އިންޖީނެއްގައި މައްސަލަ ޖެހި ކަރަންޓް ކަނޑާލަނީ!

އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ އިންޖީނަކަށް މައްސަލަ ޖެހި ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑަން ޖެހޭނެ ކަމުގެ އިންޒާރު ފެނަކަ ކޯޕަރޭޝަނުން ހިންގަމުން އަންނަ މަރުކަޒީ އިންޖީނުގެއިން ބުނެފިއެވެ.
އިންޖީނުގޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިންޖީނަކަށް މައްސަލަ ޖެހިގެން ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު ލޯޑް މަތިވާ ފަހަރު ތަކުގައި ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑަމުންދާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މައްސަލަ ޖެހުނު އިންޖީނުގެ މަރާމާތަށް ހަފްތާއެއް ހާ ދުވަސް ނަގާފާނެކަމަށެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދެމުން އަންނަ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތަކަށް ބޭނުންވާ ސްޕެއާ ނުލިބުމާއި މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލައަކީ މިހާރު އާއްމު ކަމެކެވެ.
ނިމިގެން ދިޔަ ރޯދަމަހުގެ ކުރިން އައްޑުއަށް ގެންނާނެ ކަމަށް ބުނި 2 މެގަ ވޯޓްގެ އިންޖީނު ގަތުމަށް އަދި ބަޔަކާއި ހަވާލު ކުރެވިވާ އިރު އިންޖީނުގޭގައި ހުރި 1.6 މެގަ ވޯޓްގެ އިންޖީނުގެ މަރާމާތަށް ބޭނުންވާ ސްޕެއާ ނުލިބި ލަސްވެގެން ދަނީ ޑޮލަރު ލިބުމުގެ ދަތިކަމާއި ހެދި ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ވަނީ ބުނެފައެވެ. އަދި އައްޑޫގެ ކަރަންޓް ކެނޑުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހެއް ބުނަން ނޭގޭ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
އައްޑޫގެ ކަރަންޓާއި، ފެނާއި ނަރުދަމާ ދިނުމަށް އެމްޑަބްލިއުއެސްސީ އާއި ހަވާލު ކުރަން ވަނީ މިހާރުގެ ސަރުކާރުން ނިންމާފައެެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ