ބަދަލުގެ ގޮތުގައި ހޯދަން އެދޭ އަދަދަށް ލުޔެއް ދެވެން ނޯންނާނެ: ޖީއެމްއާރު

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ހިންގަން ހެދި އެގްރިމަންޓް ބާތިލް ކުރުމުން ދިވެހި ސަރުކާރުން ބަދަލުގެ ގޮތުގައި ހޯދުމަށް ޖީއެމްއާރުން އެދޭ، 1.4 ބިލިއަން ޑޮލަރަށް ލުޔެއް ދެވެން ނޯންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. ސިންގަޕޫރުގައި ނިމުނު އާބިޓްރޭޝަންގެ އަޑުއެހުންތަކާ ގުޅޭ ގޮތުން، އިންޑިއާގެ ބައެއް ނޫސްތަކަށް އެ ކުންފުނީގެ އިސް ބައެއް އޮފިޝަލުން ދެއްވި އިންޓަވިއުތަކުގައި ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރުން އެއާޕޯޓް ހިންގުމުގެ އެގްރިމަންޓް ބާތިލްކުރީ މުޅިން ގޯސްކޮށް ކަމަށެވެ. އެކަމުގެ ސަބަބުން އެގްރިމަންޓްގެ މުއްދަތުގައި އެއާޕޯޓުން އެ ކުންފުންޏަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ ފައިދާ އާއި އެގްރިމަންޓްގެ ދަށުން ކުރި ހަރަދުތަކަށް ވެސް ދިވެހި ސަރުކާރުން އެ ކުންފުންޏަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި ޖީއެމްއާރުން ބަދަލުގައި ގޮތުގައި އެދެމުން އަންނަ 1.4 ބިލިއަން ޑޮލަރު ކުޑަކުރަން ސަރުކާރުން އެދުނު ނަމަވެސް، އެކަމާ މެދު މިހާތަނަށް މަޝްވަރާ ކޮށްފައެއް ނުވެ އެވެ. އަދި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޖީއެމްއާރުގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުގައިވެ އެވެ. ރައީސް އަބްދުﷲ ޔާމީން ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ކޮންމެ ހާލެއްގައި ނަމަވެސް ޖީއެމްއާރަށް ކޮންމެވެސް ބަދަލެއް ދޭން ޖެހޭނެ ކަމަށެވެ. އަދި އެއާޕޯޓް އެގްރިމަންޓް ބާތިލް ކުރީ ދައުލަތަށް ބޭނުންވާ ކަމަކަށް ވެގެންކަން ސާބިތު ކޮށްދެވިއްޖެ ނަމަ އެ ބަދަލު ކުޑަކުރެވޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އެ ބަދަލު ކުޑަކުރުމަށް ކަމަށެވެ. އެއާޕޯޓް ހިންގުމަށް ޖީއެމްއާރާ އެކު ހެދި 25 އަހަރު ދުވަހުގެ އެގްރިމަންޓް ބާތިލް ކުރީ، އެއީ އުފެދުނު އިރުވެސް ބާތިލް އެގްރިމަންޓެއް ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ