ސްކޫލް ނިންމާ ދަރިވަރުން ތަމްރީނުކުރަން "ސްޓެޕް" ޕްރޮގްރާމް ފަށައިފި

އޯލެވެލް އިމްތިހާނު ނިންމާ ދަރިވަރުންނަށް ތައުލީމާއި ތަމްރީނު ދޭން ސަރުކާރުން އަލަށް ފަށާ ގައުމީ މަޝްރޫއު "ސްޓެޕް" މިއަދު އިފްތިތާހުކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ހިއުމަން ރިސޯސަސް މިނިސްޓްރީ އަދި ބައެއް ރިސޯޓްތަކުން ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ތަމްރީނުތައް ދެނީ ރިސޯޓްތަކުގަ އެވެ. މި ޕްރޮގްރާމް ފުރިހަމަކުރުމުން ދުނިޔޭގެ ތައުލީމީ ބައެއް އިދާރާތަކުން ގަބޫލުކުރާ ސެޓްފިކެޓެއް ލިބޭނެ ކަމަށާއި އެއަށް ފަހު އިތުރަށް ތައުލީމު ހޯދުމުގެ ނުވަތަ ވަޒީފާ އަދާކުރުމުގެ ފުރުސަތު ދަރިވަރުންނަށް ހުޅުވޭނެ ކަމަށް ވެސް އެ މިނިސްޓްރީތަކުން ބުންޏެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވިދާޅުވީ "ސްޓެޕް" ޕްރޮގްރާމްގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް ތައުލީމާ އެކު ވަޒީފާގެ ފުރުސަތު ތަނަވަސްވާނެ ކަމަށެވެ. އަދި މި ޕްރޮގްރާމްގައި ރާއްޖޭގެ ބޮޑެތި ރިސޯޓުތަކުގެ ތެރެއިން 15 ރިސޯޓެއް ބައިވެރިވެފައިވާ ކަމަށާއި ޕްރޮގްރާމަށް ކުރިމަތިލާ ދަރިވަރުން އެ ރިސޯޓުތަކުގައި ތިބެގެން ތަމްރީނު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ. "މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންގެ ކެއުމާއި އެކަމޮޑޭޝަން އެ ރިސޯޓަކުން ހަމަޖައްސައިދޭނެ. އަދި ދަރިވަރުންނަށް ކޮންމެވެސް ވަރެއްގެ އެލަވަންސެއް ވެސް ރިސޯޓުން ހަމަޖައްސައިދޭނެ،" ޑރ. އާސިމް ވިދާޅުވި އެވެ. ހިއުމަން ރިސޯސަސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ރިފާއު ވިދާޅުވީ ޕްރޮގްރާމްގެ ފުރަތަމަ ތިން މަސް ދުވަހު އެ ރިސޯޓެއްގެ ހުރިހާ ދާއިރާއަކުން އޮރިއެންޓޭޝަން ހިންގުމަށް ފަހު އެ ދަރިވަރަކަށް އެންމެ ރަނގަޅު ދާއިރާއެއް ފާހަގަކޮށް އެ ދާއިރާއަކުން ހަ މަސް ދުވަހުގެ ތަމްރީނު ދޭނެ ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން އަންހެން ކުދިންނަށް ވެސް ޓޫރިޒަމް ދާއިރާ އިން ކުރިއަށް ދެވޭނެ ކަމަށް ރިފާއު ވިދާޅުވި އެވެ. ޕްރޮގްރާމަށް ކުރިމަތިލާ ކުދިން ހޮވައި ނިމުމުން އަންނަ މަހުގެ ތެރޭގައި ޕްރޮގްރާމް އަމަލީ ގޮތުން ފަށަން ވަނީ ހަމަޖައްސާފަ އެވެ. އަދި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފޯމު އަންނަ އާދިއްތަ ދުވަހުން ފެށިގެން ހިއުމަން ރިސޯސަސް މިނިސްޓްރީން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މި ޕްރޮގްރާމްގައި އޯލެވެލް ނުނިންމާ ވަކި ހިސާބަކުން ކިޔެވުން މެދުކަނޑާލާ ދަރިވަރުންނަށް ވެސް ފުރުސަތު ދޭން ވަނީ ހަމަޖައްސާފަ އެވެ. ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ 16 އަހަރުން މަތީގެ ކުދިންނަށް ހާއްސަ ކޮށްގެން ފަށާ މި ޕްރޮގްރާމްގެ ސަބަބުން ޓޫރިޒަމް ދާއިރާ އަށް ތަމްރީނު ލިބިފައިވާ ޒުވާނުންތަކެއް އިތުރުވާނެ ކަމަށެވެ. އަދި މިއީ ކުރިއަށް ދިޔުމަށް ގިނަ ފުރުސަތުތަކެއް ހުރި ދާއިރާއެއް ކަން އޭނާ ފާހަގަކުރެއްވި އެވެ. " ޓޫރިޒަމް ދާއިރާގައި ވަކި އަދަދަކަށް ދިވެހިން ގެންގުޅެން ޖެހޭ. އެކަމަކު ތަމްރީނު ލިބިފައިވާ ދިވެހިން ނެތުމަކީ ކުރިމަތިވެފައިވާ މައްސަލައެއް. މި ޕްރޮގްރާމް ނިންމާފައި އެ ރިސޯޓެއްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ނުވަތަ އެ ދާއިރާއަކުން އިތުރަށް ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ތަނަވަސް ވެފައިވާތީ އަޅުގަނޑު ދަންނަވާނީ މިއީ ޒުވާނުންނަށް ވަރަށް ރަނގަޅު ޕްރޮގްރާމެކޭ،" އަދީބު ވިދާޅުވި އެވެ. ސްޓެޕް ޕްރޮގްރާމް އެންމެ ފުރަތަމަ ހާއްސަ ކުރަނީ ޓޫރިޒަމް ދާއިރާ އަށް ނަމަވެސް ކޮންސްޓްރަކްޝަން ދާއިރާ އާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާތަކުން ތަމްރީނުވުމުގެ ފުރުސަތު ހޯދައިދޭން ވެސް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ