ކޯޓުން ބޭރުގައި "ކައިވެނި" ކުރި ކަމަށް ބުނުން ރަނގަޅެއް ނޫން: ޕީޖީ
ކޯޓުން ބޭރުގައި "ކައިވެނި" ކުރި ކަމަށް ބުނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ. ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައިގައި އިއްޔެ ހއ. ފިއްލަދޫ/ޝޭޑޯޒް، އަހުމަދު އައްޠަފް، 23، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އެ މައުލޫމާތު ހާމަކުރަމުން ފުލުހުންގެ ވެބްސައިޓުގައި ލިޔުނީ، އޭނާ އަކީ "ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި ކުޑަ ކުއްޖަކާ ކައިވެނިކޮށް، އެ ކުއްޖާ ބަލިވެއިން މައްސަލައެއްގައި" ހައްޔަރު ކުރި މީހެއް ކަމަށެވެ. ފުލުހުން ކުރި ޓްވީޓުގައިވެސް އެހެން ލިޔެފައި އޮތުމުން، ކޯޓުން ބޭރުގައި ކުޑަކުއްޖަކާ "ކައިވެނި" ކުރި ކަމަށް ބުނުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ޑރ. ފަރަހަނާޒް ފައިސަލް މިއަދު ވަނީ ވިދާޅުވެފައެވެ. އަދި އެކަން ސާފުކޮށްދެއްވަން އޭނާ ޕީޖީ ޝަމީމްގެ ކިބައިން އެދިވަޑައިގަތެވެ. ޝަމީމްވެސް ވިދާޅުވީ، އެއީ ގޯހެއް ކަމަށެވެ. އަދި އެހެން ވިދާޅުވި ސަބަބު އޭނާ "ސަން"އަށް ކިޔައިދިނެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޯޓުން ބޭރުގައި "ކައިވެނި" ކުރި ކަމަށް ބުނުން ގޯހީ، ކޯޓުން ބޭރުގައި ކުރަނީ ރާއްޖޭގެ ގާނޫނު ބަލައިގަންނަ ކައިވެންޏަކަށް ނުވާތީއެވެ. "ކޯޓުން ބޭރުގައި ކައިވެންޏެއް ނުކުރެވޭނެ. އެއީ ރާއްޖޭގައި ހުއްދަ ކަމެއް ނޫން. އެހެންވީމަ އެ ބަހެއްވެސް ބޭނުމެއް ނުކުރެވޭނެ. އަދި ރަސްމީ ދާއިރާގެ ތެރޭގައި ނުވެސް ކުރާނެވެސްމެ،" ޝަމީމް ވިދާޅުވިއެވެ. "ކޯޓުން ބޭރުގައި 'ކައިވެނިކޮށްގެންނޭ' ނުބުނެވޭނެ ކުޑަކުއްޖަކާވެސް ބޮޑުމީހަކާވެސް. އެއީ ކައިވެންޏަކަށް ނުވާނެތީ،" ފުލުހުންގެ ވެބްސައިޓުގައިވެސް އައްޠަފް ހައްޔަރު ކުރި ތުހުމަތު ބަޔާން ކުރާ އިބާރާތެއް މިހާރު ވަނީ ބަދަލުކޮށްފައެވެ. މިހާރު ލިޔެފައި ވަނީ އޭނާ ހައްޔަރު ކުރީ "އުމުރުން 17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށް ރޭޕްކޮށް އެ ކުއްޖާ ބަލިވެއިން މައްސަލައާ ގުޅިގެން" ކަމަށެވެ. ނަމަވެސް، ހަމަ އެ ލިޔުމުގެ އެހެން ޕެރެގްރާފެއްގައި އޭނާ އަކީ ކޯޓުން ބޭރުގައި ކައިވެނިކޮށްފައިވާ މީހެއް ކަމަށް ބަޔާންކުރެއެވެ. އައްޠަފްގެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށްއެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ