ތުރުކީގެ ކިބައިން އިޒްރޭލު މާފަށް އެދެފި

ޣައްޒާއަށް 2010 ވަނަ އަހަރު އެހީގެ ތަކެއްޗާއެކު ދަތުރުކުރި ބޯޓުތަކެއްގައި ތިބި ތުރުކީ ރައްޔިތުންތަކެއް މަރުވި މައްސަލާގައި، އެކަމަށް ތުރުކީގެ ކިބައިން މަޢާފަށް އެދޭ ކަމުގައި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
އިއްޔެގެ ވަގުތެއްގައި ތުރުކީގެ ބޮޑު ވަޒީރު ރަޖަބް ތައްޔިބް އުރުދުޣާން އާ ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި ނަތަންޔާހޫ ވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ކަމަށްޓަކައި ތުރުކީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދި ވަޑައިގެންފަ އެވެ. އަދި ހާދިސާގައި މަރުވި ނުވަ މީހުންގެ އާއިލާއަށް ބަދަލު ދިނުމަށް އިޒްރޭލުން ތައްޔާރަށް އޮތް ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.
ދެ ބޭފުޅުންގެ ވާހަކަފުޅުގައި ތުރުކީ އާއި އިޒްރޭލާ ދެމެދު ހީނަރުވެފައިވާ ގުޅުން އަލުން ބަދަހި ކުރުމަށް އެއްބަސްވެ ވަޑައިގަތެވެ.
މީގެ އިތުރުން ތުރުކީން ފޮނުވާލާފައިވާ އެމްބެސެޑަރުންތައް އަނބުރާ ގެނައުމަށާއި އިޒްރޭލުގެ ޑިފެންސް ފޯސްގެ ސިފައިންނާ ދެކޮޅަށް ކުރާ ހުރިހާ ދަޢުވާތަކެއް އަނބުރާ ގެންދިއުމަށް ތުރުކީގެ ކިބައިން ނަތަންޔާހޫ އެދިވަޑައިގެންފައިވާ ކަމަށް ތުރުކީގެ ބޮޑުވަޒީރު އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ތުރުކީ އާއި އިޒްރޭލުގެ ގުޅުމާބެހޭ ގޮތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ، ތުރުކީ އާއި އިޒްރޭލުގެ ގުޅުން ބަދަހި ކުރުމުގައި އެމެރިކާއިން އެތައް މަހެއް ވަންދެން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އިޒްރޭލާއި ތުރުކީގެ ގުޅުމަށް ހީނަރުކަމެއް އައިސްފައިވަނީ 2010 ވަނަ އަހަރުގެ މޭމަހު އެހީގެ ސާމާނު ހިފައިގެން ޣައްޒާއަށް ދަތުރުކުރި ތުރުކީގެ މާވީ މަރްމަރާ ކިޔާ ކަނޑުމަތީ ބޯޓަކަށް އިޒްރޭލުގެ ކޮމާންޑޯއިން ދިން ބަޑީގެ ޙަމަލާތަކެއްގައި ތުރުކީގެ ނުވަ މީހުން މަރުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ