ރައީސް މައުމޫންގެ ވެރިކަމުގައި ރައީސުލްޖުހޫރިއްޔާގެ އޮފީހުން އަމިއްލަ ފަރާތްތަކަށް ލޯނު ދޫކޮށް، އެލޯނު ތަކުގެ މުއްދަތު އިތުރުކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނާއި ޚިލާފަށް ކަމަށް އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނަރަލް ވިދާޅުވެފައިވަނީ 1992 ވަނަ އަހަރާއި، 2006 ވަނަ އަހަރާއި ދެމެދު ރައީސް އޮފީހުން ދޫކޮށްފައިވާ ލޯނުތައް ބެލެހެއްޓުން ފިނޭންސް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށާ، އެލޯނުތައް ފުރަތަމަ ދޫކޮށްފައިވަނީ 5 އަހަރު ދުވަހުގެ ތެރޭގައި 6 ޕަސަންޓް އިންޓަރެސްޓާއެކު ލޯނު ދައްކާ ޚަލާސްކުރާ ގޮތަށް އެއްބަސްވެގެން ކަމަށެވެ.
އެގޮތުން އެންމެ ފަހުން ދޫކޮށްފައިވާ ލޯނުގެ މުއްދަތުވެސް 2011 ވަނަ އަހަރުގެ ނިޔަލަށް ހަމަވާން އޮތް ނަމަވެސް، 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިތުރު 5 އަހަރު ދުވަހަށް ހުރިހާ ލޯނެއްގެ މުއްދަތު ރައީސް މައުމޫންގެ ސަރުކާރުން އިތުރުކޮށްދެއްވާފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެއެވެ.
ނަމަވެސް އެގޮތަށް އަމަލުކުރެއްވީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އަދި 13 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަދައިން މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައިގެން ކަމަށް ބެލެވޭ ކަމަށްވެސް އޮޑިޓާ ޖެނަރަލް ވިދާޅުވެއެވެ.
މިރިޕޯޓުގައި ބުނެފައިވަނީ ލޯނު ތަކުގެ މުއްދަތު އިތުރުކޮށްދެއްވާފައިވީނަމަވެސް މިހާރުވެސް ގިނަ ލޯނުތައް އަނބުރާ ދައްކަންޖެހޭ މުއްދަތު ހަމަވެފައިވާ ކަމަށާ، ލޯނު ނެންގެވި ފަރާތްތަކުން ބަރާބަރަށް ލޯނު އަދާކުރައްވަމުން ނުގެންދަވާއިރުވެސް އެފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީން އެދެވޭ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ.
މީގެ ތެރޭގައި ލޯނު ނެންގެވުމަށްފަހު އެއްވެސް ގޮތަކަށް ފައިސާ ނުދައްކާ ފަރާތްތަކާއި، މިހާރު ނިޔާވެފައިވާ ފަރާތްތައް ހިމެނޭ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެއެވެ.
ރައީސް އޮފީހުން ދޫކުރި ލޯނު ތަކުގެ ތެރެއިން 51.9 މިލިއަން ރުފިޔާ 2011 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ނުލިބިވިކާން ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ޤަވައިދުން ފިނޭންސް މިނިސްޓްރީއަށް ލާޒިމްކޮށްފައިވާ މަސައްކަތްތައް އެމިނިސްޓްރީން ކޮށްފައިވެސް ނުވާ ކަމަށެވެ.
އެހެންކަމުން މިމައްސަލައިގައި އޮޑިޓާ ޖެނަރަލް އެދިވަޑައިގެންފައިވަނީ ޤާނޫނާއި ޤަވައިދާ ޚިލާފަށް އަމަލުކުރެއްވި ފަރާތްތަކާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުއްވުމަށާއި، ލޯނުތައް އަދާކުރަންޖެހޭ މުއްދަތު 5 އަހަރަށް އިތުރުކުރެއްވި މައްސަލަ އޭސީސީން ތަހުޤީގު ކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅު އެޅުމަށެވެ.
މައުމޫން ސަރުކާރުން ދިން ލޯނުތަކުގެ މުއްދަތު އިތުރުކުރި މައްސަލަ ބަލަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ