ޝަހީމްގެ "އަގުހުރި" ހިދުމަތްތަކަށް މައުމޫން ޝުކުރު އަދާކުރައްވައިފި

އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވި މުހައްމަދު ޝަހީމް އަލީ ސައީދަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ޝުކުރު އަދާކުރައްވައިފި އެވެ. ވެރިކަންކުރާ ޕީޕީއެމްގެ ރައީސް މައުމޫން ޓުވިޓާ ވިދާޅުވި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޝަހީމް ވަނީ ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. "އެ ހިދުމަތްތަކަށް ޝުކުރު އަދާކުރަން،" އިނގިރޭސި ބަހާއި އަރަބި ބަހުން ކުރެއްވި ދެ ޓުވީޓުގައިވެ އެވެ. Thank u @Mohamedshaheem1 for ur valuable service to the nation as minister of Islamic Affairs over many years. — Maumoon Abdul Gayoom (@maumoonagayoom) May 6, 2015 މައުމޫންގެ ޓުވީޓު ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޝަހީމް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެ އެވެ. އޭނާ އިސްތިއުފާ ދެއްވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ ބޭފުޅުން އިސްތިއުފާ ދެއްވަން އެ ޕާޓީން މިދިޔަ ހޮނިހިރު ދުވަހު އަންގާފައި ވަނިކޮށެވެ. އެކަމަކު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ސަބަބެއް ޝަހީމް އަދި ވިދާޅެއް ނުވެ އެވެ. އިސްތިއުފާ ހުށަހެޅުއްވުމުގެ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓުތަކެއްގައި އޭނާ ވަނީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ގިނަ ޕްރޮޖެކްޓްތަކެއްގެ މައުލޫމާތު ހިއްސާކުރައްވައި، އެ ކަންކަން ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އޭގެ ތެރޭގައި، ވަގުފް ބިލްޑިންގާއި ހާފިޒުން ތަމްރީންކުރުމާއި ދީނީ ދަރުސް ޕްރޮގްރާމާއި ހައްޖު ކޯޕަރޭޝަންގެ މަސައްކަތްތަކާއި ދިވެހިންނަށް ހައްޖުގެ އިތުރު 1000 ކޯޓާ ހޯދުން ހިމެނެ އެވެ. އިސްތިއުފާ ދެއްވިކަން ޓުވިޓާގައި ހާމަކުރައްވަމުން ވެސް ޝަހީމް ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގައި މަސައްކަތް ކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރައީސް ދެއްވި އެއްބާރުލެއްވުމަށް އޭނާ ވަނީ ޝުކުރު ދަންނަވާފަ އެވެ. އިއްޔެ ރައީސް ތަސްދީގުކުރެއްވި އިސްލާމީ ޔުނިވަސިޓީގެ ބިލްގެ ދަށުން އުފައްދާ ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމު އޭނާ އަށް ދޭން ސަރުކާރުން ނިންމާފައިވާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އިސްލާމިކް މިނިސްޓަރުގެ މަގާމަށް ރައީސް ޔާމީން މިއަދު ވަނީ ޑރ. އަހުމަދު ޒިޔާދު ބާގިރު އައްޔަންކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ