާސީ ކުލަވަރު ޖެހިގެން ކަންކަން ހިނގާފައިވާ ކަމަށް ބާރު ލިބޭ އެތައް ކަމެއް ފާހަގަކުރެވުނު ކަމަށެވެ.
ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލުނީ ކޮން ގޮތަކުން ކަން ދިވެހި ސަރުކާރަށް ބުނެދެވިފައި ނުވާ ކަމަށާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން ރައީސް ނަޝީދު އަމުރުކުރެއްވި ކަމަށް ސާބިތުކުރަން ދައުލަތުން ޝަރީއަތުގެ މަޖިލީހަށް ހެކި ހުށަހަޅާފައި ނުވާ ކަމަށް ނަޝީދުގެ ވަކީލުން ވިދާޅުވާތީ އެކަމަށް ރައްދު ދިނުމުގައި ދިވެހި ސަރުކާރުން ފޭލްވެފައިވާ ކަމަށްވެސް ވޯކިން ގުރޫޕުން ވަނީ ބުނެފައެވެ.
ނަޝީދު ގެންގުޅުއްވާ ސިޔާސީ ފިކުރުގެ ސަބަބުން ދިވެހި ސަރުކާރުން އެމަނިކުފާނާ ޖައްސާލާފައިވާ ކަން ފާހަގަކޮށް ރިޕޯޓުގައި ބުނެފައިވަނީ ނަޝީދުގެ ޝަރީއަތް ކުރިއަށް ދިޔައީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ހިލާފަށް ކަމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރާއި އދ. ގެ ކުރީގެ ސްޕެޝަލް ރެޕަޓުއަ އޮން ދަ އިންޑިޕެންޑަންސް އޮފް ޖަޖާސް އެންޑް ލޯޔާޒް އިންވެސް ފާހަގަކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފައިވަނީ ފުރިހަމަ ސިޔާދަތާ މިނިވަންކަން ލިބިގެންވާ ދައުލަތެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި ފަރުދުންނާއި ދައުލަތުގެ ހައްގުތައް ހިމާޔަތް ކުރުމަށާއި ދިވެހި ގައުމުގައި އަމަންއަމާންކަމާއި ސުލްހަވެރިކަމާއި ހަަމަހިމޭންކަން ގާއިމްވެފައި އޮތުން ކަށަވަރުކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެެ ދަށުން ދިވެހިރާއްޖޭގައި ގާނޫނޫގެ ވެރިކަން ނަގަހައްޓާނެ ކަމުގައި ޔަގީންކަން ދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ