ކޯޓުގެ އަމުރަށް ތާބާނުވާނަމަ އިމިގްރޭޝަނާ މެދު ވެސް ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
އެކޯޓުން މިހެން ބުނީ ސްރީލަންކާގެ ރައްޔިތަކު ގާނޫނާ ޚިލާފަށް އިމިގްރޭޝަނުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އޭނާގެ ވަކީލު ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.
މިމައްސަލައިގައި ޖަވާބުދާރީވުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކޮންޓްރޯލާ ޑރ. މުހައްމަދު އަލީ ނުވަތަ އޭނާގެ ފަރާތުން ޖަވާބުދާރީ ވެވޭނެ ބޭފުޅަކު މިއަދު އޮތް ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމަށް އަންގާ އަމުރު ނެރެފައެވެ.
ގާނޫނާ ޚިލާފަށް އިމިގްރޭޝަނުން ހައްޔަރުކުރި ކަމަށް ބުނާ ސްރީލަންކާ މީހާގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި އިމިގްރޭޝަނުން ޖަވާބުދާރީވުމަށް މިއަދު ބޭއްވި އަޑުއެހުމުގައި އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ މިމައްސަލައިގައި ކޯޓަށް ހާޒިރުވުމަށް މީގެ ކުރިންވެސް އިމިގްރޭޝަން ކޮންޓްރޯލަރުގެ މައްޗަށް އަމުރު ނެރުމުން އެއަމުރަށް ތަބާވެފައި ނުވާ ކަމަށެވެ. އަދި ކޯޓުގެ އަމުރަށް ތަބާނުވާނަމަ އިމިގްރޭޝަނާ މެދުވެސް ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ކޯޓުން މިއަދު ކުރި އަމުރާ ގުޅިގެން އިމިގްރޭޝަން ޑިޕާޓްމަންޓްގެ ފަރާތުން ކޯޓަށް ހާޒިރުވެފައިވަނީ އެޑިޕާޓްމަންޓުގެ އެގްޒެކްޓިވް އޮފިސަރު އަބްދުލް ޣަފޫރު އަހްމަދުއެވެ.
މިއަދުގެ އަޑުއެހުމުގައި އޭނާ ވިދާޅުވީ މިމައްސަލައިގައި ދައުވާ އުފުލާފައިވާ ބިދޭސީ މީހާއަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެފައިވާ މީހެއްކަން ފުލުހުންގެ ތަހުގީގުން އެނގިފައިވާ ކަމަށާއި، އަދި އޭނާގެ ވޯކް ވިސާ ހަމަވުމުން ވިސާ އިތުރުނުކޮށް އޭނާ ރާއްޖޭގައި އުޅެފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށެވެ.
އެހެންކަމުން އޭނާ އުމުރަށް ޑީޕޯޓް ކުރުމަށް އިމިގްރޭޝަން ކޮންޓްރޯލަރު ނިންމަވާފައިވާ ކަމަށް ވެސް އަބްދުލްޣަފޫރު ވިދާޅުވިއެވެ.
ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ މިހާރު ބަލާ މައްސަލައަކީ ގާނޫނާ ޚިލާފަށް އެމީހާ ހައްޔަރު ކުރި ކަމަށް ބުނެ ހުށަހެޅި މައްސަލަ ނޫން ކަމަށާއި، މިހާރު ބަލާ މައްސަލައަކީ އިމިގްރޭޝަނުން ކޯޓުގެ އަމުރަށް ތަބާނުވި މައްސަލަ ކަމަށެވެ.
ގާޒީ ވިދާޅުވީ ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ހުރަސްއެޅުމަކީ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާއި ބެހޭ ގަވާއިދުގެ ދަށުން ކުށެއް ކަމަށާއި، އެފަދަ ކުށެއް ކޮށްފި މީހަކަށް ގާނޫނުލް އުގޫބާތުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން އިމިގްރޭޝަނަށް އިންޒާރު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ