އެމްއޯސީގެ ރައީސްގެ މަޤާމުން ޢަލީ އުމަރު ނަން ނަގައިފި

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އިންތިހާބުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަދި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު ޢަލީ އުމަރު ރައީސްކަމުން ނަން ނަގައިފިއެވެ.
އޮލިމްޕިކް ކޮމިޓީ އެސޯސިއޭޝަންތަކަށް ފޮނުވާފައިވާ ނޯޓިސްގައި ވާގޮތުން އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ ފަރާތުން އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވާ އަލީ އުމަރުވަނީ ނަން ނަންގާފައެވެ. އަލީ އުމަރު ނަން ނެގުމާއިއެކު މިހާރު މިއިންތިހާބްގައި ރައީސްގެ މާގާމަށް ވާދަކުރާނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އާއި ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރެވެ.
އެމްއޯސީގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ މުސާ ނާޝިދުއަކީ ބެޑްމިންޓަންގެ ދުނިޔޭގެ ފެޑެރޭޝަން ބީޑަބްލިއުއެފްގެ ކައުންސިލް މެމްބަރުކަމާއި ބެޑްމިންޓަން އޭޝިއާ އާއި ދެކުނު އޭޝިއާގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ އިތުރުން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވެސް މަގާމް ފުރުއްވަމުންނެވެ. ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވަނީ ފީނާގެ ޑިވޮލޮޕްމަންޓް އެންޑް ފައިނޭންސް ކޮމެޓީގައި މަސައްކަތްކޮށްފައެވެ.
އެމްއޯސީގެ ނައިބް ރައީސްގެ މަގާމަށް 3 ފަރާތެއް ކުރިމަތިލާފައިވެއެވެ. އެއީ ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު އިސްމާއީލާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް އަދި ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލެވެ. ކްރިކެޓް ބޯޑުގެ ރައީސް އެމްއޯސީގެ ނައިބް ރައީސްގެ މަގާމަށް ކުރިމަތިލާފައިވަނީ ނޮން އޮލިމްޕިކް ސްޕޯޓްސްގެ ސްލޮޓެއްގައެވެ.
އަލަށް އިންތިހާބްކުރާ އެމްއޯސީގެ ދައުރު ހަމަވާނީ 2025ވަނަ އަހަރުގެ ނިޔަލަށެވެ.
2017ވަނަ އަހަރު ދެވަނަ ދައުރަކަށް އެމްއޯސީގެ ރައީސްއަކަށް ޝަވީދު އިންތިހާބްވެފައި ވަނީ ރައީސްކަމަށް އެހެން ފަރާތެއް ކުރިމަތިލާފައިނުވުމާއި ގުޅިގެން، ނެގި ފެންނަ ނުފެންނަ ވޯޓް ކާމިޔާބުކޮށްގެންނެވެ. މިފަހަރުގެ އިންތިޚާބްގައި ޝަވީދު ވާދަނުކުރައްވާނެކަން ވަނީ މާކުރިންވެސް އިޢުލާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ