ރަށްގިރުމާއި ބަނދަރެއް ނެތުން – ހެނބަދޫ ރައްޔިތުންނަށް އޮތް އެންމެބޮޑު އެއް ނުތަނަވަސްކަން

(ނ ހެނބަދޫ)  ނ ހެނބަދޫ އަކީ ގާމަތީ ރަށެކެވެ. ރަށަށް ނިސްބަތްކޮށް "ގާ ހެނބަދޫ" އޭ ކިޔަނީވެސް މި ސަބަބަށްޓަކައެވެ. ހެނބަދޫ ރައްޔިތުންނަށް ފެށުނީއްސުރެ ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ލަފާފުރުމުގެ ދަތިކަމެވެ. އޮޑި ދޯނިފަހަރު އަޅާނެ ރަނގަޅު ބަނދަރެއް ރަށުގައި ނެތުމެވެ. މާސިންގާ ކަނޑުން އަންނަ ބޮޔަ ރާޅުތަކުގެ ސަބަބުން ރަށް ކައިރީގައި އަޅާފައި ހުރި ދޯނިފަހަރަށް ގެއްލުންވުން ފަދަ ހާދިސާ ތަކާއި، ރަނގަޅު ބަނދަރެއް ނެތުމުގެ ސަބަބުން ރަށާ ކައިރި ނުކުރެވޭ ބޯޓު ފަހަރާ ހަމައަށް ދިއުމަށް ބޭނުންކުރާ ކުދި ޑިންގީތައް ބަންޑުން ޖަހައިލުން ފަދަ ހާދިސާތައް ދިމާވުމަކީ މިރަށުގައި އާންމުކޮށް ހިނގަމުން އަންނަ ކަންތަކެވެ.
ވަގުތު ޓީމުން ހެނބަދޫ އަށް ކުރި ޒިޔާރަތުގައި، މި ރަށުން ފުރަތަމަ ވާހަކަ ދައްކައިލެވުނު ރައްޔިތަކީވެސް މަހަށް ނިކުންނަ ކުޑަ އޮޑިއެއް ގެންގުޅޭ މީހެކެވެ. އުމުރުން 66 އަހަރަށް އަޅާފައިވާ މި ބޭބެ ބުނީ ރަށުގައި ބަނދަރެއް ނޯންނާތީ އޮޑިފަހަރު އެޅުމަށް ބޮޑު ދައްޗަކާއި ކުރިމަތިވެފައިވާކަމަށެވެ.
ހެނބަދޫގައި ދެމޫސުމަށް ލަފާ ފުރަން ފަސޭހައަކަށް އާޅާފައިވަނީ ދެ ޖެޓީއެވެ. އުތުރު ފަރާތުގައި ހަދާފައިވާ ޖެޓީއަކީ 2000 ވަނަ އަހަރު ޔޫއެންޑީޕީގެ އެހީގައި ހަދާފައިވާ ޖެޓީއެކެވެ. އިރުމަތީ ފަރާތުގައި ހަދާފައިވާ ޖެޓީއަކީ އަމިއްލަ މީހެއްގެ އެހީގައި އެރަށުގައި ހަދާފައިވާ ޖެޓީއެކެވެ.
ހެނބަދޫގައި ބޭރުތޮއްޓެއް ނެތުމުގެ ސަބަބުން ރަށުގެ ހުރިހާ ފަރާތަކުން ރަށް ގިރުމަކީ ވެސް މިވަގުތު ހެނބަދޫ އަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މީގެ އަހަރުތަކެއް ކުރިން ރަށުގެ ސިއްހީ މަރުކަޒާ ދިމާލުން ތޮއްޓެއް ލާފައިވީނަމެސް، އެސަރަހައްދުވެސް އަންނަނީ ގިރަމުންނެވެ. ރައްޔިތުންގެ އެންމެ ބޮޑު އެއް އުދާހަކީ ލަފާފުރުމުގައި ދިމާވާ ދަތިތަކާއި، ރަށްގިރުމުގެ ސަބަބުން ދިމާވާ މައްސަލަތަކެވެ.
ހެނބަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ރަށުގައި ބޭރު ތޮއްޓެއް ލުމަށްޓަކައި އެތައް ފަހަރަކު ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާނެކަމަށެވެ. "ކަނޑުތޮށި ލުމަށް ބޭނުންވާ އީއައިއޭ ހެދުމަށް އެދުމުން ލިބުނު ޖަވާބަކީ ނ އަތޮޅަށް ނޫނީ ކައިރި ރަށަކަށް ދާފަހަރަކުން ސާރވޭކުމަށް އަންނާނަމޭ" ކައުންސިލުގެ ރައީސް ވިދާޅުވީ އީއައިއޭ ހެދުމަށްފަހު އޭގެ ނަތީޖާއަށް ބަލައި ކަނޑުތޮށި އެޅުމުގެ މަސައްކަތް ރަށުގެ ރައްޔިތުން އަމިއްލައަށްވެސް ކުރަން ތައްޔާރަށް ތިބިކަމަށެވެ.
ރަށްގިރުމުގެ ސަބަބުން ހެނބަދޫ އިން މަދުވެގެން 100 ފޫޓް ގިރާލާފައިވާކަމަށް ރަށުގެ ރައްޔިތުން ބުނެއެވެ. "ރަށުގެ އުތުރު ފަރާތުން މޫދާއި މީހުން ދިރިއުޅެ ގެތަކާއި ދެމެދު މިހާރު ހުރީ 15 ވަރަކަށް ފޫޓް. މި މައްސަލައަށް މިހާރުން މިހާރަށް ހައްލު ބޭނުން" ރަށު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
"އެންމެ ބޮޑުއެއް މައްސަލަ އަކީ ލަފާފުރުމުގެ ދަތިކަން. އެކަން ހައްލު ކުރަން ބޭނުން. ބޮޑެތި އޮޑިދޯނިފަހަރަށް ގާތް ނުކުރެވޭ ފަޅެއް ނެތުމުން. ދޯނިފަހަރަށް އަރަން މިޖެހެނީ ކުދި ބޮއްކުރާތަކުގައި" ރަށުގެ ރައްޔިތަކު އޭނާގެ ޝުއޫރު ފާޅުކުރިއެވެ. "މިކަންތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސް މިކަން ހައްލު ވުމަކީ އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަސް"
ވަގުތުގެ ފަރާތުން ނ އަތޮޅަށް ކުރަމުންދާ ހޭރިޔާ ދަތުރުގެ މެއިން ސްޕޮންސަރ އަކީ ކޮޕިއަރ ޕްލަސްއެވެ. ކޯ ސްޕޮންސަރ އަކީ އެސްޓީއޯއެވެ. ޓެލެކޮމް ޕާޓްނަރ އަކީ އުރީދޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ