ތުރުކީ ކޯޓުން ޚާޝުގްޖީގެ ގަތުލުގެ ޝަރީއަތް ފަށައިފި
ތުރުކީގައި ހުންނަ ސައުދީ އެމްބަސީގެ ތެރޭގައި މަރާލި ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރުގެ މައްސަލައިގައި ދައުވާ ކުރެވޭ ސައުދީ 20 މީހެއްގެ ޝަރީއަތުގެ އަޑުއެހުންތައް ތުރުކީގެ ކޯޓުން ފަށައިފި އެވެ. އެ 20 މީހުންގެ ޝަރީއަތް މިއަދު ހެނދުނު ފަށާފައިވަނީ އިސްތާންބުލް ޕްރޮވިންސްގެ މައި ކޯޓުގައި ތުރުކީގެ ލޯކަލް ގަޑިން 10 ޖެހިއިރެވެ. އަނިޔާވެރި ގޮތަކަށް ޚާޝުގްޖީ މަރާލެވިފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގަ އެވެ. ޚާޝުގްޖީގެ މަރުގެ މައްސަލައިގައި ތަހުގީގު ކުރިއަށް ގެންދިޔަ ގޮތާ އަދި ކޯޓުގައި މައްސަލަ ނިމިގެން ދިޔަ ގޮތަށްވެސް ބައިނަލްއަގްވާމީ ފާޑުކިޔުންތައް ވަނީ އަމާޒުކުރެވިފަ އެވެ. އެގޮތުން ކޯޓުގައި މައްސަލަ ނިންމާފައިވަނީ ޚާޝުގްޖީގެ މަރަކީ ދުރާލައި ރޭވިގެން ހިންގި އަމަލެއް ނޫންކަމަށެވެ. މިއީ ސައުދީ ސަރުކާރުގެ ފަރާތުންވެސް ހިންގި ތަހުގީގުގައި ވެސް މައްސަލަ ނިމިގެން ދިޔަ ގޮތެވެ. ޖަމާލް ޚާޝުގްޖީ އަކީ ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައި އެމެރިކާގެ ބައެއް ބޮޑެތި ނޫސްތަކަށް ލިޔަމުން ދިޔަ ފަރާތެކެވެ. އޭނާގެ މަރުގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އަތެއްވާކަމަށް އެތައް ތުހުމަތުތަކެއްވެސް ވަނީ ކުރެވިފަ އެވެ. ޚާޝުގްޖީ މަރުވިއިރު އޭނާގެ ހަތަރު ކުދިން ތިބެ އެވެ. އެއީ ދެ އަންހެން ކުދިން އަދި ދެ ފިރިހެން ކުދިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ