އެމެރިކާ ކީޕަރުގެ މައްޗަށް ކުރި ހޯދާ ބެލްޖިއަމް ކުއާޓާ ފައިނަލަށް

މެޗުގެ ފުރިހަމަ ވަގުތުގައި ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވުމުން ކުޅުނު އިތުރު ވަގުތު ތެރޭ ކެވިން ޑެ ބުރޫން އާއި ބަދަލު ކުޅުންތެރިއާ ރޮމެލޫ ލުކާކޫ ޖެހި ދެ ލަނޑާ އެކު އެމެރިކާ އަތުން 2-1 އިން މޮޅުވެ ވޯލްޑް ކަޕް ކުއާޓާ ފައިނަލަށް ބެލްޖިއަމް އަށް ދަތުރުކޮށްފި އެވެ. މިއީ ވޭތުވެދިޔަ 28 އަހަރު ދުވަހު ތެރޭ ބެލްޖިއަމް އަށް ކުއާޓާ ފައިނަލުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. މެޗުގެ ނަތީޖާ ބަދަލުކޮށްލި ބެލްޖިއަމްގެ ފޯވާޑް ލުކާކޫ. --ފޮޓޯ:އެއެފްޕީ މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި ބެލްޖިއަމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތުގެ އެންމެ ބޮޑު ހުރަހަކަށްވީ އެމެރިކާގެ ކީޕަރު ޓިމް ހޮވާޑެވެ. މެޗުގައި އޭނާ ކުރި 15 ސޭވް އަކީ ވޯލްޑް ކަޕުގައި އެއް މެޗެއްގައި 1996 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ކީޕަރަކު ކުރި އެންމެ ގިނަ ސޭވް އެވެ. ބެލްޖިއަމަށް އެމެރިކާގެ ގޯލު ހުޅުވާލެވޭ ވަރުވީ އިތުރު ވަގުތުގެ ދެ ވަނަ މިނިޓުގައި ލުކާކޫ ދިން ބޯޅައަކުން ޑި ބުރޫން އެވެ. އޭގެ 11 މިނިޓް ފަހުން ބެލްޖިއަމްގެ ދެ ވަނަ ލަނޑު ޖެހީ ޑެ ބުރޫންގެ ޕާހަކުން ލުކާކޫ އެވެ. އެމެރިކާ ކެޕްޓަން ޑެމްސީގެ ހަމަލާއެއް ބެލްޖިއަމް ކީޕަރު ކޯޓުވާ ދިފާއު ކުރަނީ. --ފޮޓޯ:އޭއެފްޕީ މެޗުގެ ތެރެއަށް އެމެރިކާ އަށް ވަދެވުނީ އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ތެރޭގަ އެވެ. ބަދަލު ކުޅުންތެރިއާ ޖޫލިއަން ގްރީން އެމެރިކާ އަށް ލަނޑެއް ޖަހާ ހިތްވަރު ހޯދައިދީފައި ވަނިކޮށް ކެޕްޓަން ކްލިންޓް ޑެމްސީ އާއި ޖެމައިން ޖޯންސް އަށް ވަނީ ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތު ލިބިފަ އެވެ. އެކަމަކު މި ހަމަލާތައް ވަނީ ކޯޓުވާ ދިފާއު ކޮށްފަ އެވެ. ކުއާޓާ ފައިނަލުގައި ބެލްޖިއަމްއާ ދެކޮޅަށް ނުކުންނާނީ އާޖެންޓީނާ އެވެ. މެޗަށް ފަހު ބެލްޖިއަމްގެ ކޯޗު މާކް ވިލްމޮޓްސް ބުނީ މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅެފައި ބެލްޖިއަމް އަށް ލިބުނީ ހައްގު މޮޅެއް ކަމަށެވެ. އަދި އޭނާ ވަނީ އެމެރިކާ ކީޕަރަށް ތައުރީފްކޮށްފަ އެވެ. "ދެން ހުރިހާ ކަމެއް ހަނދާން ނައްތާލުމަށް ފަހު އަހަރެމެން ޖެހޭނީ އާޖެންޓީނާ މެޗަށް ފޯކަސް ކުރަން،" ވިލްމޮޓްސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ