ގާޒީ ސްކޫލުގެ އެންމެ މޮޅު ދަރިވަރަަކަށް އަފާފް

ގާޒީ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އެ ސްކޫލުން މިދިޔަ އަހަރު ގްރޭޑް ދިހައެއް ނިންމި އަފާފް އަބްދުﷲ ހޮވައިފި އެވެ. މިދިޔަ އަހަރު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންގެ މަގާމު ވެސް ފުރި އަފާފް ވަނީ އޯލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފަ އެވެ. މިދިޔަ އަހަރު އެ ސްކޫލުން އެކި ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ރޭ ގާޒީ ސްކޫލުގައި ބޭއްވި ހަފުލާއެއްގައި އަފާފްއާ އިނާމު ހަވާލު ކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަބީބެވެ. "ހަވީރާ" ވާހަކަ ދައްކަމުން އަފާފް ބުނީ އެ ފަދަ ނަތީޖާއެއް ހޯދަން އޭނާ މަސައްކަތް ކުރީ އެކުވެރިންނާއެކު ގުރޫޕް ސްޓަޑީ ހަދައިގެން ކަމަށާއި ވަރަށް ކުރިއްސުރެ އިމްތިހާނަށް ތައްޔާރުވާން ފެށި ކަމަށެވެ. އެކަމަކު އިމްތިހާނު ކައިރިވުމުން ފިލާވަޅު ދަސްކުރީ ގޭގައި އެކަނި އިނދެ ކަމަށް އޭނާ ބުންޏެވެ. ގާޒީ ސްކޫލުން ވަނަ ހޯދި ދަރިވަރަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އިނާމު ހަވާލު ކޮށްދެއްވަނީ.--ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ "ބޮޑަށް ދަސްވަނީ ގުރޫޕު ސްޓަޑީ ހަދާއިރު ނޭނގޭ އެއްޗެހި އެހެން ކުދިންނަށް ކިޔައިދިނުމުން،" މިހާރު ސީއެޗްއެސްއީގައި ކިޔަވަމުން އަންނަ ދަރިވަރު ބުންޏެވެ. ބެސްޓް އޯލް ރައުންޑް ދަރިވަރު އެހެން ގިނަ ސްކޫލުތަކުގައި ކުރިން އިއުލާނު ކުރި ނަމަވެސް ގާޒީ ސްކޫލުގައި އެ ވަނަ އިއުލާން ކުރަނީ އިނާމު ދިނުމުގެ ޖަލްސާގަ އެވެ. އެންމެ މޮޅު ދަރިވަރަށް ވާން އުއްމީދު ކުރި ނަމަވެސް އެ ވަނަ ލިބޭނެ ކަމަކަށް އަފާފް ހިއެއް ނުކުރެ އެވެ. "އަފާފްއާ އެކީ ގަދަ ދިހައެއްގެ އެއް ވަނައަށް ދެން ސްކޫލުން ހޮވުނީ ސްކޫލު ކެޕްޓަން (ހުދުނާ ހަލީމް). އެހެންވެ، އެއްވެސް ވަރަކަށް ހިއެއް ނުކުރަން އަޅުގަނޑަށް އެ ވަނަ ލިބޭނެ ކަމަކަށް. ވަރަށް ކޮމްޕެޓިޝަން ބޮޑުކޮށް އޮތީ،" އޭނާ ބުންޏެވެ. ގާޒީ ސްކޫލުން ވަނަ ހޯދި ދަރިވަރަކަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލް އިނާމު ހަވާލު ކޮށްދެއްވަނީ.--ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ އަފާފް ބުނީ އިތުުރު ހަރަކާތްތަކުގައި ބައިވެރިވެގެން ރަނގަޅު ނަތީޖާއެއް ނުހޯދޭނެ ކަމަށް ބައެއް ދަރިވަރުން ހީކުރި ނަމަވެސް އެއީ ރަނގަޅު ނަތީޖާ ހޯދުމަށް ބާރު އަޅާ ކަމެއް ކަމަށެވެ. އަދި ރަނގަޅަށް ކިޔެވޭނީ ހިތްހަމަޖެހުމާއި މަޖަލާ އެކުގައި ކަމަށާއި އެހެންވެ، އިތުރު ހަރަކާތްތައް އެކަމުގައި މުހިއްމު ރޯލެއް ކުޅޭ ކަމަށް އޭނާ ބުންޏެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި މިނިސްޓްރީ އަދި ސްކޫލުގެ ގިނަ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި، ސްކޫލުގެ އެކި ވަނަތަކަށް ހޮޮވުނު 141 ދަރިވަރުންނަށް އިނާމު ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ