ޝައިޠޯނާއަށްވުރެ ނުބައިކަން ބޮޑު ތިމާގެ އަމިއްލަ ނަފުސުގެ ނުބައިކަމުން ސަލާމަތްކަމަށް އެދި ހެނދުނާ ހަވީރު ކުރަންޖެހޭ ދުޢާއެއް!

ޝައިޠާނާއަށްވުރެވެސް އަމިއްލަ ނަފްސުގެ ނުބައިކަން މާބޮޑުކަމަށް ބުނެވިދާނެއެވެ. އަމިއްލަ ނަފްސް ކަމަކަށް އެދޭނަމަ ދެން ވާނެ ގޮތާއިމެދު ވިސްނާށެވެ! އެންމެ ފުރަތަމަ ތިމާ ކުރަން ޖެހޭ ޖިހާދަކީ އަމިއްލަ ނަފްސާއި ދެކޮޅަށް ކުރަން ޖެހޭ ޖިހާދެވެ. ނަފްސް ކިތަންމެ ވަރަކަށް އެދުނު ނަމަވެސް ފާފައެއް ނުކޮށް ހުންނަން ކުރަން ޖެހޭ ޖިހާދެވެ.
އެ ޖިހާދު ކާމިޔާބުވުން ޖިހާދުކުރަން އުސް ފަރުބަދައަކަށް އަރަން ޖެހުނު ނަމަވެސް އަރައިގެންނެވެ. މާނައަކީ ނަފްސާއި ދެކޮޅަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމުގެ ހިތްވަރު ނުލިބި ތިމާއަށް ސަލާމަތްކަމެއް ނެތް ކަމެވެ.
ނަފްސާއި ދެކޮޅަށް ކުރަން ޖެހޭ ޖިހާދު ކާމިޔާބު ކުރެވޭނީ ތިމާގެ އައްޑަނައިންނެވެ. އެ އައްޑަނަ ﷲ ތަޢާލާ ވަނީ އަހަރެމެން ކޮންމެ މީހަކަށް ދެއްވަވައިފައެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ކޮންމެ ތަނެއްގައި ހުރެ ފާފައެއް ކުރި ނަމަވެސް ﷲ ތަޢާލާ ވަގުތުން ބައްލަވައިވޮޑިގެންވާކަން ހިތުގައި ބާއްވައިގެން ނޫނީ އައްޑަނައިން ދިފާޢެއް ނުކުރެވޭނެއެވެ.
ފާފަތަކުން ސަލާމަތްވެހުރުމަށް ކުރަން އެންމެ މުހިންމު އެއްކަމަކީ ހެނދުނާއި ހަވީރު އެމީހެއްގެ ނަފަސުގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުމެވެ. ފާފަ ކުރުން ހުއްޓާލަން ބޭނުންވި ނަމަވެސް ބައެއް މީހުންނަށް ފާފަކުރުން ހުއްޓައި ނުލެވެނީ އެމީހާގެ ނަފުސުގެ ނުބައިކަމުންނެވެ.
ހުއްޓައި ނުލުމަށް ނަފުސު ބާރުއަޅާތީއެވެ. ބައެއް މީހުންނަށް ފާފަކުރުން ހުއްޓައި ލެވުނު ނަމަވެސް އަލުން ފާފަކުރަން ފެށެނީވެސް ހަމަ އެމީހާގެ ނަފުސުގެ ސަބަބުންނެވެ. ފާފަ ކުރަން ތިމާގެ އަމިއްލަ ނަފުސް ބާރުއަޅާތީއެވެ.
ރަސޫލް (ﷺ) އަކީ ﷲ ތަޢާލާ ދުނިޔެއަށް ފޮނުއްވެވި އެންމެ ޠޯހިރު ނަފްސެވެ. އެހެންކަމާއިއެކުވެސް ނަފްސް ޠޯހިރުކޮށްދެއްވެވުން އެދިވަޑައިގެން ރަސޫލް (ﷺ) ގެންދެވީ ދުޢާ ތަކުރާރުކުރައްވަވަމުންނެވެ. ނަފްސް ޠޯހިރުކޮށްދެއްވެވުން އެދިވަޑައިގެން ހެނދުނާއި ހަވީރު ދުޢާ ކުރައްވަމުން ގެންދެވުމަށް ރަސޫލް (ﷺ) އަބޫބަކުރުގެފާނަށް ޙަދީޘްފުޅު ކުރެއްވެވިއެވެ. ވީއިރު އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟
އިންސާނާގެ ނަފްސް އުފައްދަވާފައިވަނީ ފާފަކުރަން ދަހިވެތިވުމުގެ ބައަކާއިއެކުގައެވެ. ވީމާ ނަފްސް ދާނީ ނަފްސް އެދޭ ކަންކަން ކުރަން ބުނަމުންނެވެ. އެކަމަށް ވިސްނައި ނަފްސް އެދޭހައި ކަންކަން ނުކުރުމަކީ އެމީހެއްގެ ކަމެކެވެ.
އެކަމަށް މަސައްކަތްކުރާ މީހާއަށް އެކަމުގެ ބާރު ދެއްވަވާނެތެވެ. އަހަރެމެނަށް އޮތީ އެކަމަށް އެދި ދުޢާކުރަމުން ގެންދިއުމެވެ. ހިތާއި ނަފްސް ޠޯހިރުކޮށްދެއްވެވުން އެދި ކުރެވިދާނެ ދުޢާއެއް ސުންނަތުން: (ޞަޙީޙް މިސްލިމް) اَللّٰهُمَّ اٰتِ نَفْسِىْ تَقْوَاهَا وَ زَكِّهَا اَنْتَ خَيْرُ مَنْ زَكَّاهَا اَنْتَ وَلِيُّهَا وَ مَوْلَاهَا O Allah! Grant piety to my soul (nafs) and purify it, You are the Best of the ones to purify it; You are its Guardian and Patron. (Sahih Muslim)
--ޝައިޚް ޙަސަން ޢަލީގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ