ރައީސް ނަޝީދަށް ހިމާޔަތް ދިން ކަން އިނގެރޭސިވިލާތުން ކަށަވަރު ކޮށްދެއްވައިފި- ދުންޔާ މައުމޫން

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިނގެރޭސި ސަރުކާޜުން ހިމާޔަތް ދީފައިވާ ކަން އެގައުމުން ކަށަވަރުކޮށްދެއްވައިފި ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީ އިން މިހާތަނަށް ބުނަމުން އައިސްފައި ވަނީ ނަޝީދުގެ ވަކީލުން ނަޝީދު ހިމާޔަތް ހޯއްދަވައިފައިވާކަން އިއުލާނު ކުރި ނަމަވެސް އިނގެރޭސިވިލާތުން އެކަން ހާމަކުރައްވައިފައި ނުވާ ކަަމަށެވެ.
ފޮރިން މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ދުންޔާ ވިދާޅުވީ ނަޝީދު ހިމާޔަތް ހޯއްދެވިކަން އިނގެރޭސިވިލާތުން ކަށަވަރުކޮށްދިނީ އެގައުމުގެ ފޮރިން މިނިސްޓރީއަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައެވެ. އަދި މިކަމުގެ އިތުރު ތަފްސީލެއް އެސިޓީގައި ނުވާ ކަމަށް ވެސް ދުންޔާ ވަނީ ވިދާޅުވެފައެވެ.
ދުންޔާ އިތުރަށް ވިދާޅުވެފައި ވަނީ ނަޝީދު ވަނީ ބޭސްފަރުވާ ނިމުނުހާ އަވަހަކަށް ރާއްޖެއަށް ވަޑައިގެން ހުކުމުގެ ބާކީ ބައި ތަންފީޒު ކުރާނެ ކަމަށް އެއްބަސްވެ އިގުރާރެއްގައި ސޮއިކޮށްފައެވެ. އަދި އެމަނިކުފާނު މިވަގުތު ބޭރުގައި އެހުންނެވީ އެއިގުރާރާއި ޚިލާފަށް ކަމަށް ވެސް ދުންޔާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ދުންޔާ ވަނީ މިކަމާއި ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ވެސް ވިދާޅުވެފައެވެ. ނަޝީދު ބޭރުގައި ހުންނެވުމުން ކަން ކުރިޔަށް ހިނގާނެ ގޮތެއް ނިންމަވާނީ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ކަމަށް ވެސް ދުންޔާ ވަނީ ވިދާޅުވެފައެވެ.
ބޭރުގެ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ މިވަގުތު އެންމެ ރަނގަޅު ވާނީ އިނގެރޭސި ވިލާތުގައި ހުންނަވައި ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުން ކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ