ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް މަޤާމުން އިސްތިއުފާ ދެއްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
 
އިސްތިއުފާ ދެއްވުމަށްފަހު ރިޔާޒް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހުރިއްޔާއަށް ފޮނުވާފައިވާ ކަމަށެވެ.
 
އަދި ފުލުހުންގެ ޙިދުމަތުން ވަކިވީނަމަވެސް، ޤައުމަށް ޙިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
 
ފުލުހުންގެ މީޑިއާއިން ބުނީ ރިޔާޒް ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ ހުށަހަޅުއްވާފައިވަނީ މަޤާމުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވަން ކަމަށެވެ.
 
އަބްދުﷲ ރިޔާޒް ފުލުހުންގެ ޙިދުމަތާއި ގުޅިވަޑައިގެންފައިވަނީ 1989 ވަނަ އަހަރުގެ މޭއި މަހުގެ ދެވަނަ ދުވަހުއެވެ.
 
ފުލުހުން ބުނީ ފާއިތުވެދިޔަ މުއްދަތުގައި ފުލުހުންގެ ވަޒީފާގައި ހުންނަވާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ފިޔަވާ ފުލުހުންގެ އެހެން ހުރިހާ ރޭންކެއްގައި ރިޔާޒް މަސައްކަތްކުރައްވާފައިވާ ކަމަށެވެ.
 
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަބްދުﷲ ރިޔާޒް އައްޔަންކުރައްވާފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު އޭރު ރައީސުލްޖުމްހޫރިއްޔާކަމާއި ހަވާލުވެވަޑައިގެންނެވި ކުރީގެ ރައީސް ޑރ.މުޙަންމަދު ވަހީދެވެ.
 
ދިވެހި ޤައުމު ހަލަބޮލިކަމެއްގެ ތެރޭގައި އޮތް ދުވަސްވަރެއްގައި ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް، ތަރައްޤީކޮށްދެއްވުމަށް ރިޔާޒް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ