ހިއުމަން ރިސޯސްގެ މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހިއުމަން ރިސޯސް އާއި އިމިގްރޭޝަންގެ ތެރެއިން ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ހިނގައިތޯ ބެލުމަށް ފުލުހުން ފަށާފައިވާ ތަހުގީގާ ގުޅިގެން ހިއުމަން ރިސޯސްގެ ލޭބާ އޮފިސަރެއްގެ މަގާމުގައި ހުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ހިއުމަން ރިސޯސްގެ ޕާމަނަންޓް ސެކްރެޓަރީ މާހިދް ޝަރީފް މިއަދު ވިދާޅުވި ގޮތުގައި، މިއަދު ފުލުހުން ގެންދިޔައީ އެތަނުގެ ކޯޓާ ސެކްޝަންގައި މަސައްކަތްކުރާތާ ގާތްގަނޑަކަށް ހައެއްކަ އަހަރުވެފައިވާ އިބްރާހިމް އަލީ ނަމަކަށް ކިޔާ މީހަކެވެ.
ފުލުހުން އޭނާ ހައްޔަރުކުރީކަމެއް ނުވަތަ ތަހުގީގަށް ބޭނުންވާ މައުލޫމާތު ސާފުކުރަން ގެންދިޔައީ ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފުލުހުން ހިއުމަން ރިސޯސްގައި ތަހުގީގެއް ހިންގަމުންދާ ކަމަށެވެ. ނަމަވެސް،
"އެތަނުގެ ބޭފުޅަކު ހައްޔަރުކުރިތޯ ނުވަތަ ނުންތޯ ތަފްސީލުކޮށް ބުނެވޭކަށް ނެތް" ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ސިފައިން ހިންގަމުންދާ ލޭބާ ސެކްޝަނުގެ މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި މިވަނީ، މީގެ ކުރިން ވަގު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން ބިދޭސީން އެތެރެކުރަން އުޅުނު ބަޔަކު ވެސް ފުލުހުން އަތުލައިގެންފައި ވަނިކޮށެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ތަފްސީލެއް ނުދެެ އެވެ.
އަދި މީގެ ކުރިން އޮޅުވައިލައިގެން ޑިޕޮސިޓް ފައިސާ ނެގި ކަމަށް ޝައްކު ކުރެވޭ އިމިގްރޭޝަންގެ މުވައްޒަފަކު ވެސް ފުލުހުން ހައްޔަރުކޮށްފައިވެ އެވެ. އެ މައްސަލައިގެ ތަފްސީލު ވެސް ފުލުހުން އަދި ނުދެ އެވެ.
ގަވައިދާ ހިލާފަށް ރާއްޖެ އެތެރެވާ ބިދޭސީންގެ މައްސަލަ ބޮޑުވުމުން ސަރުކާރުން ވަނީ އެ މައްސަލަ ބެލުމަށް ފުލުހުންނާ މިދިޔަ މަހު ހަވާލުކޮށްފަ އެވެ. އަދި ހިއުމަން ރިސޯސް އާއި އިމިގްރޭޝަންގައި ހުރި މައްސަލަތައް ބެލުމަށް އެ ދެތަނުގެ ބިދޭސީންނާ ގުޅޭ މަސައްކަތްތައް ވަނީ ސިފައިންނާ ހަވާލުކޮށްފަ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު މިހާރު އެއް ލައްކަ އަށް އަރަން ވަނީ ކައިރިވެފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ބިދޭސީންގެ އަދަދު އިތުރުވަމުންދާނެ ކަމަށް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ