ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފުލުހުން އެ މައްސަލަ އެ އޮފީހަށް ފޮނުވާފައި ވަނީ މިއަދު ހެނދުނު ކަމަށާއި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.
"އެ މައްސަލަ މިއަދު ހެނދުނު ފުލުސް އޮފީހުން ވަނީ އަޅުގަނޑުމެންނަށް ފޮނުވާފައި. ތުހުމަތު ކުރެވޭ ފަރާތެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ގ. ކެނެރީގޭ މުހައްމަދު ނަޝީދު،" އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޕީޖީ އޮފީހަށް އެ މައްސަލަ ފޮނުވާފައި ވަނީ ފުލުހުން ފުރިހަމަ ކުރަން ޖެހޭ ތަހުގީގުތައް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.
ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވީ ފުލުހުން މިއަދު ފޮނުވި މައްސަލައިގައި ބުނެފައި ވަނީ މި އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހުން ފެށިގެން އަބްދުﷲ ގާޒީ ސިފައިން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީގެ 46 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އަދި އޭނާ ރަހީނުކޮށް، ގާނޫނީ ނިޒާމުން ގެއްލުވާލައި ގާނޫނު އަސާސީ އިން ކަށަވަރުކޮށްދީ ފައިވާ ހައްގުތައް ނިގުޅައިގަނެ އަދި ފަނޑިޔާރުންގެ ގާނޫނުން ލިބިދީފައިވާ އިމްތިޔާޒުތައް ގެއްލުވާލައި އޭނާ 22 ދުވަސް ވަންދެން ގިރިފުށީގައި ބެހެއްޓި ކަމަށެވެ.
އޭގެ އިތުރުން އަބްދުﷲ ގާޒީ ހައްޔަރު ކުރުމުން، ކޯޓުތަކުން މި އަހަރުގެ ޖެނުއަރީ މަހު 16 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހު ހަ ވަނަ ދުވަހުގެ ނިޔަލަށް ނެރެފައިވާ އަމުރުތަކަށް ތަބާނުވެ، ކޯޓުތަކުގެ ހުރުމަތް ކަނޑާލާފައިވާ މައްސަލައިގައި ވެސް ރައީސް ނަޝީދުގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައި ކަމަށް ޕީޖީގެ އޮފިޝަލް ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ