ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ޓެކްސީ ޑުރައިވަރު ގާސިމް ހަސަންގެ މަރާއި ގުޅުވައި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމަށް ކުރަމުންދާ ތުޙްމަތުތައް އޭނާ ދޮގުކޮށްފި އެވެ.
ގަޔަށް ވަޅިހާރާ ވަރަށްބޮޑަށް ޒަޙަމް ކޮށްލާފައި އޮއްވާ ގާސިމް ހަސަން ފެނިފައިވަނީ، ބުދަ ދުވަހުގެ ރޭ 21:07 އެހާކަންހާއިރު ހުޅުމާލެ ރީތިގަސް މަގުންނެވެ. ގާސިމް ހޮސްޕިޓަލަށް ގެންދިޔަތާ ގިނައިރުތަކެއް ނުވަނީސް އޭނާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ގާސިމްގެ މަރާ ގުޅިގެން ތަފާތު ވާހަކަތައް ފެތުރެމުން ދާއިރު، އެ މަރާ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމާއި ގުޅުވައިގެންވެސް ބަޔަކުދަނީ ވާހަކަތައް ފަތުރަމުންނެވެ. އެގޮތުން ޝަހީމްގެ އަތުން ގާސިމް 480،000 ރުފިޔާ ނަގާފައިވާ ކަމަށާ އެފައިސާ ނުދީގެން މިދިޔަ ހަފްތާގެ ތެރޭގައި ގުރޫޕެއް ފޮނުވައިގެން ގާސިމަށް އިންޒާރު ދީފައިވާ ކަމަށް ވާހަކަތައް ފެތުރިފައި ވެއެވެ.
އެހެންނަމަވެސް މެންބަރު ޝަހީމް ވަނީ މިވާހަކަތައް ދޮގު ކުރައްވާފައެވެ. ޝަހީމް ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، ގާސިމަށް އެއްވެސް ފައިސާއެއް ދީފައި ނުވާނެ ކަމަށެވެ. އަދި ގާސިމަކީ އޭނާ ދަންނަ މީހެއް ނޫން ކަމަށާއި ގާސިމްގެ މަރާއި އޭނާއާއި ގުޅުވައި ވާހަކަދައްކަނީ މީގެކުރިންވެސް އޭނާއާއި ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރަމުންދާ ބަޔަކުކަމަށެވެ.
ބާޔާނުގައި ޝަހީމް ވަނީ ގާސިމްގެ މަރުގެ ވަށައިގެންވާ ހުރިހާ ކަމެއް ހޯދަން ފުލުހުންނަށް ގޮވާލައްވައިފައެވެ. އަދި އެމަރުގެ ފަހަތުގައި ހިމެނޭ އެންމެން ހޯދައި އިންސާފު ގާއިމްކޮށް ދެއްވަންވެސް އެދިވަޑައިގެންފައި ވެއެވެ.
ގާސިމްގެ މަރާއި ގުޅިގެން ޓެކްސީ ސެންޓަރުތަކުންނާއި، ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ގާސިމްގެ ގާތިލުން ހޯދާ ހައްގު އަދަބު ދިނުމަށް އަންނަނީ ގޮވާލަމުންނެވެ.
މައްސަލަ ތަހްގީގު ކުރަމުންދާތީ، ފުލުހުން މާގިނަ މައުލޫމާތުތަކެއް ފުލުހުން ހިއްސާ ކޮށްފައި ނުވާއިރު، މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއްވެސް ނުވެއެވެ.
ގާސިމްގެ މަރާ އެއްވެސް ގުޅުމެއް ނޯންނާނެ: މެމްބަރު ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ