ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި ދެކޮޅަށް އެ ޕާރޓީގެ ދެ މެންބަރަކު ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލުމުން އަނެއްކާވެސް އެ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.
ޕީޕީއެމް އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުގެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބާތިލް ކުރުމުން އަނެއްކާ ވެސް އަލުން އެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވާއިރު މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވަން ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މައުމޫންއާ ދެކޮޅަށް އެ ދެ މެންބަރުން ސިވިލް ކޯޓަށް ހުށަހެޅީ ޕާޓީގެ ކައުންސިލްގެ މަޝްވަރާއެއް ނެތި އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ރައީސްއަށް މަޝްވަރާ ދިނުމަށް މަޝްވަރާ މަޖިލީހެއް މައުމޫން އަމިއްލަފުޅަށް އެކުލަވާލައްވައި ޕާޓީގެ ހުރިހާ ގުނަވަންތަކެއް ސަސްޕެންޑްކޮށްފައިވާ ކަމަށް ބުނެއެވެ. މި މައްސަލަ ކޯޓުން މީގެ ކުރިން ބާތިލު ކޮށްފައިވަނީ މައްސަލަ ހުށަހެޅުއްވި ދެ ބޭފުޅުންގެ ފަރާތުން ވަކީލަކު ހާޒިރުވެފައި ނުވާތީއެވެ.
މައުމޫނު މިހާރު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ. ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ކުރިން މައުމޫނު ވަނީ ޕާރޓީގެ ކައުންސިލްގެ އެއްވެސް ބައްދަލުވުމެއް ނުބޭއްވުމަށް އަންގަވައިފައެވެ.
މައުމޫނާއި ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބާތިލު ކުރުމުން އަނެއްކާވެސް އެމައްސަލަ ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ