ކުރިއަށް އޮތްތަނުގައި ކަސްޓަމްސްގެ މަސައްކަތް ބައްޓަންކުރާނީ މިހާރަށްވުރެ އިތުރަށް ޚިދުމަތްތައް ޑިޖިޓަލައިޒް ކޮށްގެން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 136 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ދެއްވި ޚާއްސަ މެސެޖުގައެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ރާއްޖޭގެ ކަސްޓަމްސްއަކީ ދައުލަތުގެ އެންމެ ދިގު ތާރީޚެއް އޮތް މުވައްސަސާއަށްވާއިރު، މި މުވައްސަސާއިން ކުރަމުން ދަނީ ޤައުމީ ސަލާމަތާބެހޭ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ ދޮރޯށިތައް ބެލެހެއްޓުމާއި، ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމުގެ އިތުރުން ރާއްޖެއަށް ވަންނަ އާމްދަނީގެ ބޮޑު ހިއްސާއެއް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ޒިންމާ ގިނަ ދުވަސްތަކެއް ވަންދެން ކަސްޓަމްސްއިން އިހްލާސްތެރިކަމާއެކު ބަލަހައްޓަމުންދާކަން ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ޚާއްސަކޮށް މި ސަރުކާރު އައިފަހުން ރާއްޖޭގެ ބޯޑަރުން ޑްރަގް އަތުލުމާއި، ޤާނޫނީ ގޮތުން މަނާކޮށްފައިވާ ތަކެތި ބޯޑަރުން އަތުލައިގަތުމުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް މި ދެއަހަރާއި ބައިގައި ކަސްޓަމްސްއިން ހޯދާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައިވެސް ރާއްޖޭގެ ރައްޔިތުންގެ ހައްޤުގައި އަގުހުރި ޤައުމީ މަސައްކަތްތަކެއް ކަސްޓަމްސްގެ އޮފިސަރުން ކުރަމުންދާނެ ކަމާމެދު ޝައްކެއް ނުކުރާ ކަމަށްވެސް ވަޒީރު އިހްސާން ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކައިގައި ވަނީ، ކަސްޓަމްސްގެ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ބައްޓަން ކުރައްވާނެ ގޮތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ކަސްޓަމްސްގެ މަސައްކަތް ބައްޓަންވެގެން ދާނީ ޚިދުމަތްތައް ހަރުދަނާކުރެވި މިހާރަށްވުރެ ޑިޖިޓަލް އެންވަޔަރަމެންޓެއްގައި ކަމަށް ވިދާޅުވިއެވެ.
"ކުރިއަށް އޮތްތަނުގައި ކަސްޓަމްސްގެ މަސައްކަތް ބައްޓަންވެގެން ދާނީ ޚިދުމަތްތައް ހަރުދަނާކުރެވި ޑިޖިޓަލައިޒް އެންވަޔަރަމެންޓެއްގައި އަދި އެންފޯރސްމަންޓުގައި މިހާރަށްވުރެ ޓެކްނޮލިޖީ އެމްބެޑް ކުރެވިގެން ރާއްޖޭގެ ބޯޑަރުތައް މިހާރަށްވުރެ ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ މިއަދަށްވުރެވެސް ފުރިހަމައަށް ކުރުމަށް ކަސްޓަމްސްއިން ކަމަރު ބަންނާނެ." ވަޒީރު އިހްސާން ވިދާޅުވިއެވެ.
ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ކަސްޓަމްސްއިން ދެމުންދާ ޚިދުމަތަށް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގައިވެސް ކަސްޓަމްސްގެ އޮފީސްތައް ޤާއިމްކޮށް ޚިދުމަތްތައް ދަނީ ފުޅާކުރަމުންނެވެ.
ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ޚިދުމަތް ފަށާފައިވަނީ، މީލާދީން 1890 ވަނަ އަހަރު ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. ބަންޑާރަ ފިހާރައިގެ ނަމުގައި ދޭން ފެށި މި ޚިދުމަތް މިހާރު ބޭނުންކުރާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަމަށް ބަދަލުވީ، 11 ނޮވެމްބަރ 1998 ގައެވެ. އަދި ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ މަދަނީ މުއައްސަސާއެއްގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ބަދަލު ވެގެންދިޔައީ، 11 މެއި 2011 ގައި ތަސްދީޤުކުރި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުންނެވެ.
"ކުރިއަށް އޮތްތަނުގައި ކަސްޓަމްސްގެ މަސައްކަތްތައް ބައްޓަންކުރާނީ ޑިޖިޓަލްކޮށް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ