ފެނަކަ ވަނީ ފެއިލްވެފައި، ފެނަކައިން އައްޑުއަށް ކަރަންޓު ދޭކަށް ބޭނުމެއް ނޫން: އައްޑޫ މެމްބަރުން

ރާއްޖޭގެ ގިނަ ރަށްތަކަކަށް ކަރަންޓު ފޯރުކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ވަނީ ފެއިލްވެފައި ކަމަށާއި އެ ކުންފުނިން ދެން އައްޑު އަށް ކަރަންޓު ދޭން ބޭނުން ނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ ދާއިރާތަކުގެ އެމްޑީޕީ މެމްބަރުން ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މެމްބަރުން ވަނީ ފެނަކައިން އައްޑޫގައި ދެމުން އަންނަ ކަރަންޓުގެ ހިދުމަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ފޭދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރައްޔިތުންނަށް އެ ފަދަ އަސާސީ ހިދުމަތް ދޭ ތަންތަން ވާން ޖެހޭނީ ކޮރަޕްޝަނާއި ސިޔާސީ ނުފޫޒުން އެއްކިބާ ވެފައިވާ ތަނަކަށް ކަމަށާއި ފެނަކަ ފަދަ ކޮރަޕްޝަން ބޮޑު ކުންފުންޏަކުން އައްޑުއަށް ކަރަންޓު ދޭން ބޭނުން ނުވާ ކަމަށެވެ.
މެމްބަރުން ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ހަތަރު އަހަރު އައްޑޫގެ ކަރަންޓުގެ ހިދުމަތަށް ކުރިއެރުމެއް އައިސްފައި ނުވާއިރު، އެ އަތޮޅަށް ކަރަންޓު ބޭނުންވާ ކެޕޭސިޓީ ދެނެގަނެ، އެއާ އެއްވަރަށް ހިދުމަތް ދިނުމަށް ފެނަކައިން ވަނީ ނުކުޅެދިފަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވިދާޅުވީ މިހާރު އައްޑޫގައި 1،600 ކިލޯ ވޯޓުގެ 11 އިންޖީނު ހުންނައިރު އެއީ ގިނަ އަދަދެއް ކަމަށާއި އެކަމަކު އޭގެ ކެޕޭސިޓީ ދަށްކަމުން އުފައްދަނީ މަދު މިންވަރެއްގެ ކަރަންޓު ކަމަށެވެ. އަދި 2.5 މެގަވޯޓުގެ ދެ އިންޖީނު މިދިޔަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނައިރު، އެ އިންޖީނުތައް ހިންގަމުން އަންނަނީ އެއްވެސް ރޭވުންތެރިކަމެއް ނެތް ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
Addu ga karantu ge hidhumaiy fulhaa kuran 30 million dollar invest kuranee
Mihaaru
"ރޭވުންތެރިކަމާއެކު މިކަން ކުރާނަމަ ހަތަރު އިންޖީނު އެއް ފަހަރަކާ ނުހުއްޓޭނެ. އައްޑޫގައި ކެޕޭސިޓީ އިތުރުވާ މިންވަރު ފެނަކައިން އެބަ ބަލަހައްޓަން ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އަތޮޅުގައި އަލަށް ހަތަރު އިންޖީނު ބަހައްޓައި ދެ އިންޖީނު އަދި ބަހައްޓަން އުޅޭ ކަމަށް ފެނަކައިން ބުނި ނަމަވެސް އެއީ ރައްޔިތުންނަށް މުހިއްމު ވާހަކައެއް ނޫން ކަމަށާއި މުހިއްމީ 24 ގަޑިއިރުގެ ހިދުމަތް ލިބުން ކަމަށެވެ. އެކަމަކު އެކަމަށް ބޭނުންވާ އިންވެސްޓްމެންޓާއި ސްޕެއާޕާޓްސް އަދި ޓެކްނިކަލް މީހުން ނެތި ހިދުމަތް ނުދެވޭނެކަން ޝަރީފް ފާހަގަ ކުރެއްވި އެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫގައި މި ފަހުން ކަރަންޓުގެ މައްސަލަ ޖެހިގެން އުޅޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ގޭގެއިން ތިން ހަތަރު ފަހަރު ވެސް ކަރަންޓު ކަނޑާލާ ކަމަށެވެ. އެކަމަކު އެކަމަށް ވަގުތީ ހައްލެއް ގެނައުމުގެ ބަދަލުގައި އަބަދު ވެސް މައްސަލަ ހައްލު ކުރަނީ ވަގުތީ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި އައްޑުއަށް 10 މެގަވޯޓުގެ ކަރަންޓު ބޭނުންވާއިރު، މި ވަގުތަށް ވެސް ހަތް މެގަވޯޓުގެ ކަރަންޓު ބޭނުންވާ ކަމަށެވެ. އެކަމަކު މިހާރު ހުރި 11 އިންޖީނުން އެންމެ ގިނައިން ވެސް އުފައްދަނީ ފަސް މެގަވޯޓުގެ ކަރަންޓު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަނގަޅަށް ހުރި އިންޖީނުތައް ކޮންމެ ދުވަހަކު ވެސް ހިންގާއިރު އޭގެ ބެކަޕެއް އަދި މަރާމާތު ކުރެވޭނެ ގޮތް ވެސް ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިގޮތަށް ކަންތައްތައް ހުރި ހައްތަހާ ވެސް މި ފެންނަނީ ވަގުތީ ހައްލެއް ގެންނަތަން. މިއީ ހަމައެކަނި މި ސަރުކާރަކު ވާކަމެއް ނޫން. ރައީސް މައުމޫންގެ ސަރުކާރުން ފެށިގެން ހަމަ މިގޮތަށް ކަންތައްތައް ހިނގަމުން އަންނަނީ،" އައްޑޫގައި ދޭ ކަރަންޓަށް އެންމެ ރަނގަޅު ބަދަލެއް އައީ އެމްޑީޕީގެ ދެ އަހަރުގައިކަން ފާހަގަ ކުރައްވައި ނިޒާރު ވިދާޅުވި އެވެ.
މެމްބަރުން ފާހަގަ ކުރެއްވި ގޮތުގައި މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވެން އޮތީ ސަރުކާރުން އައްޑޫގެ ކަރަންޓަށް ބޮޑު އިންވެސްޓްމެންޓެއް ކޮށްގެންނެވެ. އަދި ހިދުމަތް ރަނގަޅު ކުރުމަށް 30 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ބޭނުންވާ ކަމަށް ފެނަކައިން ބުނާއިރު، އަންނަ އަހަރުގެ ބަޖެޓުގައި އެ ފައިސާ ހިމެނުމަށް ވެސް މެމްބަރުން ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.
އައްޑޫގައި އާ އިންޖީނުގެއެއް އެޅުމަށް 30 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓެއް ކުރަން ރާވަމުން އަންނަ ކަމަށް ފެނަކައިން ވެސް މިއަދު ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ