ފެންޓަސީ ބޭކަރީ ހުޅުވުމާ ބެހޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބަލަން ސިޓީ ކައުންސިލުން ނިންމައިފި

ފެންޓަސީ ބޭކަރީ އަލުން ހުޅުވުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދިނުމުގެ ކުރިން ރައްޔިތުން ދެކޭ ގޮތް ސިޓީ ކައުންސިލުން ބެލުމަށް ނިންމައިފި އެވެ.
ފެންޓަސީ ބޭކަރީ ތެރެއިން މީދާ ފެނި، އަދި މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ބޭނުންކޮށްގެން ކާ އެއްޗެހި އުފެއްދި މައްސަލަތަކެއް ފެންމަތިވެ ފެންޓަސީ ބޭކަރީގެ ހުއްދަ ބާތިލުކުރުމަށް ފަހު އަލުން އެތަން ހުޅުވަން ހުއްދަ ދިނުމުގެ ކުރިން ރައްޔިތުން އެދޭ ގޮތް ބެލުމަށް މި އަންނަ ބުރާސްފަތި ދުވަހު ބައްދަލުވުމެއް ބޭއްވުމަށް ސިޓީކައުން ސިލުން ވަނީ ނިންމައިފަ އެވެ.
ސިޓީ ކައުންސިލުން ބުނެފައި ވަނީ ފެންޓަސީ ބޭކަރީގެ މައްސަލައަކީ ރައްޔިތުންނާ ވަރަށް ބޮޑުގުޅުމެއް އޮތް މައްސަލައެއް ކަމަށާއި އެ ތަން އަލުން ހުލުވުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ޓަކައި ޕަބުލިކް ހިޔަރިންއެއް ]އަޑުއެހުމެއް[ އަންނަ ބުރާސްފަތި ދުވަހު 13:00ގައި ބޭއްވުމަށް ސިޓީ ހޯލްގައި އޮންނާނެ ކަމަށެވެ.
ސިޓީ ކައުންސިލްގެ މެންބަރު ހަސަން އަފީފު( ޖަންބެ) މިއަދު ވިދާޅުވީ ފެންޓަސީ ބޭކަރިއަށް ސީދާ ހުއްދަ ދިނުމަށް ހުށައެޅުމުގެ ބަދަލުގައި ރައްޔިތުން އެކަމާ ދޭތެރޭގައި ހިޔާލު ހުރި ގޮތެއް ބެލުމަށް ފަހު ހުއްދަދިނުމަށް އެކައުންސިލްގެ މެންބަރަކު ހުށައެޅި ހުށައެޅުން ފާސްވުމާ ގުޅިގެން އެކަން އެގޮތަށް ކުރަން ނިންމެވީ ކަމަށެވެ.
ޖަންބެ ވިދާޅުވީ ފެންޓަސީ ބޭކަރީގެ މައްސަލަ ޝަރީއަތުގައި އޮތް ނަމަވެސް ބައެއްގެ ވިޔަފާރި ހުއްޓުމަކަށް ގެނެސްގެން ބޭއްވޭނެ ކަމަށް ކައުންސިލުން ގަބޫލު ނުކުރާތީ އެ މައްސަލަ ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ކައުންސިލުން ހުއްދަ ނޫދީ ބޭއްވުން އެއީ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ދެކިވަޑައިގަންނަވާ ކަމަށެވެ.
"އެ މައްސަލައިގެ ޝަރީއަތް ކުރިއަށް އެބަދޭ. އަޅުގަނޑުމެން ތާއިދު ކުރާނީ އާއްމު ރައްޔިތަކު އެގޮތަށް އާމްދަނީ ހޯދުމަށް ކުރާ ކަމަކަށް ވާތީއާ އެކު ސިޓީ ކައުންސިލުން ހުއްދަ ނުހިފެއްޓުން. އެ މައްސަލާގައި އަދަދަބު ދޭފަރާތަކަށް ވާންޖެހެނީ ސިޓީ ކައުންސިލެއް ނޫނެއްނުންތޯ؟ ކައުންސިލަށް ލިބިފައި އޮންނާނީ ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު،" ޖަންބެ ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހު ބާއްވާ ބައްދަލުވުމުގައި އެކަމަށް ރައްޔިތުން ނިންމާ ގޮތެއް ކައުންސިލަށް ގެންގޮސް މަޝްވަރާކުރުމަށް ފަހު ފެންޓަސީ ބޭކަރީ އަށް ހުއްދަ ދޭކަން ވެސް ނުވަތަ ނޫންކަން ވެސް ހާމަ ރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސާފުތަހިރުކަން ގެއްލުމާއި އަދި މުއްދަތު ހަމަވެފައިވާ ތަކެތި ވިއްކުމުގެ ސަބަބުން ފެންޓަސީ ބޭކަރީ ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ބަންދުކޮށް ޖޫރިމަނާ ވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ