އަލްމަރުޙޫމް ޑރ. އަފްރަޝީމް އަލީ، ދިވެހި އުދަރެހުން އޮއްސުނު އުޖާލާ ތަރިއެއް

ޑރ އަފްރާޝިމްގެ މަހާނަ | ދިއިސްލާމް ފޮޓޯ: އަޝްވާގުހިނގަމުންމިދާ އޮކްޓޯބަރ މަހުގެ ފުރަތަމަ ރޭ ފުރަ މާލޭގެ މަގުތަކަށް ވެރިވެފައި ވަނީ އަމާން ކަމެވެ. ސިޔާސީ ވާދަވެރިންގެ އެއްވެސް ހިލަމެއް ނެތެވެ. މުޒާހަރާ އެއް ނުވަތަ އެ ނޫންވެސް މާލެ ތެރެ ހަލަބޮލި ވާ ޒާތުގެ ކަމެއް އެރޭ ހިނގަމުން ގޮސްފައެއް ނުވެއެވެ. މިކަން ވެގެން ދިޔައީ މާލޭގެ ގިނަ ބަޔަކަށް އުފާވެރިކަން ގެނުވި ހިތްހަމަޖެހޭ ކަމަކަށެވެ. އެ އަމާން ކަމާއި މިނިވަން ކަމުގައި ގޭގޭގައި އެންމެންނަށް ނިދާފައި މާގިނަ އިރަކު ނުތިބެ ވުނެވެ. މުޅި ދިވެހި ގައުމު ހޭލައްވާލީ ހިތާމައިން ފުރިގެންވާ ވޭނީ ޚަބަރަކުންނެވެ. މުޅި ދިވެހި އުންމަތް ކަރުނައަޅާ ފަދަ ހިތްދަތިކަން ވެރިކުރުވަނިވި އަސަރުން ފުރިގެންވާ ޚަބަރަކުން ނެވެ. އާދެ ކުޅަދާނަ ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރ ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލައިފި ކަމުގެ ޚަބަރެވެ. އަފްރަޝީމްގެ މަރަށްފަހު ފެތުރިގެން ދިޔަ މޮޅިވެރިކަން ކެނޑިގެން ނުދަނީސް އެ މަރުޙޫމް ޤައުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅުތަކާއި ކުރިމަތިވެ ވަޑައިގެންނެވި ތަފާތު ހާލަތްތަކައް ކުރުގޮތަކަށް ބަލައިލުމަށް މި ފުރުސަތުގެ ބޭނުން ކޮށްލީއެވެ.ރ.އުނގޫފާރަށް އުފަން ޑރ. އަފްރަޝީމް އަލީ އަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލަމިކް ޔުނިވާސިޓީގައި އިސްލަމިކް ރިވީލްޑް ނޮލެޖު އެންޑް ހެރިޓޭޖް (ފިގުހު އެންޑް އުސޫލުލް ފިގުހު) ގެ ރޮނގުން ޕީއެޗްޑީ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެ މަނިކުފާނު ޕީއެޗްޑީ ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތީ 2007 ވަނަ އަހަރުގެ ތެރޭގައެވެ. އެ ހިނދުން ފެށިގެންވެސް އެ މަނިކުފާނުގެ ދީނީ ވާޖިބު އަދާކުރެއްވުމުގެ މަތިވެރި މަސައްކަތްޕުޅު ފެއްޓެވިއެވެ. އެގޮތުން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އުފެއްދެމުގެ ގޮތުން ތަފާތު ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. އެ ގޮތުން ކުރެއްވެވި މަސައްކަތުގެ ތެރޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވެފައިވާ ބައެއް މައްސަލަތަކާ ބެހޭ ގޮތުން އެމަނިކުފާނު ފަތުވާ ދެއްވައި ހައްދަވާފައިވެއެވެ. އަދި ހަމަ އެދުވަސްވަރު އިސްލާމީ މަރުކަޒުގައި އިމާމުކަން ކުރެއްވުމުގެ އިތުރުން ބައެއް މިސްކިތްތަކުގައި އިމާމުވެ ހުކުރު ނަމާދު ވެސް ކުރައްވާ އުޅުއްވިއެވެ. މި މުހިއްމު މަސައްކަތްތައި ތަފާތު އެކި ހާލަތްތަކާއި އެމަނިކުފާނު ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެގޮތުން ކާމިޔާބީ އެތައް ހިނދުކޮޅެއް ތަކެއް ބައްދަލުކުރިއިރު ތަފާތު ގޮނަޖެހުން ތަކައި ވެސް އެމަނިކުފާނާއި ކުރިމަތިވިއެވެ.މަރުޙޫމް އަފްރަޝީމް އަވަހާރަ ކޮށްލެވިފައިވަނީ މީހެއްގެ ނުވަތަ ބައެއްގެ އަނިޔާވެރި ރޭވުމަކުންކަން އެންމެންވެސް އިއްތިފާގު ވާއިރު އެހަމަލައަކީ އެގޮތަށް އެމަނިކުފާނާއި ކުރިމަތިވި ފުރަތަމަ ހަމަލައެއް ނޫނެވެ. އެ ފަދަ އެތައް ހަމަލާއަކާ އެމަނިކުފާނު ވަނީ ކެރިގެން ކުރިމަތި ލައްވާފައެވެ. އެއިން ކޮންމެ ދަނޑިވަޅެއްގައިވެސް އެމަނިކުފާނުގެ ކިބައިން ފެނިގެން ގޮސްފައިވަނީ ކެތްތެރި ކަމެވެ. ތަމްސީލުވެގެން ގޮސްފައިވަނީ ހިތްތިރިކަމާއި އޯގާތެރިކަމުގެ މާތް ސިފައެވެ. ބަދަލު ހިފުމުގެ ރޫޙަކީ އެ މަނިކުފާނު ގެންގުޅުއްވިކަމެއް ނޫނެވެ. އެމަނިކުފާނުގެ ކިބައިން ފާހަގަކުރެވިފައިވާ އެއްކަމަކީ މިފަދަ ކޮންމެ ހާދިސާ ގުޅޭ ފުރިހަމަ މައުލޫމާތު ސީދާ އެމަނިކުފާނުގެ ދޫފުޅުން އެއްވެސް ޖެހިލުންވެ ވަޑައިގަތުމެއް ނެތި މީޑިއާގައި ހިއްސާކުރައްވާފައިވާކަމެވެ. އެފަދަ ބައެއް ކަންކަމަށް ބަލާލަމާތޯއެވެ.އިމާމުވެ ހުކުރު ނަމާދު ކުރެއްވުމާއި އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދު ކުރެއްވުމުން 2008 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަގުތީ ގޮތުން (3 ހަފުތާއަށް) އެމަނިކުފާނު ދުރުކުރެވުނެވެ. ސަބަބެއްކަމުގައި އޭރުގެ އިސްލާމީ ކަންތައްތައް ބެހޭ މަތީ މަޖިލީހުގެ ރައީސް ޝެއިޚް މުހައްމަދު ރަޝީދު އިބްރާހީމް ވިދާޅުވެފައިވަނީ އެގޮތަށް ނިންމެވީ އަފްރާޝީމްގެ ހަށިގަނޑަށް ނުރައްކާވާ ކަހަލަ ރޭވުންތަކެއް ބަޔަކު މީހުން ރާވާކަން އެމަޖިލީހަށް އެނގިފައިވާތީވެ އެމަނިކުފާނުގެ ރައްކާތެރިކަމަށާއި ސަލާމަތަށްޓަކައި އެޅުއްވި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. މިކަމާ ގުޅޭގޮތުން ޑރ. އަފްރާޝީމް ވެސް މީޑިއާގައި ވާހަކަ ދައްކަވައިފައި ވެއެވެ. އެގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުން ހާމަވެގެން ގޮސްފައިވަނީ ވެރިންނަށާއި މުދައްރިސުންނަށް ކިޔަމަންވުމުގެ ލާމަސީލު މިސާލެކެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ޝެއިޚް ރަޝީދަކީ އެމަނިކުފާނުގެ މުރުޝިދު ކަމަށާއި ޝެއިހް ރަޝީދު ނިންމެވި ކޮންމެ ކަމަކާ ރުހިވަޑައިގަންނަވާނެ ކަމަށެވެ. އަދި ” އެ ބޭފުޅާ އަޅުގަނޑަށް ދެރަގޮތެއް ނުހައްދަވާނެ،” ކަމަށްވެސް ވިދާޅުވިއެވެ. މިކަމުންވެސް ހާމަވެގެން ގޮސްފައިމިވަނީ އެމަރުޙޫމުގެ ރިވެތި ޚުލްޤު ފުޅާއި އަޚްލާގުގެ މާތް ކަމެވެ.މިފަހަރު އެހެން ކަމެކެވެ. 2008 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު އިބުރާހީމް މިސްކިތުގައި ޑރ. އަފުރަޝީމް ހުކުރުނަމާދު އިމާމުވެ ކުރެއްވުމަށްފަހު، މިސްކިތުން ނިކުމެ ވަޑައިގަތް ވަގުތު ބަޔަކު މީހުން އޭނާއަށް ހަމާލާދީ މާރާމާރީ ހިންގިއެވެ. މި ނުރައްކާތެރި ހާލަތު ކުރިމަތިވެ ވަޑައިގެން ނެވިނަމަވެސް އެމަނިކުފާނު ވަނީ މިކަން ހިނގައިދިޔަގޮތް ވެސް މިޑިއާގައި ވަރަށް ތަފުސީލުކޮށް ކިޔާދެއްވާފައެވެ. އެގޮތުން ޓީވީއެމް އަށް އެމަނިކުފާނު ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އާއްމުންގެ މީހުންގެ ހިމާޔަތުގައި މިސްކިތުން ނިކުމެވަޑައިގެން ބޫޓަށް އަރައިވައިޑެގެން އެނބުރިވަޑައިގެން ވަގުތު އެއްވެފައި ތިބި މީހުންގެ ތެރެއިން މީހަކު އެއްލި އަތެއް އެމަނިކުފާނުގެ ކަނދުރާއަށް އެރިކަމަށާއި، އެހެން ނަމަވެސް މާތް ﷲ ގެ އޯގާވެރިކަމުން އެކަމުން އެއްވެސް ތަދެއް އިހުސާސް ނުކުރެވޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ދުވަހުގެ ހާދިސާއާ ގުޅިގެން ޑރ. އަފްރަޝީމް ހަވީރަށް ދެއްވާފައި ވާ އިންޓަވިއުން ހާމަވެގެން ގޮސްފައިވަނީ އެމަނިކުފާނުގެ ހިތްވަރު ގަދަކަމާއި ޖެހިލުން ކުޑަ ކަމާއި ކެތްތެރިކަމާއި އެކު ދީން ފެތުރުއްވުމުގައި ސާބިތުކަމާއިއެކު ދެމިހުންނެވިކަމެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ބަޔަކު މީހުން އެމަނިކުފާނުގެ މަސައްކަތަށް ހުރަސްއެޅި ކަމުގައި ވިޔަސް އަދި ނަފްރަތުކުރި ކަމުގައި ވިޔަސް ސަރުކާރުން ހުއްދަ ބާތިލުކޮށް، ދީނީ ޝިއާރު ފާޅުކުރުމުގެ ފުރުސަތު ބަންދުނުކުރާހާ ހިނދަކު ދީނަށް ގޮވައިލެއްވުމުގައި އެމަނިކުފާނު ފަސްޖެހިވަޑައެއް ނުގަންނަވާނެ ކަމަށެވެ. އަދި ދީން އޮޅުންފިލުވައިދިނުމުގައި ކުރިއަށް ދާނެކަމަށައި ދީން އުނގަންނައިދީ ދީން މަތިކުރުމުގައި އިދިކޮޅަށް އަންނަ ހުރަސްތަކާ ކުރިމަތިލުމުގައި ފަހަކަށް ނުޖެހޭނެކަން ވެސް ފާހަގަކޮށްފައިވެއެވެ.ހަމަ 2008 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު ސައިކަލްގައި އޮފީހުން ގެއަށް ވަޑައިގެންނެވި މަގުމަތީގައި ޑރ. އަފްރާޝީމްގެ ގައިކޮޅުގައި ގަލަކުން ޖަހައި މާރާމާރީ ހިންގައިފައި ވެސް ވެ އެވެ. އަދި 2009 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޑރ. އަފްރަޝީމް އާއި ދެކޮޅަށް ބަޔަކު ދިޓީވީ ކައިރިއަށް އެއްވެފައި ވާއިރު 2009 އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ލ. ގަމު ގަތަރު އަމީރު ސްކޫލުގެ ޕީޓީއޭ ގެ ދައުވަތަކަށް ޑރ. އަފްރާޝީމް އަލީ އެރަށަށް ވަޑައިގެން ދީނީ ނަސޭހަތް ދެއްވަމުން ގެންދަނިކޮށް އެ ރަށު ބަޔަކު ނިކުމެ އެކަން ހުއްޓުވާފައި ވެއެވެ. 2010 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޖޭއެސްސީގެ މެމްބަރެއް ހައިސިއްޔަތުން ޓީވީއެމްގެ ރާއްޖެ މިއދު ޕޮރޮގްރާމްގައި ޑރ. އަފްރާޝީމް ދެއްކެވި ވާހަކަފުޅަކާއި ދެކޮޅަށް ޓީވީއެމް ކައިރިއަށް އެއްވެ ބަޔަކު އަޑު އުފުލައިފައިވއެވެ. މިފަދަ ހުރިހާ ދަނޑިވަޅު ތަކެއްގައިވެސް އެމަނުކުފާނުގެ ކިބައިން ތަކުރާރުވެ ފަށްފަށް ވެގެން ގޮސްފައިވަނީ ހަމަ އެއްސިފަތަކެކެވެ. ޖެހިލުން ކުޑަކަމާއި ކެތްތެރިކަމެވެ. ފަހަތަށް ޖެހުމެއްނެތި ސާބިތުކަމާއި އެކު ވަރުގަދަ އަޒުމެއްގައި ހުންނެވި ކަމެވެ.އެކި ގޮތްގޮތުން ދިވެހި ގައުމަށް އެމަރުޙޫމް ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތައް ވެސް އަގު ނުކުރެވޭހާ ގިނަވެފައި މަތިވެރިއެވެ. އެގޮތުން 2008 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމަށް ޑރ. އަފްރާޝީމް އަލީ ހަމަޖައްސަވައިފައިވެއެވެ. އަދި މީގެ އިތުރުން 2007 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ދެއްވައި ހާއްސަ އިނާމް ޕީއެޗްޑީ ނަންގަވައިގެން ތިއްބެވި ހަ ބޭފުޅުންނަށް ލިބިވަޑައިގެންނެވިއިރު، އޭގެ ތެރޭގައ މަރުޙޫމް ޑރ. އަފުރަޝީމް އަލީ ވެސް ހިމެނި ވަޑައިގެންފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި އިޒްރޭލުގެ ފުލައިޓް ތައް ޖެއްސުމާ ދެކޮޅަށް އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ އެތެރޭގަ އާއި ބޭރުގައި ގިނަގުނަ މަސައްކަތްޕުޅު ތަކެއް ކުރެއްވިއެވެ. އަދި ހަމަ އެހެންމެ އިސްލާމް ދީނުގެ ހައްދުތަކާ ދެކޮޅަށް އދ. ގެ ހިއުމަން ރައިޓްސް އެމްބެސަޑަރު ނަވަނިތަމް ޕިއްލޭ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ޑރ. އަފްރަޝީމް ވަނީ ފާޅުގައި ދެކޮޅު ހައްދަވައިފައެވެ. މީގެ އިތުރުން އިސްލާމް ދިވެހި އިޚްތިޔާރީ ދެ މާއްދާގެ ގޮތުގައި ބޭއްވުމަށް ކުރި މަސައްކަތާ ދެކޮޅަށް ވެސް އެމަނިކުފާނު ތެދުވެ ވަޑައިގެން ސާބިތުކަމާއި އެކު ދެމިހުންނެވިއެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކިމާ ދެކޮޅަށް ވެސް މުޅި ދިވެހި ގައުމާއި އިސްލާމް ދީނުގެ ދިފާއުގައި ބޮޑެތި މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.2009 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އުނގޫފާރު ދާއިރާގެ ރައްޔިތުންގެ ވަރަށް ބޮޑު ތާއީދާއެކު އެމަނިކުފާނު އެގޮނޑި އަށް އިންތިޚާބު ވެ ވަޑައިގަތެވެ. އެގޮނޑިއަށް ހޮވިވަޑައިގަތުމަށްފަހު އެމަނިކުފާނުގެ މަސައްކަތްޕުޅުތައް މަޖިލީހުން ފެނިގެން ގޮސްފައިވަނީ އުނގޫފާރު ދާއިރާގެ އެންމެހާ ރައްޔިތުން ފަޚުރުވެރިވުން ޙައްގު ގޮތުގައެވެ. މިކަން ކަށަވަރުކޮށްދޭ ހެކިތަކައް ބަލާލަމާ ހިންގަވާށެވެ. ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ އެންމެ ޖަލްސާއެއް ފިޔަވާ އެހެން ހުރިހާ ޖަލްސާއަކަށް ޑރ. އަފްރާޝީމް ހާޒިރުވެ ވަޑައިގެންނެވިކަން މަޖިލީހުގެ އިދާރާއިން އާންމު ކުރި މެމްބަރުންގެ ހާޒިރީ ރިޕޯޓުން ދައްކައެވެ. އެ ރިޕޯޓް ދައްކާ ގޮތުން އެދައުރުގައި މަޖިލީހުގެ 36 ޖަލްސާ ބޭއްވިއިރު ޑރ. އަފުރަޝީމް ހާޒިރުވެ ވަޑައިގެންނެވީ 35 ޖަލްސާއަށެވެ. ޖެހިގެން އައި 2011 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ހާޒިރީ ދައްކާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އެ ދައުރުގައި ބޭއްވުނު ހުރިހާ ޖަލްސާ އަކަށް ވަޑައިގެންފައިވެއެވެ. އެއީ ޖުމްލަ 34 ޖަލްސާއެވެ. ހަމަ އެކަނި ހާޒިރީ އަށް ބަލައިލުމުންވެސް އެމަނިކުފާނާ އުނގޫފާރު ދާއިރާގެ ރައްޔިތުން ހަވާލު ކުރެއްވި މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކޮށްފައިވާކަން ހާމަވެއެވެ. މީގެ އިތުރުން މަޖިލީހުގެ ތެރޭގައި އެމަނުކުފާނުގެ މަސައްކަތްޕުޅުތައް ފެނިގެން ގޮސްފައިވަނީ ވަކިން ބޮޑަށް ޝުކުރުވެރިވުން ޙައްގު ގޮތުގައެވެ.ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ވޭތުކުރެއްވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް ތަފާތު މުހިންމު އެތައް ޤަރާރަކާއި ކުއްލިމައްސަލަތަކާއި ބިލްތަކަކާއި އަދި އިސްލާހު ތަކެއް މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވާފައިވެއެވެ. އެގޮތުން ފާހަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ބިލެއް މަޖިލީހަށް ހުށައެޅުއްވިއެވެ. އަދި 2011 ވަނަ އަހަރުގެ ތެރޭގައި ޤުރުއާން މަޖުބޫރުކުރުމުގެ ގަރާރެއް މަޖިލީހަށް ހުށައެލުއްވިއެވެ. އެ ގަރާރުގައި ވަނީ ރާއްޖޭގެ ސްކޫލް މަދަރުސާތަކުގައި ހުރިހާ ގްރޭޑްތަކެއްގައި ވެސް ކީރިތި ގުރްއާން ކިޔަވައިދިނުން މަޖުބޫރު ކަމުގައި ކަނޑައެޅުމަށް އެދި މަޖިލީހަށް ގޮވާލާފައެވެ. މީގެ އިތުރުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމާ ބެހޭ ގާނޫނަށް އެމަރުޙޫމް ވަނީ މުހިންމު އިސްލާހުތަކެއް ހުށައަޅުއްވާފައެވެ. އެގޮތުން ފިގުހު އެކަޑަމީ އަށް ގާނޫނީ ބާރުވެރިކަން ލިބިދޭ އިސްލާހާއި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުލިބޭ ގޮތަށް ގާނޫނީ ގޮތުން ކަނޑައަޅާ އިސްލާހާއި އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަން ރާއްޖޭގައި ބިނާކުރުން ގާނޫނީ ގޮތުން މަނާވާ ގޮތަށް އިސްލާހު ފާހަގަކޮށްލެވެއެވެ.މަރުޙޫމް ޑރ. އަފްރަޝީމް އަޅުގަނޑުމެންނާއި ވަކިވެގެން އެ ވަޑައިގަތީ ފަނޑުވުމެއްނެތް އެތައް ހަނދާންތަކެއް ދޫކުރައްވާފައެވެ. އެ މަރުޙޫމް ގެ ކެތްތެރިކަމަގު މާތް ސިފަފުޅާއި އަޒުމުފުޅުގެ ވަރުގަދަކަމީ އެންމެހާ ދިވެހިންނަށް އިބުރަތަކަށް މެނުވީ ނުވާނެއެވެ. އެ މަރުޙޫމްގެ ސާދާ މިޒާޖުފުޅާއި އެކުވެރިކަމަކީ އަޅުގަނޑުމެން އެންމެ ދެކެން ބޭނުންވާ ސިފަތަކެވެ. އެމަރުޙޫމަކީ މުޅި ދިވެހި އިސްލާމީ އުންމަތް ފަޚުރުވެރިވާ ފަދަ ކުޅަދާނަ ދީނީ ޢިލްމުވެރިއެކެވެ. ކިޔަވާ ކުދިންގެ ލޯބި ލިބިލައްވާފައިވާ ކާމިޔާބު އަދި ހުނަރުވެރި އުސްތާޒެކެވެ. މީޑިޔާ ތަކާއި ގާތްގުޅުމެއް ބޭއްވެވި މީޑިޔާގެ މިތުރެކެވެ. ޖެހިލުން ކުޑަ ކަމާއި އެކު ހިތްވަރާއި ސާބިތުކަމާއި އެކު ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެއްވި ކެރޭ މަޖިލިސް މެމްބަރެކެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންނާއި ވަކިވެ ވަޑައިގެން އެ ދަތުރުފުޅުކުޅެއްވީ ދެމިއޮތުމުގެ ގޯއްޗަށެވެ. އަޅުގަނޑުމެންގެ ދިވެހި އުދަރެހުން އެ ގެއްލުނީ އަލިގަދަ ތަރިއެކެވެ. އުސްތާޒު މުހައްމަދު ޖަމީލު ދީދީގެ ޅެންބައިތެއް ގައި ވާ ފަދައިންނެވެ.އަރައިގެން އައި އުޖާލާ ތަރިއެކޭ އަދު އޮއްސިގެން އެދިޔާ،ވަށައިގެން އުދަރެހަށް އަލިކޮށްލި ނޫރޭ ފަނޑުވެގެން އެދިޔާ،ދިވެހި ގައުމަށްޓަކައި މަތިވެރި އެނަންފުޅު ފަށްފަށުންކިއުމީ،ދިވެހި ހުރިހާ ދަރިންނަށް ވާޖިބެއްކަމުގައި ވެގެން އެދިޔާ،މިހާރު ހުރިހާވެސް އެއްޗަކީ އެމަރުޙޫމަށްޓަކައި އަޅުގަނޑުމެން ކުރާ ހެޔޮ ދުޢާ އެވެ. މާތް ﷲ އެ މަރުޙޫމުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. އާމީން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ