ރިޝީފްގެ ބަންދަށް ތިން ދުވަސް ކޯޓުން އިތުރުކޮށް ދީފި

ބިޔަރު ދަޅަކާ އެކު ފުލުހުން އިއްޔެ ހައްޔަރުކުރި ފުލުހުންގެ ކުރީގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރިޝީފް ތޯހާގެ ބަންދަށް ތިން ދުވަހުގެ މުއްދަތެއް ބ. އޭދަފުށީ ކޯޓުން މިއަދު އިތުރުކޮށްދީފި އެވެ. ރިޝީފް ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައިވަނީ ފުލުހުންގެ ކާރެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއްގެ ތުހުމަތުގަ އެވެ. އިއްޔެ ހަވީރު އޭނާ ހައްޔަރުކުރީ ދަރަވަންދޫ އެއާޕޯޓްގެ ވީއައިޕީ ލައުންޖްގައި ބިޔަރު ދަޅެއް ބޯން އިންދާކަމަށް އެނގިފައިވެ އެވެ. ފުލުހުންގެ ކާރެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި އެކަމަށް އިރުޝާދު ދިން ކަމުގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާ އިން ރިޝީފް ވަކިކޮށްފައިވަނީ 2010 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭނާ ވަޒީފާ އިން ވަކިކުރުމުން އެ ވަޒީފާ އަނބުރާ ހޯދަން ސިވިލް ކޯޓުގައި ދައުވާކުރުމުން އެ ކޯޓުން ހުކުމްކުރީ ރިޝީފަށް ވަޒީފާ ދޭން އަންގާނެ ތަނެއް ނެތް ކަމަށެވެ. ނަމަވެސް އެ ހުކުމް ރިޝީފްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ހުކުމްކުރީ ރިޝީފަށް ވަޒީފާ ދިނުމަށެވެ. އެހެންވެ ދައުލަތުން އެ ހުކުމް ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އިސްތިއުނާފު މައްސަލަައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާފައިވާ އިރު އެ މައްސަލަ މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ